
އެމްޑީޕީން އިންތިޒާމްކޮށްގެން ބާއްވާ "ފުދިއްޖެ ފުނޑިއްޖެ" ބޮޑު ހިނގާލުން ފެށިގެން ކުރިއަށް އެބަދެއެވެ.
މި ހިނގާލުމުގެ ބައިވެރިން މިހާރު ދަނީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ހިނގަމުންނެވެ.
މި ހިނގާލުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރު މިހާރު އަޑު އައްސަވަން އެބަޖެހޭ ކަމަށާ، ރައްޔިތުން ދޭން ބޭނުންވާ މެސެޖް މިސަރުކާރަށް މިވަރުން ފެންނަން ވާނޭކަމަށެވެ.
އަދި ސަރުކާރުގެ ވައުދުތައް ނުފުއްދުނުކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެއްޖެ ކަމަށާ، ސަރުކާރުން ރައްޔިތުން ބިކަކޮށްލުމުން މިހާރު ރައްޔިތުންނަށް ފުދިއްޖެ ކަމަށެވެ.
އެމްޑީޕީމް އިންތިޒާމްކުރި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
ވާރޭވެހި މޫސުން ގޯސްވި ނަމަވެސް މި ހިނގާލުމަށް ނުކުތް މީހުންގެ އަދަދު ނުހަނު ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހިނގާލުމުގެ ބައިވެރިންގެ ސަފު ގާތްގަނޑަކަށް އަމީނީ މަގުގެ ދެބައިކުޅައެއްބައި ފުރިގެންދާ ވަރަށް ދިގުކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީމް އިންތިޒާމްކުރި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
އަމީނީ މަގުން އިރަށް މިހާރު ހިނގާލުމުގެ ބައިވެރިން ކުރިއަށްދާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ތިންބާރު ވަކިވެފައި އޮތް ނިޒާމު ގަޑުބަޑުވަމުން ގޮސް ޑިމޮކްރަސީގެ ސިފަތައް ގެއްލި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ރާއްޖޭގެ ވެރިކަން ދާތީ އެކަމާ ރައްޔިތުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
"ފުދިއްޖެ ފުނޑިއްޖެ" ނަމުގައި އިންތިޒާމު ކުރާ މި ހިނގާލުމަކީ ރައީސް މުއިއްޒުގެ ބާރުން ގާނޫނު އަސާސީ އަށް ކުއްލި ބަދަލެއް ގެނެސް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވާފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ހިނގާލުމެއްކަން އެމްޑީޕީން ދަނީ ތަކުރާރުކޮށް އިއުލާންކުރަމުންނެވެ.
އެމްޑީޕީމް އިންތިޒާމްކުރި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
މި ހިނގާލުމުގައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވީ، މިހާރު މި ސަރުކާރާދެކޮޅަށް ނުކުމެފައިވާ ރައްޔިތުންގެ އަދަދު ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވަން ވާނެ ކަމަށާ، ރައީސް މުއިއްޒުއަށް ދަންނަވާލަން އޮތީ، ޤާނޫނު އަސާސީ ފުނޑާލާ ރައްޔިތުންގެ މަޖިލިސް ވާކޮށްލާ ރައްޔިތުންގެ އަޑު ކަނޑުވާލީމާ ދެން އަޅުގަނޑުމެންނަށް އޮތީ ހަމަ ނުކުމެ މަގުމަތިން ތިޔަ ބޭފުޅުންނަށް އަޑު އިއްވުން ކަމަށެވެ.
"ވެރިކަން ކުރައްވާ އެއްވެސް ބޭފުޅަކު ގަބޫލު ކުރައްވައިގެން ނުވާނެ އެބޭފުޅެއްގެ ހައްގެކޭ، އެބޭފުޅެއްގެ މިލްކެކޭ ދިވެހި ގައުމަކީ. އަޅުގަނޑުމެން ނުތިބޭނަން ބަލާކަށް މިގައުމަށް ކޮންމެ ކޮންމެ ގޮތެއް ވާކަށް." - ހިނގާލުމުގެ ބައިވެރިން.
އެމްޑީޕީމް އިންތިޒާމްކުރި "ފުދިއްޖެ ފުނޑިއްޖެ" ހިނގާލުމުގެ ތެރެއިން - ފޮޓޯ:އެމްޑީޕީ
"ފުދިއްޖެ ފުނޑިއްޖެ" ބޮޑު ހިނގާލުމުގެ ބައިވެރިން މިހާރު ދަނީ އެނބުރި އާޓިފިޝަލް ބީޗާދިމާއަށް ދަތުރުކުރަމުންނެވެ.
އާޓިފިޝަލް ބީޗަށް އެނބުރި އައުމަށްފަހު "ފުދިއްޖެ ފުނޑިއްޖެ" ބޮޑު ހިނގާލުން މިރޭގެ 11 ގަޑި 11 މިނެޓުގައި ނިންމާލައިފިއެވެ.
ހިނގާލުން ނިންމާލަމުން ފަހުބަސް ބުނުމުގެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވީ، އަދި މިއީ އެމްޑީޕީގެ އިސްލާހީ މަސައްކަތުގެ ފެށުމެއް ކަމަށާ، ކުރިއަށް ކުރަންހުރި މަސައްކަތްތައް ވަރަށް ބޮޑު ކަމަށެވެ. އަދި އެމްޑީޕީގެ މި މަސައްކަތްތައް ހުއްޓައިނުލާ ސިލްސިލާކޮށް ކުރިއަށްގެންދާނެ ކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ތަކުރާރުކޮށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.




