
ފައިސަލްގެ ރަނިންގ މޭޓް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އާއި އެ ޓީމުގެ އިސް ބައެއް ބޭފުުޅުން ވެސް ބައިވެރިވެ ވަޑައިގެން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާ ކެމްޕެއިން ފައްޓަވާފައިވާ ފައިސަލް ވިދާޅުވީ، އެ މަޝްރޫއަކީ ރައްޔިތުންނަށް ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުންވާ މަޝްރޫއެއް ކަމަށާއި، ގެއްލުންވާ ކަމެއް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. އަދި އެއީ ދީނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ވިދާޅުވެ، އެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، އެކަމާ ދެކޮޅަށް ކުރާ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފައިސަލް ފާހަގަކުރެއްވި ގޮތުގައި، މި ފަހުގެ ތާރީހެއްގައި މިހާ ބޮޑަށް ރައްޔިތުން ކަމަކާ މެދު ކަންބޮޑުވުން ފާޅުކުރިތަން މީގެ ކުރިން ފެނިފައެއް ނުވެއެވެ. އެހެންކަމުން، ރައްޔިތުންގެ މި ބޮޑު ދެކޮޅުހެދުމާ އެކު ވެސް ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ އެދެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް އަށް ދޭން ސަރުކާރުން ނިންމާފައިވަނީ ކުރިން އިއުލާން ކުރުމަކާ ނުލައި، ބިޑު ވެސް ނުކޮށް، ސިއްރުވެރި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރުން ބުނަނީ އެ ބިން ކުއްޔަށް ދެނީ 99 އަހަރަށް ކަމަށް ވީނަމަވެސް އީގަލް ހިލްސް އިން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަށް އެ ބިން ލިބެނީ ދާއިމީ ގޮތެއްގައެވެ.
އެ ކުންފުނިން ބުނާ ގޮތުގައި، 99 އަހަރަށް ފަހު ވެސް ވާރުތައިން ނުވަތަ ވިއްކައިގެން އެހެން ބަޔަކަށް ބިން ދިނުމާ އެކު އަނެއްކާ ވެސް 99 އަހަރު ގުނަންޖެހޭ ގޮތަށް އޮތުމުން އެކަން އެހެން ވަނީއެވެ.
މީގެ އިތުރުން، ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެ ގުޅުމުގެ މެމްބަރުންނަށް މައުލޫމާތު ދެއްވިއިރު ވެސް އެކަން ފާހަގަކުރައްވާފައިވާ ކަމަށް ރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން ވެސް ވަނީ ބުނެފައެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެސް ރަސްމާލޭގެ މަޝްރޫއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ރަސްމާލެ މަްޝްރޫއުއާ ދެކޮޅަށް ބާއްވާ އެއްވުންތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައި ވާއިރު، ރަސްމާލެ މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު މުޒާހަރާއަށް ނުކުތުމަށް އެމްޑީޕީން ވަނީ ނިންމާފައިކަން ފާހަގަކޮށްލެވެއެވެ.
އަދި އަންނަ ޑިސެމްބަރު މަހުގެ 3 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް، ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުން ވެސް ވަނީ ހާމަކޮށްފައެވެ.
މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ވެސް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެ އެއްވުމުގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެރޭ ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.




