ގިރާވަރުފަޅު ޔޫނިއަންގެ ނައިބުރައީސް އަހުމަދު ނަޒީރު - މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ފިޔެސް
ގިރާވަރުފަޅުން ގޯތި ދިނުމުގެ އަމަލީ މަސައްކަތް ހުއްޓާލުމަކީ ވެވޭ ބޮޑު އިހުމާލެއް
"ވެރިކަމަށް ތިން އަހަރު ފާއިތުވެގެންދިޔުމުން، ނެރުއްވި ފޮތުގައި ބޯހިޔާވަހިކަމުގެ ވާހަކަ ހިމަނުއްވާފައި އެވަނީ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސްކަމެއް ކޮށްދެވިފައިވާ ހާލަތެއްގައިތޯ؟" – ގިރާވަރުފަ
ހިޝާމް ހާރޫން 18 ނޮވެމްބަރ 2026 (ބުދަ)   20:13
ނިމިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގިރާވަރުފަޅުގެ ބިންހިއްކައި ގޯތިދިނުމަށް ނިންމާ، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނިކޮށް، ރައީސް މުއިއްޒުގެ މި ސަރުކާރު ވެރިކަމަށް ހަވާލުވުމަށް ފަހު، ގިރާވަރުފަޅުން ގޯތި ދިނުމުގެ އަމަލީ މަސައްކަތް ހުއްޓާލާފައި ވުމަކީ އެތަކެއް ހާސް ރައްޔިތުންނާމެދުގައި މި ސަރުކާރުން ވަމުންދާ ބޮޑު އިހުމާލެއް ކަމުގައި ގިރާވަރުފަޅު ޔޫނިއަންގެ ނައިބުރައީސް އަހުމަދު ނަޒީރު ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ބިމުން ބޮޑުބައެއް މި ސަރުކާރުން ބޭރުބަޔަކަށް ދީގެން، އެ ބިމުގައި ބޭރުމީހުން ވަޒަންވެރިކުރުމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބޯހިޔާވަހިކަމުގެ ޖަމިއްޔާތައް ގުޅިގެން މިއަދު މާގިރިހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަދައްކަވަމުން ނަޒީރު ވަނީ ރައީސް މުއިއްޒުއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

އެގޮތުން ނަޒީރު ވަނީ، ރައީސް މުއިއްޒުގެ މި ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ހަފްލާގައި މުއިއްޒު ނެރުއްވި "ހަފުތާ 156" ފޮތުގައި ބޯހިޔާވަހިކަމުގެ ވާހަކަ ހިމަނުއްވާފައި ވަނީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް މިސަރުކާރުން އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ހާލަތުގައި ކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑުގެ ސުވާލަކަށް އޮތީ މަނިކުފާނު މިހާރު ތިން އަހަރުދުވަސް ފާއިތުވެގެންދިޔައިރު، ގިރާވަރުފަޅަށް ކޮށްދެވިފައި އޮތީ ކޮންކަމެއްތޯއޭ؟ ގިރާވަރުފަޅު މިހާހިސާބަށް ހިއްކިފައި އޮތީ ކިހާ ހިސާބަކަށްތޯއޭ؟ ނެރުނު ފޮތުގައި ތިޔަބޭފުޅާ ވިދާޅުވެފައި އެބައޮތް ބޯހިޔާވަހިކަމަށް އެއްވެސްކަހަލަކަމެއް ކޮށްދެވިފައި ނެތް ހާލަތެއްގައި ތިޔަބޭފުޅާ ކޮށްދެއްވީ ކޮންކަމެއްތޯއޭ؟" - އަހުމަދު ނަޒީރު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ރިޔާސީ ކެމްޕޭންގައި، ކުރީސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އަދި އެއަށްވުރެ ފުރިހަމައަށް އެ މަޝްރޫއުތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ. އަދި އެސަރަހައްދުތަކުގާ ނުހިއްކި ބާކީހުރި ބިންތައް ހިއްކައި، އެ ސަރަހައްދުތަކުން ގޯތި ލިބިފައިވާ މީހުން އެދޭ ޑިޒައިނަކަށް އަދި އެމީހަކުބޭނުންވާ އުސްމިނަކަށް ގެދޮރު އަޅުއްވައި ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ނަމަވެސް، ނިމިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ"ގެ ފުރަތަމަ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް ތިނަކާއި، ގުޅީފަޅާއި، ގިރާވަރުފަޅު، އަދި ދެވަނަ ސްކީމުގެ ދަށުން، އުތުރުތިލަފަޅުގެ ބިންހިއްކައި ގޯތިދިނުމަށް ނިންމާ، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނިކޮށް، ރައީސް މުއިއްޒުގެ މިސަރުކާރުން އެ މަޝްރޫއުތައް މަޑުޖައްސާލުމަށް ފަހު ފެނިގެންދަނީ މާލެއާ މާ ދުރު ސަރަހައްދެއްގައި އޮތް، ފަޅެއް ރަސްމާލޭގެ ނަމުގައި ހިއްކުމަށް އަވަދިނެތި އުޅުއްވާ މަންޒަރުކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންނަށް މިފަދަބޮޑެތި ވައުދުތަކެއްވެ ވެރިކަމަށް ވަޑައިގެން، ވެރިކަމުގެ 5 އަހަރު ދުވަހުގެ ވަޒީފާއާ ހަވާލުވެ، އެ ވަޒީފާގެ 5 އަހަރުގެ ތެރެއިން 3 އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު، އަދި ދައުލަތުގެ ބަޖެޓުން 170 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ޝަކުވާއަކީ މިހާރު ރައްޔިތުންގެ ތެރެއިން އެންމެގިނަބަޔަކު ކުރަމުންއަންނަ އެންމެބޮޑު ޝަކުވާ ކަން ފާހަގަކޮށްލެވެއެވެ.

ގިރާވަރު ފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅީފަޅަށާއި ހުޅުމާލެއަށް ބަދަލުކުރުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަން ފެށުމާ ގުޅިގެން ވެސް މިސަރުކާރުން ތަކުރާރުކޮށް ބުނެފައި ވަނީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނު ނަމަވެސް، އެ މަޝްރޫއު މެދުކެނޑުނަ ނުދީ ކުރިއަށް ގެންގޮސް، އެ ތަނުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ބިން ހިއްކައިދީ ގޯތި ހަވާލުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށާ، ފަހުގެ ތާރީހުތަކުގައި މި މަޝްރޫއުގެ މަސައްކަތްތައް އަލުން ބާރަށް ކުރިއަށް ގެންގޮސް ނިންމުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް