
ފަހި ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މަދަނީ ޖަމިއްޔާ ކަމަށްވާ، ފަހި ޔޫނިއަންއިން މިކަމަށް ގޮވާލާފައިވަނީ، ރަސްމާލޭގެ ބިމުން ބޮޑުބައެއް މި ސަރުކާރުން ބޭރުބަޔަކަށް ދީގެން، އެ ބިމުގައި ބޭރުމީހުން ވަޒަންވެރިކުރުމާ ދެކޮޅަށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ބޯހިޔާވަހިކަމުގެ ޖަމިއްޔާތައް ގުޅިގެން މާގިރިހޮޓެލްގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާކަމުގެ މައްސަލަތަކާއި ގުޅިގެން ފަހިޔޫނިއަންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން ފަހި ޔޫނިއަންގެ ރައީސް އިބްރާހީމް ނޫރައްދީން (ނޫރު) ވިދާޅުވީ، ކުރީސަރުކާރުން އެ 4000 ފުލެޓަށް ކަނޑައެޅި އަގަށް ކުލި ބަދަލުކޮށް އެސަރަހައްދުގެ މަގުތަށް ހައްދަވާދެއްވާ، ހުޅުމާލެ ފޭސް-2 އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ ތަނަކަށް ވެފައި، ދޮށީ އުމުރުގެ މީހުން ހިތްފަސޭޙހަ ކޮށްލާނެ ސަރަހައްދުތަކާއި، ކުޑަކުދިންކުޅޭ ޕާކުތަކާއި، އަދި ޒުވާނުން ކުޅޭނެ ފުޓްސަލް ދަނޑުތައް ވީއެންމެ އަވަހަކަށް ގާއިމްކޮއްދިނުމަށް މި ސަރުކާރަށް އެ ޔޫނިއަންގެ ފަރާތުން ގޮވާލާ ކަމަށެވެ.
ނޫރު ވިދާޅުވީ، އޭރުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އުއްމީދުތަކެއްދީ، އިތުރުފުޅު ހައްދަވާފައި ކަމަށާ މިކަމުގެ ސަބަބުން 2 ލައްކައެއްހާ ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތައް ވަނީ ގެއްލިފައި ކަމަށާ، ގެދޮރުވެރިޔާ ފުރަތަމަ ސްކީމުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ 13,763 މީހުންގެ ތެރެއިން 4,000 ފަރާތަކަށް ނިމިދިޔަ ސަރުރުކާރުން ފްލެޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވީ ނަމަވެސް، އޭގެތެރެއިން ގިނަ އަދަދެއްގެ އާއިލާތަކަށް މިސަރުކާރުން ފުލެޓް ހަވާލުކޮށްފައި ނުވާކަމަށެވެ.
އަދި މިސްކީމުން ޝަރުތު ފުރިހަމަވެ، ފުލެޓް ލިބިފައި ނުވާ 9,763 ފަރާތަކަށް ބޯހިޔާވަހިކަށް ފޯރުކޮށް ދިނުމަށް ނިމިދިޔަ ސަރުކާރުން ފައިނޭންސް ހަމަޖައްސައި މަސައްކަތް ހަވާލުކޮށްފައިވާއިރު މިއަދާ ހިސާބަށް އައި އިރުވެސް ފުލެޓް އަޅަން ފައްޓާފައި ނުވުމަކީ އެފަރާތްތަކަށް ލިބުނު ނިކަމެތިކަމެއް ކަމުގައި ދެކޭކަމަށް ވެސް ނޫރު ވިދާޅުވިއެވެ.
"ނިމިދިޔަ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ހުޅުމާލެއިން ފްލެޓަށްއެދި 21,347 މީހުން އަދި އުތުރު ތިލަފަޅުން ގޯއްޗަށް އެދި 19,247 ފަރާތެއް ކުރިމަތިލައި، ލިސްޓް ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފައިވީ ނަމަވެސް ދެވަނަ ބުރުގެ ފޯމްތައް އިވެލުވޭޓް ނުކޮށް، މިސަރުކާރަށް 3 އަހަރުދުވަސް ފާއިތުވެގެން ދާއިރު ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްކޮށްފައި ވާކަން ފާހަގަކުރަން. އަދި ނިމިދިޔަ ސަރުކާރުން ދޭން ނިންމާފައިވާ ފުލެޓާއި ގޯތި ނުދޭނެ ކަމަށް ޑރ. މުއިއްޒު ރިޔާސީ އިންތިހާބަށް ބުނެ އިންތިހާބާއި ކުރިމަތިލިނަމަ، ރިޔާސީ އިންތިހާބު ކާމިޔާބުކޮށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ޑރ. މުހައްމަދު މުއިއްޒުއަށް އާދެވުމަކީ ނާދިރު ކަމެއްކަމުގައި ދެކެން." – އިބްރާހީމް ނޫރައްދީން
އަދި މީގެއިތުރުން، ހުޅުމާލެ އުތުރު ދާއިރާގެ ހިޔާ ފުލެޓް ސަރަހައްދުގެ ރައްޔިތުން ދިރި އުޅެމުންދަނީ ވަރަށް ނިކަމެތި އެހާމެ ދަތިހާލުގައިކަން ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދެއްވާ ކަމަށް ވިދާޅުވެ، ނޫރު ވިދާޅުވީ، ހިޔާ ސަރަހައްދުގެ ހާލު ބައްލަވާ އެކަމަށް އަވަސް ހައްލުތަކެއް ގެނެސްދިނުމަށްވެސް ރައީސް މުއިއްޒުއަށް ގޮވާލައްވާ ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރަސްމާލޭ މަޝްރޫއާދެކޮޅަށް ރައްޔިތުން ތެދުވުމަށް ބޯހިޔާވަހިކަމުގެ ޖަމިއްޔާތަކުން ގޮވާލާފައި ވެއެވެ. އަދި ރަސްމާލޭގެ ބިމުގައި ބޭރުމީހުން ވަޒަންވެރި ކުރުމަށް މިސަރުކާރުން ނިންމައިފި ނަމަ، އެކަމާ ދެކޮޅު ގައުމީ ހަރަކާތާއި، ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތްކުރުމަށް އެޖަމިއްޔާތަކުން ނިންމާފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަމުގައި ވަކާލާތުކުރާ ފަސް ޖަމިއްޔާއެއްގެ ފަރާތުން ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ހުޅުމާލެ ފޭސް-3 ޔޫނިއަން، ފަހިޔޫނިއަން، އުތުރު ތިލަފަޅު ޔޫނިއަން، އަދި ގިރާވަރުފަޅު ޔޫނިއަން އާއި، ގުޅީފަޅު ޔުނައިޓެޑް ފްރޮންޓް ފަރާތުން ބައިވެރިވެފައި ވާއިރު، އެ ބައްދަލުވުމުގައި، ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކާއި ނިންމުންތައް ހިއްސާކުރައްވާ ވާހަކަ ދައްކަވަމުން އެ ޖަމިއްޔާތަކުގެ ސްޕޯކްސް ޕާސަން ސޮބާހު ރަޝީދު ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމެއް ކުއްލިގޮތަކަށް ބާއްވަންޖެހުނު ސަބަބަކީ، ނިމިދިޔަ ސަރުކާރުން ފޯރުކޮށްދީފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް، މިސަރުކާރުން އިހުމާލުވެފައިވާތީ އާއި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމަށް ފުށިދިއްގަރު ފަޅުގައި ހިއްކާފައިވާ ހަމައެކަނި ބިންކޮޅު ކަމުގައިވާ (ރަސްމާލޭގެ ބިން) ބޭރުބަޔަކަށް ހިލޭ ދިނުމަށް މިސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އެ ޖަމިއްޔާތަކަށް ނިސްބަތްވާ ރައްޔިތުންގެ ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން ކަމަށެވެ.




