އިހްތިރާމްކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހް ކޮށްދެއްވުން.-- ފޮޓޯ: ރައީސް އޮފީސް
އިހުތިރާމު ކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްފި
14 ނޮވެމްބަރ 2026 (ހޮނިހިރު)   23:59
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ ރިވެތި އާދަތައް އަލުން ދިރުވައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމި ގައުމީ މަޝްރޫއު ކަމަށްވާ "އިހުތިރާމް ކުރުމުގެ ގައުމީ މަޝްރޫއު" މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ޖަމިއްޔާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އިހްތިރާމް އަދާކޮށް، އިސްލާމީ، ތަހުޒީބީ މުޖުތަމައުއަކަށް ވާސިލުވުމުގެ އަޒުމު ކަނޑައަޅަން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވި ގޮތުގައި އިހްތިރާމު ކުރުމަކީ އިންސާނާ ކުރާ، ލޮލަށް ނުފެންނަ މުޑުވައްކުރުމެކެވެ. އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރި ކަމަށާއި އޭގެ ގޮފިތައް އެތައް ކަންކޮޅުތަކަކަށް ފެތުރިގެންދާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އޭގެ މޭވާއަކީ ހިތްތަކަށް ދޭ ފުން ތަސައްލީއެއް ކަމަށާއި ރޫހަށް ލިބޭ ފޮނި ޣިޒާއެއް ކަމަށެވެ.

ޒަމާނީ ނަފުސާނީ އިލްމުގެ ހޯދުންތަކުން އެނގޭ ގޮތުގައި މުޖުތަމައެއްގައި އެކެއް އަނެކެއްގެ ހައިސިއްޔަތަށް އިހްތިރާމު ކުރުމަކީ ކުލުނާއި ގާތްކަން އިތުރުވާކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ މުޖުތަމައަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭކަމެއް ކަމަށެވެ.

އަޒުމު ކަނޑައަޅަންވީ ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ މަތިވެރި ހަމަތަކާ ރީތި މިސާލުތަކާ އެއްގޮތަށް އުޅުންތަކާ ގުޅުންތައް އިސްލާހުކުރުމަށެވެ. އަދި ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދުމަށެވެ.

ފަސް އަހަރު ދުވަހަށް ހިންގާ މި މަޝްރޫއު ރައީސް އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. ހެރިޓޭޖް މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މީގެ މަގުސަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް އަދަބު އިހްތިރާމް ކުރުމާއި، މާތް އަހްލާގީ ސިފަތައް އަލުން ދިރުވައި، ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ޠާހިރުވެފައިވާ ތަހުޒީބު މުޖުތަމަޢެއް ބިނާކުރުން ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް