ޑްރަގް މައްސަލައިގައި ތިނަދޫ ސިޓީން ފުލުހުން ހައްޔަރުކުރި މީހުން
ތިނަދޫ ސިޓީން އަނެއްކާވެސް ބަޔަކު ހައްޔަރުކޮށްފި، މިފަހަރު ޑްރަގް މައްސަލައެއް
ހަސަން އިބްރާހީމް 1 ނޮވެމްބަރ 2026 (އާދީއްތަ)   11:40
ތިނަދޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގެ ތެރެއިން ތިނަދޫގެ 4 ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވާ މީހުންނަކީ:

  • ގދ. ތިނަދޫ / މިނިވަން އައްސޭރި، އަހުމަދު ހާޝިމް (36އ)
  • ގދ. ތިނަދޫ / ވެހަފުލާ، އަތޫފް އަހުމަދު (25އ)
  • ގދ. ތިނަދޫ / ވިލާޑީލައިޓް، ނާޖިދު އަބްދުﷲ (42އ)
  • ގދ. ގައްދޫ / ފުސްފަރާގެ، މުހައްމަދު ޝާއިފް ޖަލީލް (18އ)

ފުލުހުން ބުނީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ހަތަރު މީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 6.3 ގުރާމް ހުރިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް