މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައި އިދާރާ.--
ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖް ލައިސަންސް ބާތިލްކޮށްފި
ހަސަން އިބްރާހީމް 18 ނޮވެމްބަރ 2026 (ބުދަ)   17:56
ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފްވި ތިން ކުންފުންޏެއް ޖޫރިމަނާކޮށް، އެތަންތަނަށް ދޫކޮށްފައި އޮތް މަނީ އެކްސްޗޭންޖް ލައިސަންސް ބާތިލްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފްވުމުގެ ސަބަބުން ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކުރީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

އެލްވީއާރު އައި މޭޑް މަނީ ކުންފުނި 250،000ރ. އިން ޖޫރިމަނާ ކުރިއިރު، މައިޒޯން ޖޫރިމަނާކުރީ 500،000ރ. އިން ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި އެ ތިން ކުންފުނީގެ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ތިން ކުންފުންޏެއްގެ ލައިސަންސް ބާތިލްކޮށް، ޖޫރިމަނާ ކުރިއިރު ގަވާއިދާ ހިލާފަށް ބްލެކް މާކެޓްގައި ބޭރު ފައިސާ މާރުކުރާ ފަރާތްތައް ދެނެގަތުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.

އެގޮތުން ފައިސާ މާރުކުރާ ފަރާތްތަކުގެ މުއާމަލާތްތައް މޮނީޓާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފްވި ބައެއް ފަރާތްތަކަށް މީގެކުރިން ވެސް ފިޔަވަޅު އަޅާފައިވެއެވެ. 

ކޮމެންޓް