ފުލުހުން ރ. އަތޮޅުން ހައްޔަރުކުރި 3 މީހުން
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފި
މަރްޔަމް މުހައްމަދު 17 ނޮވެމްބަރ 2026 (އަންގާރަ)   10:28
ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ރ.މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށާ، ނޮވެމްބަރު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ތަލްހަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަހުމަދު ޝާފިއު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާއީލް ރަޝީދު (46އ) ކަމަށެވެ.

"ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ވަނީ ފެނިފައި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމް." - ޕޮލިސް

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަލްހަތު ނަސީމް 10 ދުވަހަށް އަދި އަޙްމަދު ޝާފިއު އާއި އިސްމާއީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާ، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް