
އަންހެން މެންބަރުންގެ ޖުމްލަ އަދަދަށް އައި ތާރީހީ ބަދަލު
މިފަހަރުގެ އިންތިހާބުގައި އަންހެން ކެނޑިޑޭޓުން ވަނީ ސްޓޭޓް ފެންވަރުގައާއި ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް 17 ސްޓޭޓެއްގައި އެއްފަހަރާ އަންހެން ގަވަރުނަރުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔުމެވެ. މީގެ ތެރޭގައި އޮހައިއޯ ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ގަވަރުނަރަކަށް އޭމީ އެކްޓަން ހޮވިފައިވާއިރު، ޓެނެސީ އިންވެސް ވަނީ މާޝާ ބްލެކްބާން އެ ސްޓޭޓްގެ ފުރަތަމަ އަންހެން ގަވަރުނަރު އިންތިހާބުކޮށްފައެވެ. މީގެ އިތުރުން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އަންހެން މެންބަރުންގެ އަދަދު 100 އަށްވުރެ މައްޗަށް ވަނީ ޖެހިލާފައެވެ. ޖުމްލަކޮށް 120 ވަނަ ކޮންގްސްގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު މިހާރު ހުރީ 139 ގައެވެ.
ސައުތު ކެރޮލައިނާގެ ސެނެޓު ތާރީހީ ބަދަލު
އެމެރިކާގެ ސެނެޓް ރޭސްތަކަށް ބަލާއިރު، ސައުތު ކެރޮލައިނާ ގެ ސިޔާސީ ތާރީހުންވެސް ވަނީ މުޅިން އައު ސޮފުހާއެއް ލިޔެވިފައެވެ. އެގޮތުން، އެ ސްޓޭޓްގެ ދިގު ތާރީހުގައި ފުރަތަމަ ފަހަރަށް އެމެރިކާގެ ސެނެޓަށް އަންހެން ކެނޑިޑޭޓަކު ވަނީ އިންތިހާބުކޮށްފައެވެ. މި ތާރީހީ ރެކޯޑު ގާއިމުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އެނީ އެންޑްރޫސް އެވެ. ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޑރ. އެނީ އެންޑްރޫސް މި ގޮނޑި ކާމިޔާބުކުރެއްވީ، ސިއްހީ ދާއިރާއާއި ބަޑީގެ އަނިޔާވެރިކަމުން ކުޑަކުދިން ރައްކާތެރިކުރުމަށް ވަކާލާތުކޮށް، ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކުގައެވެ. މިއީ ސައުތު ކެރޮލައިނާގެ އަންހެނުންގެ ސިޔާސީ ބާރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ނަސްރެކެވެ.
ގަވަރުނަރުންގެ ރޭސް: ބްލެކް، ލެޓީނޯ އަދި ނޭޓިވް އެމެރިކަން ހޯދި ކާމިޔާބީ
ގަވަރުނަރުންގެ ރޭސްތަކުން މިފަހަރު ފެނުނީ މުޅިންވެސް އާ ތާރީހީ ސޮފުހާތަކެކެވެ. ޖޯޖިއާގެ ގަވަރުނަރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތް ކީޝާ ލާންސް ބޮޓަމްސް ވެގެންގޮސްފައިވަނީ އެމެރިކާގެ ތާރީހުގައި ސްޓޭޓެއްގެ ގަވަރުނަރުކަމަށް އިންތިހާބުވި ފުރަތަމަ ކަޅު ނަސްލުގެ އަންހެން ގަވަރުނަރަށެވެ.
ހަމައެހެންމެ، ފްލޮރިޑާ އިންވެސް ވަނީ އެ ސްޓޭޓްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ ގަވަރުނަރަކު އިންތިހާބުކޮށްފައެވެ. އެއީ ރިޕަބްލިކަން ކޮންގްރެސްމެން ބައިރަން ޑޮނަލްޑްސް އެވެ. ވިސްކޮންސިން ގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ ގަވަރުނަރަކަށް ޑޭވިޑް ކްރައުލީ ހޮވިފައިވާއިރު,ނެވާޑާ ގެ ފުރަތަމަ ކަޅު ނަސްލުގެ ގަވަރުނަރަކަށް ހޮވުނީ ޑިމޮކްރެޓް ޕާޓީގެ އެރޮން ފޯޑް އެވެ.
ލެޓީނޯ ކެނޑިޑޭޓުންނަށް ބަލާއިރު، ކެލިފޯނިއާ ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންތިހާބުވި ލެޓީނޯ ގަވަރުނަރުގެ ޝަރަފު ހަވިއޭ ބެސޭރާ ވަނީ ހޯއްދަވާފައެވެ. އަދި ޓެކްސަސް އިން ވަނީ އެ ސްޓޭޓްގެ ފުރަތަމަ ލެޓީނާ އަންހެން ގަވަރުނަރަކަށް ޖީނާ ހިނޮހޯސާ އިންތިހާބުކޮށްފައެވެ. އަދި ނިއު މެކްސިކޯ އިން، އެމެރިކާގެ ކުރީގެ އިންޓީރިއާ ސެކްރެޓަރީ ޑެބް ހާލަންޑް ވަނީ އެމެރިކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސްޓޭޓެއްގެ އެންމެ މަތީ ވެރިޔަކަށް ހޮވުނު އިންޑިޖިނަސް (ނޭޓިވް އެމެރިކަން) ނުވަތަ އަސްލު ވަޒަންވެރި އަންހެން ގަވަރުނަރުގެ މަގާމު ކާމިޔާބުކުރައްވާފައެވެ.
މަރުކަޒީ ސެނެޓަރުން: މުސްލިމް، ނޭޓިވް އެމެރިކަން އަދި އެލްޖީބީޓީކިއުގެ ކުރިއެރުން
މިފަހަރުގެ އިންތިހާބުގައި އެމެރިކާގެ މަރުކަޒީ ސެނެޓަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައިވެއެވެ. މިޝިގަންގެ ސެނެޓް ގޮނޑި ކާމިޔާބުކުރެއްވި އަބްދުއިލް އަލް-ސައިދު ވެގެންގޮސްފައިވަނީ އެމެރިކާގެ ސެނެޓުގެ ތާރީޚުގައިވެސް ގޮނޑިއެއް ކާމިޔާބުކުރެއްވި ފުރަތަމަ މުސްލިމް ކެނޑިޑޭޓަށެވެ.
މީގެ އިތުރުން، މިނެސޯޓާ ގެ ލެފްޓިނަންޓް ގަވަރުނަރުގެ މަގާމުގައި ކުރިން ހުންނެވި ޕެގީ ފްލެނަގަން ވަނީ އެމެރިކާގެ ސެނެޓަށް ހޮވުނު ފުރަތަމަ ނޭޓިވް އެމެރިކަން (އަސްލު ވަޒަންވެރި) އަންހެން ސެނެޓަރުގެ މަގާމު ހޯއްދަވާފައެވެ. ނިއު ހެމްޕްޝަޔާ އިން ކްރިސް ޕެޕަސް ވަނީ އެމެރިކާގެ ސެނެޓަށް ހޮވުނު، އެއްޖިންސުން ގުޅުންހިންގާ ބޭފުޅެއްކަން ފާޅުގައި ހާމަކޮށްފައިވާ ފުރަތަމަ ފިރިހެން ސެނެޓަރަށް ވެވަޑައިގެންފައެވެ. އަދި ޑެލަވެއާގެ ލިސާ ބްލަންޓް ރޮޗެސްޓަރ އާއި މޭރީލޭންޑްގެ އެންޖެލާ އަލްސަންބްރޫކްސް ސެނެޓަށް އިންތިހާބުވުމާއެކު، މިއީ އެމެރިކާގެ ސެނެޓުގައި އެއްފަހަރާ ކަޅު ނަސްލުގެ ދެ އަންހެން މެންބަރުން ސެނެޓުގައި ހިދުމަތްކުރައްވާ ފުރަތަމަ ފަހަރެވެ.
މުސްލިމް މެންބަރުންގެ ގައުމީ ހިއްސާ އިތުރުވުން
މިފަހަރުގެ މިޑްޓާމް އިންތިހާބަކީ އެމެރިކާގެ މަރުކަޒީ އަދި ސަރަހައްދީ ގާނޫނުހަދާ މަޖިލިސްތަކުގައި މުސްލިމުންގެ ބާރު މުޅި އެމެރިކާގައި ވަރަށް ބޮޑަށް ގަދަވެގެންދިޔަ ތާރީހީ ފަހަރެކެވެ. މަރުކަޒީ ކޮންގްރެސްއަށް އެކަނިވެސް މުސްލިމް 7 މެންބަރަކު ވަނީ އިންތިހާބުވެވަޑައިގެންފައެވެ. ސެނެޓަރު އަލް-ސައިދުގެ އިތުރުން، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް އަލަށް ހޮވުނު ބޭފުޅުންގެ ތެރޭގައި ނިއު ޖާޒީން ހޮވުނު އާދަމް ހަމާވީ ހިމެނެއެވެ. އޭނާއަކީ ޔޫއެސް އާމީގެ ކުރީގެ ކޮމްބެޓް ޑޮކްޓަރެއްގެ އިތުރުން، ފަލަސްތީނުގެ ގައްޒާގެ ހޮސްޕިޓަލެއްގައި ވޮލަންޓިއަރު މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި އިންސާނީ ހިދުމަތްތަކެއް ދެއްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން، ނިއު ޔޯކުން ހޮވުނު ޑޭރިއަލައިޒާ އަވީލާ ޝެވަލިއޭ އަކީ ކޮންގްރެސްއަށް ހޮވުނު ފުރަތަމަ ލެޓީނާ މުސްލިމް އަންހެން މެންބަރެވެ. އަދި ފާހަގަކޮށްލެވޭ މުސްލިމް ލީޑަރުން ކަމަށްވާ ރާޝިދާ ތަލީބް، އަންދްރޭ ކާސަން އަދި އިލްހާން އުމަރުވެސް ވެސް ވަނީ ފަސޭހަކަމާއެކު ގޮނޑިތައް ދިފާއުކުރައްވާފައެވެ. މުޅި އެމެރިކާގެ އެކި ސްޓޭޓްތަކުގެ މަޖިލިސްތަކަށް ބަލާއިރު، މުސްލިމް ކެންޑިޑޭޓުން ވަނީ 36 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އިލިނޯއި ގެ ސްޓޭޓް ސެނެޓް ގޮނޑި ކާމިޔާބުކުރެއްވި ނަބީލާ ސައުދު ހިމެނެއެވެ. ޖޯޖިއާގެ ސްޓޭޓް ސެނެޓުން ރުވާ ރޮމާން އާއި ޝެއިހު ރަހްމާން ގޮނޑިތައް ދިފާއުކުރެއްވިއިރު، މިޝިގަންގެ ސްޓޭޓް ސެނެޓުން އައްބާސް އަލަވީހް ވަނީ ތާރީހީ ގޮނޑިއެއް ކާމިޔާބުކުރެއްވާފައެވެ.
އިންޑިއާ އަދި ސައުތު އޭޝިއާ ދަރިކޮޅުގެ ތާރީހީ ލެގަސީ
މިފަހަރުގެ އިންތިހާބުގައި ސައުތު އޭޝިއާ އަދި އިންޑިއާ ދަރިކޮޅުގެ ލީޑަރުން ވަނީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ވަރަށް ވަރުގަދަ ލެގަސީއެއް ގާއިމުކޮށްފައެވެ. މަރުކަޒީ ކޮންގްރެސްގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ބަލާއިރު، އިންޑިއާ ދަރިކޮޅުގެ ފާހަގަކޮށްލެވޭ ލީޑަރުން ކަމަށްވާ ރޯ ކަންނާ، ޕްރަމީލާ ޖަޔަޕާލް، އަމީ ބޭރާ އަދި ސުހާސް ސުބްރަމާނިއަމް ވަނީ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ގޮނޑިތައް ދިފާއުކުރައްވާފައެވެ.
މީގެ އިތުރުން ފްލޮރިޑާގެ 22 ވަނަ ޑިސްޓްރިކްޓުން ޑިމޮކްރެޓިކް އާ ކެންޑިޑޭޓް ޕިއާ ދަންދިޔާ ވަނީ ހައުސްގެ ގޮނޑިއެއް ކާމިޔާބުކުރައްވައި ފަލަ ސުރުހީތަކުން ޖާގަ ހޯއްދަވާފައެވެ. ހަމައެހެންމެ، މޭރީލޭންޑްގެ ލެފްޓިނަންޓް ގަވަރުނަރުގެ މަގާމު އަރޫނާ މިލާ ވަނީ ކާމިޔާބުކަމާއެކު ދިފާއުކުރައްވާފައެވެ. ސްޓޭޓް ލެވެލްގެ ސެނެޓްތަކަށް ބަލާއިރު، އެރިޒޯނާގެ ސްޓޭޓް ސެނެޓަރު ޕްރިޔާ ސުންދަރޭޝަން އާއި ނިއުޔޯކްގެ ސްޓޭޓް ސެނެޓަރު ޖެރެމީ ކޫނީ ވަނީ އަލުން އިންތިހާބުވެވަޑައިގެންފައެވެ.
ފަލަސްތީނު އަދި ސޯމާލީ ދަރިކޮޅު އެމެރިކާގެ ސިޔާސީ ދާއިރާގައި ވަކިހިއްޕަނީ
މި އިންތިހާބުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ އެމެރިކާގެ ސިޔާސީ މަސްރަހުގައި ސޯމާލިއާ އަދި ފަލަސްތީނު ދަރިކޮޅަށް ނިސްބަތްވާ ލީޑަރުންގެ ނުފޫޒާއި ބާރު ގަދަވަމުންދާ މިންވަރެވެ. އެންމެ ފުރަތަމަ ފަލަސްތީނު ދަރިކޮޅުގެ ބޭފުޅުންނަށް ބަލާއިރު، ނިއު ޔޯކް ސްޓޭޓްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސްޓޭޓް ލެޖިސްލޭޓަރަކަށް ފަލަސްތީނު-އެމެރިކާ އަންހެންކެނޑީޑޭޓަކު ވަނީ އިންތިހާބުވެފައެވެ. އެއީ ނިއުޔޯކް ސްޓޭޓް ސެނެޓްގެ 12 ވަނަ ޑިސްޓްރިކްޓް ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ސޯޝަލިސްޓް އެބާ ކަވާސް އެވެ.
ސޯމާލިއާ ދަރިކޮޅަށް ބަލާއިރު، ކޮންގްރެސްގެ މެންބަރު އިލްހާން އުމަރު ވަނީ މިނެސޯޓާގެ 5 ވަނަ ޑިސްޓްރިކްޓުން 5 ވަނަ ދައުރަކަށް ބޮޑު އަގުލަބިއްޔަތަކުން ހައުސްގެ ގޮނޑި ކާމިޔާބުކުރައްވާފައެވެ. ސަރަހައްދީ ގާނޫނުހަދާ މަޖިލިސްތަކަށް ބަލާއިރު، މިނެސޯޓާގެ ސްޓޭޓް ސެނެޓްގައި ހިމެނޭ ޒައިނަބް މުހައްމަދު ވަނީ ކާމިޔާބުކަމާއެކު އޭނާގެ ގޮނޑި ދިފާއުކުރައްވައި ސޯމާލީ ދަރިކޮޅުގެ ބާރު ދަމަހައްޓަވާފައެވެ. އޭނާގެ އިތުރުން މިނެސޯޓާގެ ސްޓޭޓް މަޖިލީހުން ސޯމާލީ ދަރިކޮޅުގެ އިތުރު 5 ބކެނޑިޑޭޓަކު، އުމަރު ފާތިހް، މުހައްމަދު ނޫރު، އަންގުއަމް މަހްމޫދު، އަދި ސަމަކަބް ހުސައިން ވަނީ ގޮނޑި ކާމިޔާބުކުރައްވާފައެވެ. ހަމައެހެންމެ، އޯހިއޯ ސްޓޭޓްގެ މަޖިލީހުންވެސް ސޯމާލީ ދަރިކޮޅުގެ ދެ ޑިމޮކްރެޓުން ކަމަށްވާ އިސްމާއީލް މުހައްމަދު އަދި މުނީރާ ޔާސީން އަބްދުالله ވަނީ ގޮނޑިތައް ކާމިޔާބުކުރައްވާފައެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސްޓޭޓް ސެނެޓްތަކުން ފެނުނު އާ ލީޑަރުން
ގައުމީ ނުވަތަ މަރުކަޒީ ފެންވަރުގައި ގާނޫނުހަދާ މަޖިލީހުގެ ތިރީގޭގެ ރޭސްތަކަށް ބަލާއިރު، ކޮލޮރާޑޯ ސްޓޭޓުން އިންތިހާބުވި މެލާޓް ކީރޯސް ވެގެންގޮސްފައިވަނީ އެމެރިކާގެ ތާރީހުގައި ކޮންގްރެސްއަށް ހޮވުނު ޖެން ޒީ އަށް ނިސްބަތްވާ ފުރަތަމަ ކަޅު ނަސްލުގެ އަންހެން މެންބަރަށެވެ. މީގެ އިތުރުން، ނެބްރަސްކާ ސްޓޭޓުން ހައުސްއަށް އިންތިހާބުވި ޑެނިސް ޕަވެލް ވެގެންގޮސްފައިވަނީ އެ ސްޓޭޓުން ކޮންގްރެސްއަށް ހޮވުނު ފުރަތަމަ ލެޓީނޯ އަންހެން މެންބަރަށެވެ.
ސަރަހައްދީ ނުވަތަ ސްޓޭޓް ސެނެޓްތަކުގެ ބޮޑެތި ބަދަލުތަކަށް ބަލާއިރު، ޓެކްސަސްގެ ސްޓޭޓް ސެނެޓް ގޮނޑި ކާމިޔާބުކުރެއްވި ޖޭމްސް ޓަލަރިކޯ ވަނީ ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން ބަލިކޮށް، ވޭތުވެދިޔަ 38 އަހަރު ދުވަހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓެކްސަސްގެ އެ ގޮނޑި ޑިމޮކްރެޓުންނަށް ފުރޮޅާލަދީފައެވެ.
އެމެރިކާގެ އިންތިހާބުން ދިވެހިން ހާސިލުކުރަންވީ އިބުރަތް
އެމެރިކާގެ މިޑްޓާމް އިންތިހާބުން ފެނިގެންދިޔަ ތާރީހީ ބަދަލުތަކަކީ ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން ވަރަށް ފުންކޮށް ވިސްނައި، އިބުރަތް ހާސިލުކުރަންޖެހޭ ކަންތައްތަކެކެވެ. އެމެރިކާގައި ދިގު މުއްދަތަކަށް ވަޒަންވެރިވެގެން އުޅޭސޯމާލީ، ފަލަސްތީނު، ލެޓީނޯ، އަރަބި އަދި ސައުތު އޭޝިއާގެ ދަރިކޮޅުތަކުން މިއަދު އެގައުމުގެ އެންމެ މަތީ ސިޔާސީ މަގާމުތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ ކޮންޓްރޯލް ހޯދަމުންދާ ދިއުމަކީ، އާބާދީއަށް އަންނަ ބަދަލުތަކާ އެކު ސިޔާސީ ބާރުވެރިކަން އެނބުރިގެންދާނެ ގޮތުގެ ސާފު މިސާލެކެވެ. ރާއްޖެއަށް ބަލާއިރު، މިއަދު ދެކުނު އޭޝިއާގެ މަސައްކަތްތެރިން، ހާއްސަކޮށް ބަންގްލަދޭޝް، އިންޑިއާ ފަދަ ގައުމުތަކުގެ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ދިވެހިންނާ ކައިވެނިކޮށް، ރާއްޖޭގައި އާއިލާ ބިނާކުރަމުންދާއިރު، އުފަންވާ "ދިވެހި-ސައުތު އޭޝިއާ" ޖީލަކީ މުސްތަގުބަލުގައި ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ބައެއްކަން ކަށަވަރެވެ.
މިއީ ހަމައެކަނި ދުރު މުސްތަގުބަލެއްގައި ވާނެ ގޮތެއްގެ ވާހަކައެއް ނޫނެވެ؛ މި ބަދަލުގެ ކުރީމަރުހަލާތައް މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުން ފެންނަން ވަނީ ފަށާފައެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކާއި، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަލާއިރު، "ދިވެހި-ސައުތު އޭޝިއާ" ގެ ދަރިކޮޅަށް ނިސްބަތްވާ މެންބަރުން މިހާރުވެސް އިންތިހާބުވެ، ހިދުމަތް ކުރައްވަމުން އެބަގެންދަވައެވެ. މިއީ ގާނޫނީ ގޮތުންނާއި ރައްޔިތުންގެ ވޯޓުން ފެންނަމުންދާ ހަގީގަތެކެވެ. މިއަދު ރަށު ފެންވަރުގައި ފެންނަ މި ލޯކަލް ތަމްސީލުވުން، ކުރިއަށް އޮތް 15 ނުވަތަ 20 އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ގައުމީ ފެންވަރުގެ ސިޔާސީ މަގާމުތަކަށް ފުޅާވެގެންދިއުމަކީ އެމެރިކާގެ ތާރީހުން ދަސްކޮށްދޭ އެންމެ ބޮޑު އިބުރަތެވެ. ވުމާއެކު، ގައުމެއްގެ އާބާދީގެ އޮނިގަނޑަށް އަންނަ ބަދަލުތަކަކީ ސިޔާސީ ބާރުވެރިކަމާ ސީދާ ގުޅިފައިވާ ކަމެއްކަން ދަނެ، ދިވެހިންގެ އަމިއްލަވަންތަކަމާއި ސިޔާސީ މުސްތަގުބަލާމެދު މިއަދު ހޭލުންތެރިވާން ނުޖެހޭށިތޯއެވެ؟
ނިންމުން
2026 ގެ އެމެރިކާގެ މިޑްޓާމް އިންތިހާބުން ސާފުކޮށްދިނީ ޑިމޮކްރަސީއެއްގެ ސިޔާސީ ބާރުވެރިކަމަކީ ދާއިމީ އެއްޗެއް ނޫން ކަމާއި، އެއީ ގައުމެއްގެ އާބާދީގެ އޮނިގަނޑާއި ހިޖުރަކުރުމުގެ ސިޔާސަތުތަކާ ސީދާ ގުޅިފައިވާ ދިރުންހުރި ނިޒާމެއް ކަމެވެ. އަންހެނުންނާއި، މުސްލިމުންނާއި، ލެޓީނޯ، ސައުތު އޭޝިއާ، ފަލަސްތީނު އަދި ސޯމާލިއާ ދަރިކޮޅުގެ ބޭފުޅުން ހޯއްދެވި މި ތާރީހީ ކާމިޔާބީތަކަކީ އެމެރިކާގެ އަސްލު ސޫރަ ސިޔާސީ މައިދާނުން ފެންނަން ފަށާފައިވާ ކަމުގެ ހެއްކެކެވެ.
ދިވެހިރާއްޖެއަށް އޮތް އަހުރެންގެ އެންމެ ބޮޑު އިރުޝާދަކީ، ނުވަތަ ގައުމުގެ ވެރީންނާއި، ރައްޔިތުންނަށް ދޭން އޮތް ހެޔޮ ނަސޭހަތަކީ ގައުމެއްގެ އާބާދީއަށް އަންނަ ބަދަލުތަކަކީ އެ ގައުމެއްގެ ސިޔާސީ މުސްތަގުބަލާ ވަކިނުކުރެވޭނެ ހަގީގަތެއްކަން ދަނެ، ދިވެހިންގެ އަމިއްލަވަންތަކަމާއި ސިޔާސީ މުސްތަގުބަލާމެދު މިއަދު ހޭލުންތެރިވެ، ދުރުވިސްނޭ ސިޔާސަތުތަކެއް ކަނޑައެޅުމެވެ. ދުނިޔެއަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވައިގެން ތިބުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު މުސްތަގުބަލަށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.




