މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް މަޝްރޫޢު އާގުޅޭ މުހިއްމު އެއްބަސްވުމެއްގައި ސޮއިކުރުން.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން ޔޫއޭއީ ކުންފުންޏަކާއެކު ސޮއިކޮށްފި
ހަސަން އިބްރާހީމް 16 ނޮވެމްބަރ 2026 (ހޯމަ)   23:17
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް"މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކޮށް، އެ ތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރަން ޔޫއޭއީގެ ސާހް ގްރޫޕާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާއި، ޓޫރިޒަމަށް އެ ސަރަހައްދު ތަރައްގީކުރުން ހިމެނެ އެވެ. އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ހިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމުގެ ޒަމާންވީ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރެއް ގާއިމުކުރުމާއި މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ޓޫރިޒަމާއި އެހެނިހެން ވިޔަފާރި ހިދުމަތްތައް އެކުލެވޭހެން މުޅި ސަރަހައްދު ތަރައްގީކުރުން ހިމެނެ އެވެ.

ބައިނަލްއަގުވާމީ ދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދުގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށް އޮތް އެންމެ އެކަށޭނަ ސަރަހައްދެވެ.

މިގޮތުން 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސާހް ގްރޫޕުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދު އާއި އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމް އާއި ސަހު ގްރޫޕްގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ސީއީއޯ އަހުމަދު އިބްރާހިމް އެވެ. މިއީ ހަކަތައިގެ އިންޑަސްޓްރީގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.

މީގެ ދެ އަހަރު ކުރިން 2024 ނޮވެމްބަރު 9 ގައި ވެސް އިހަވަންދިއްޕޮޅުގައި ބަނދަރެއް ތަރައްގީކޮށް، އެތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރަން ސަރުކާރުން ސޮއިކުރި އެވެ. އެ ފަހަރު ސޮއިކުރީ ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް (ސީއޭއައި) އެކު އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ބަނދަރެއް ތަރައްގީކުރަން ޔޫއޭއީގެ ކުންފުންޏަކާއި ހަވާލުކޮށްފައި މިވަނީ ރަސްމާލެއިން 500 ހެކްޓަރު އެ ގައުމުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލަމުން އަންނަ ދުވަސްވަރެއްގައެވެ.

ކޮމެންޓް