ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް.-- ފޮޓޯ: މަޖިލިސް
ރަސްމާލެ މައްސަލާގައި އާންމު ވޯޓެއް ނަގަން ހުށަހެޅި ގަރާރު ކޮމިޓީއަށް
ހިޝާމް ހާރޫން 23 ނޮވެމްބަރ 2026 (ހޯމަ)   12:00
ފުށިދިއްގަރު ފަޅުގައި ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ މި ހިނގާ ނޮވެމްބަރު 2، ގަ އެވެ.

މި ގަރާރު އިތުރަށް ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ.

އެ ގާނޫނާ ގުޅިގެން އަމަލުކުރަންވީ ގޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެއެވެ.

މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ހާލަތްތަކުގައި މަޖިލިސް މެންބަރަކަށް ވެސް ނުވަތަ މަޖިލީހުގެ ރައީސްއަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.

އެފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި ނަމަ، އެކަން މަޖިލީހުގައި އިއުލާނު ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި އެ ގަރާރު ދިރާސާ ކުރަން މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ނުވަތަ ވަގުތީ ކޮމިޓީއަކަށް ފޮނުވަންވާނެ ކަމަށް ހަމަ އެ މާއްދާގެ ނ. ގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ ގަރާރެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ގޮތް ބަޔާން ކޮށްފައި އޮންނަނީ މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގަ އެވެ. ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް މަޖިލީހަށް ހުށަހަޅާ ގަރާރެއް ދިރާސާކޮށް ފުރިހަމަކުރުމަށްފަހު، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށް އެ މާއްދާގެ ހ. އަދި ށ. ގައި ބަޔާންކޮށްފައި އޮވެއެވެ.

ކޮމެންޓް