ބޯހިޔާވަހިކަމާބެހޭ ފަސް ޖަމިއްޔާއެއްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން - ފޮޓޯ: ފިޔެސް
ރަސްމާލޭ މަޝްރޫއާދެކޮޅަށް ރައްޔިތުން ތެދުވުމަށް ބޯހިޔާވަހިކަމުގެ ޖަމިއްޔާތަކުން ގޮވާލައިފި
ރަސްމާލެ ބިމުގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މިސަރުކާރުން ނިންމައިފި ނަމަ، އެކަމާ ދެކޮޅު ގައުމީ ހަރަކާތާއި، ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް ވެސް އެޖަމިއްޔާތަކުން މިއަދު ވަނީ ނިންމާފައި
ހިޝާމް ހާރޫން 18 ނޮވެމްބަރ 2026 (ބުދަ)   13:03
ރަސްމާލޭގެ ބިމުން ބޮޑުބައެއް މި ސަރުކާރުން ބޭރުބަޔަކަށް ދީގެން، އެ ބިމުގައި ބޭރުމީހުން ވަޒަންވެރިކުރުމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ބޯހިޔާވަހިކަމުގެ ޖަމިއްޔާތަކުން މިއަދު ގޮވާލައިފިއެވެ.

ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ފަސް ޖަމިއްޔާއެއްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމަށް ގޮވާލާފައި ވާއިރު، މި ބައްދަލުވުމުގައި ހުޅުމާލެ ފޭސް-3 ޔޫނިއަން، ފަހިޔޫނިއަން، އުތުރު ތިލަފަޅު ޔޫނިއަން،  އަދި ގިރާވަރުފަޅު ޔޫނިއަން އާއި، ގުޅީފަޅު ޔުނައިޓެޑް ފްރޮންޓް ފަރާތުން ބައިވެރިވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކާއި ނިންމުންތައް ހިއްސާކުރައްވަމުން ޖަމިއްޔާތަކުގެ ސްޕޯކްސް ޕާސަން ސޮބާހު ރަޝީދު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމެއް ކުއްލިގޮތަކަށް މިއަދު ބާއްވަންޖެހުނީ، ނިމިދިޔަ ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް، މިސަރުކާރުން އިހުމާލުވެފައިވާތީ އަދި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ފުށިދިއްގަރު ފަޅުގައި ހިއްކާފައިވާ ހަމައެކަނި ބިންކޮޅު ކަމުގައިވާ (ރަސްމާލޭގެ ބިން) ބޭރުބަޔަކަށް ހިލޭ ދިނުމަށް މިސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު މިޖަމިއްޔާތަކަށް ނިސްބަތްވާ ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން ކަމަށެވެ.

"ޖުމްލަކޮށް ދިވެހިރާއްޖެއަށް، އަދި ވަކިން ހާއްސަކޮށް ތޮއްޖެހިފައިވާ މާލޭ ސަރަހައްދުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ. މުޖުތަމައުގެ ތެރޭގައި ދިމާވާ ހުރިހާ އިޖުތިމާއީ މައްސަލަތައް ވެސް ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅިފައިވާއިރު، ނިމިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ"ގެ ފުރަތަމަ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް ތިނަކާއި، ގުޅީފަޅާއި، ގިރާވަރުފަޅު، އަދި ދެވަނަ ސްކީމުގެ ދަށުން، އުތުރުތިލަފަޅުގެ ބިންހިއްކައި ގޯތިދިނުމަށް ނިންމާ، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވަނިކޮށް، މިހާރުގެ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި، ކުރީސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެއަށްވުރެ ފުރިހަމަކޮށް އެ މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމަށް ބުނެ ވައުދުވެފައިވޭ." – ސޮބާހު ރަޝީދު

އަދި، އެސަރަހައްދުތަކުގާ ނުހިއްކި ބާކީހުރި ބިންތައް ހިއްކައި، އެ ސަރަހައްދުތަކުން ގޯތި ލިބިފައިވާ މީހުން އެދޭ ޑިޒައިނަކަށް، އެމީހަކުބޭނުންވާ އުސްމިނަކަށް ގެދޮރު އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި، ވިދާޅުވިކަން ފާހަގަކުރައްވަމުން ސޮބާހު ރަޝީދު ވިދާޅުވީ، ރައްޔިތުންނަށް މިފަދަބޮޑެތި ވައުދުތަކެއް ވުމަށްފަހު، ވެރިކަމުގެ 5 އަހަރު ދުވަހުގެ ވަޒީފާއާ ހަވާލުވެ، އެ ވަޒީފާގެ 5 އަހަރުގެ ތެރެއިން 3 އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު، އަދި ދައުލަތުގެ ބަޖެޓުން 170 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި ދެންނެވި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.

"ވީމާ މިދެންނެވި ސަރަހައްދުތަކުން ބޯހިޔާވަހިކަން ލިބިފައިވާ 50 ހާސް އާއިލާއެއްގެ 2 ލައްކައަށްވުރެ ގިނަ ރައްޔިތުން މިކަންކަމުގެ މައްޗަށް ބަސް ނުބުނެ ތިބެއްޖެ ނަމަ، ރައީސް މުއިއްޒުގެ ވެރިކަމުގެ ބާކީ އޮތް 2 އަހަރު ނިންމާލާނީ ވެރިކަމަށް އަންނަން ވޯޓު ހޯދުމަށް ވެފައިވާ ވައުދުތައް ނުފުއްދާ." – ސޮބާހު ރަޝީދު

"ރިޔާސީ ކެމްޕޭނުގައި އެންމެ ގިނައިން މުއިއްޒު ދެއްކި ވާހަކަތަކަކީ، އޭނާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތު ބަލަން ރައްޔިތުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކުރިއިރު، އެ ރައްޔިތުން ދިރިއުޅެނީ ވަރަށްދަތި ތަންތަނުގައި ވަރަށް ދަތިހާލުގައި ކަމަށް. އެހެންގޮތަކަށް ބުނާނަމަ އެ ތަންތަނުގައި މީހުން ނިދަނީ އެކެއްގެ ފައިމަތީގައި އަނެކެއްގެ ބޯއަޅައިގެންކަމަށް" – ސޮބާހު ރަޝީދު

ނަމަވެސް، މުއިއްޒުގެ 5 އަހަރުގެ ދައުރުން 3 އަހަރު ނިމި 170 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލިއިރު އަދިވެސް އެރައްޔިތުން ނިދަނީ ހަމަ އެކެއްގެ ފައިމަތީގައި އެނެކެއް ބޯއަޅައިގެން ކަން ފާހަގަކުރައްވަމުން، ސޮބާހު ރަޝީދު ވިދާޅުވީ، ރައީސް މުއިއްޒު ވެފައިވާ ވައުދު ނުފުއްދާ ވެރިކަމުގެ މި 5 އަހަރު ނިންމާލައިފި ނަމަ، ބޯހިޔާވަހިކަމަށް އެދި އެ އުންމީދުގައި ތިބި އެންމެހާ ރައްޔިތުންގެ ހަޔާތުން 5 އަހަރު ދުވަސް ގެއްލި ދިޔައީކަމަށެވެ.

"ވީމާ، މުއިއްޒުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން، ރިޔާސީ އިންތިހާބުގައި ވައުދުވީފަދައިން، ކުރީސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަސްރޫއުތައް އިތުރަށް ހުއްޓުމެއްނެތި، ވީއެންމެއަވަހަކަށް އެމަސްރޫއުތަކުގެ މަސައްކަތްތައް ނިންމާ، އެ ސްކީމުތަކުން ބޯހިޔާވަހިކަންލިބުނު ރައްޔިތުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެގޮތެއް ހަމަޖައްސައިދިނުމަށް މިޖަމިއްޔާތަކުން ރައީސް މުއިއްޒުއަށް ގޮވާލަން." – ސޮބާހު ރަޝީދު

އެހެންކަމުން، މިހިނދުން މިހިނދަށް، މި މަޝްރޫއުތަކުގެ މަސައްކަތް މި ސަރުކާރުން ފަށައިގެން ކުރިއަށް ނުގެންގޮސްފި ނަމަ، ނިމިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ ސްކީމް އެކަކާއި ސްކީމް ދޭކުން ބޯހިޔާވަހިކަމަށް އެދިފައިވާ 50 ހާސް އާއިލާގެ 2 ލައްކައަށް ވުރެ ގިނަ ރައްޔިތުން އިހުތިޖާޖުކުރަން ނުކުތުމަށް އެ ޖަމިއްޔާތަކުން ގޮވާލާ ކަމަށް ވެސް  ސޮބާހު ރަޝީދު ވަނީ ވިދާޅުވެފައެވެ.

"ސަބަބަކީ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ބާކީ އޮތީ 2 އަހަރުކަމަށް ވެފައި، ފާއިތުވި 3 އަހަރު ތެރޭގައި 170 ބިލިއަންގެ ބަޖެޓު ހުސްކޮށްލާފައި ވާއިރު، މިދެންނެވި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންގޮސްފައި ނުވާތީ. އަދި ބާކީއޮތް 2 އަހަރުގެ ބަޖެޓުން މި މަޝްރޫއުތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ، މިކަމަކީ ރައީސް މުއިއްޒުއަށް ވެރިކަމުގެ ވަޒީފާ ހަވާލުކުރުމުން 2 ލައްކައެއްހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބިގެންދިޔަ ބޮޑުގެއްލުމަކަށް ވެގެން ދާނެ. ވީމާ ބޯހިޔާވަހިކަމުގެ އެކިއެކި ސްކީމްތަކަށް ފޯމް ހުށަހަޅާފައިވާ އެންމެހާ ރައްޔިތުންނާއި، އަދި ހިއްކާފައިވާ ބިންތަކުގެ ތެރެއިން އަސާސީ ޚިދްމަތްތަށް ޤާއިމްކޮށްފައިނުވާ ބިންތަކަށް ނިސްބަތްވާ ރައްޔިތުން ހައްގު ހޯދުމަށް ތެދުވުމަށް މިޖަމިއްޔާތަކުން ގޮވާލަން." – ސޮބާހު ރަޝީދު

ދިވެހި ރައްޔިތުން ބޯހިޔާވަހިކަމަށް ނުހަނު ބޭނުންވެފައިވަނިކޮށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ދިނުމަށް ހިއްކާފައި އޮތް ހަމައެކަނި ބިން ކަމަށްވާ ރަސްމާލޭގެ ބިމުގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މި ސަރުކާރުން ނިންމައިފި ނަމަ، ރަސްމާލޭގައި ބޭރުމީހުން ވަޒަންވެރިކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ގައުމީ ހަރަކާތާއި، އަދި ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައި ވާކަން ވެސް އެ ޖަމިއްޔާތަކުން މިއަދު ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ފަސް ޖަމިއްޔާއެއްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނިންމާލާފައި ވަނީ، ރަސްމާލޭގެ ބިމުގައި ބޭރުމީހުން ވަޒަންވެރި ކުރުމާ ދެކޮޅަށް އެންމެހާ ރައްޔިތުން ތެދުވުމަށް އެ ޖަމިއްޔާތަކުން ތަކުރާރުކޮށް ގޮވާލަމުންނެވެ.

ކޮމެންޓް