
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ރަސްމާލޭގެ މައްސަލައިގައި އާންމު ރައްޔިތުންގެ ޝުއޫރު ހުރި ގޮތް މަޖިލީހުގެ މެމްބަރުންނަށް ވެސް މިހާރު ސާފުވާނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ މެމްބަރުން ކުރައްވަމުން ގެންދަވަނީ ބޮޑު ކުށެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ ރުހުން ނެތް ކަމަކަށް މަޖިލީހުން ތާއީދުކުރާ ނަމަ، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭ ވަގުތު އަވަހަށް އަންނާނެކަން ހަނދާނުގައި ބެހެއްޓުމަށް ޔާމީން ވަނީ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
މަޖިލީހުގެ މެމްބަރުންނަށް އިންޒާރު ދެއްވަމުން ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ކުރައްވާ ނުބައި ކަމެއް ރަނގަޅުކޮށްދޭން އުޅުނަސް އެކަން ވާނީ ހަމަ ނުބައި ކަމަކަށް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ތެރޭގައި "ޖަހާ ސަކަރާތް ހުއްޓާލުމަށް" އެމަނިކުފާނު ގޮވާލެއްވި އެވެ.
މީގެ އިތުރުން، ބިންތަކާ ގުޅޭގޮތުން ފެތުރޭ ވާހަކަތައް ބަލައި، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ނުކޮށްފި ނަމަ، އެ ކޮމިޝަނުގައި ތިބި ބަޔަކު ބޮޑެތި ސުވާލުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ފްރޮންޓް އޮފީސް ޖަލްސާގައި ޔާމީން ރޭ މިފަދައިން ވިދާޅުވެފައި ވާއިރު، ރަސްމާލެ މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު މުޒާހަރާއަށް ނުކުތުމަށް އެމްޑީޕީން ވަނީ ނިންމާފައިކަން ފާހަގަކޮށްލެވެއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 3 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް، ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުން ވެސް ހާމަކޮށްފައިވެއެވެ.
މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ވެސް ގައުމީ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެ އެއްވުމުގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެރޭ ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.




