
ޕީޖީ ޢައްބާސް މިފަދައިން ވިދާޅުވީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ކޯޓުތައް ފިޔަވައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، އިއްޔެ ބޭއްވި "ބަންދު ފޯރަމް" ގައެވެ.
ޕީޖީ އޮފީހުން އިންތިޒާމުކުރި "ބަންދު ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުން ހުށަހެޅޭ ޝަކުވާތައް ގިނަ ކަމަށާއި އެހެންނަމަވެސް ޝަރީއަތް ނިމެންންދެން ބަންދުކުރުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅިން ހުއްޓާލެވޭނެ ކަމެއް ނޫންކަމަށެވެ. މިހާރުވެސް ވާނުވާ ބަންދުގައި 435 މީހަކު ތިބިއިރު، އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް ކަމަށާ، އެކަންކަން ހައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ދުރު ރާސްތާގެ އަމާޒަކީ ޢަދުލުގެ މި ނިޒާމުގެ ތެރޭގައި ހުރި މިކަހަލަ މައްސަލަތައް ވަކިވަކިން ފާހަގަކޮށް، އެކަންކަމަށް ފޯކަސްކޮށްގެން ވަކިވަކިން އެ މައްސަލަތައް ޙައްލުކުރުން. މި ނިޒާމުގައި ހުރި މިކަހަލަ ކޮށިއެރުންތައް ނައްތާލުން. އާޚިރު ނަތީޖާއަކަށްވާނީ، މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބިގެންދިއުން." ޕީޖީ ޢައްބާސް ވިދާޅުވިއެވެ.
މި ފޯރަމްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދެއްކެވި އިދާރާތަކުގެ އިސްވެރިންވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގައި ޙައްލުކުރަންޖެހޭ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް ޝަރީޢަތް ނިމެންދެން (ވާނުވާ) ބަންދުގައި މިހާރު ތިބި މީހުންނަކީ ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބުތަކެއް ހުރެގެން ބަންދުގައި ތިބި ބައެއްކަމަށް ހުރިހާ އިދާރާތަކެއްގެ ވެރިންވެސް އެއްބަސްވިއެވެ.
މި ޕެނަލް ޑިސްކަޝަންގައި ޕްރޮސިކިއުޓަރ ޖެނެރަލާއި، ހޯމް މިނިސްޓަރާއި، ބަންޑާރަނައިބާއި، ޕޮލިސް އަދި ކަރެކްޝަންސް ކޮމިޝަނަރުން ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ގާނޫނީ ވަކީލު ޙަމްޒާ ލަތީފް އާއި ބާ ކައުންސިލްގެ މެންބަރު އަދި ގާނޫނީ އިބްރާހީމް ޝަމީލް ބައިވެރިވެވަޑައިގަތެވެ. މި ޕެނަލް ޑިސްކަޝަން މޮޑަރޭޓް ކުރެއްވީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު މުޢިއްޒެވެ.
މި ފޯރަމްގެ ޕެނަލް ޑިސްކަޝަން މީޑިއާއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ނަމަވެސް, ފަންނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާއަށް ހުޅުވާނުލައެވެ. ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، ޝަރީޢަތްތައް އަވަސްކުރުމަށް މަގުފަހި ކުރުމަށްޓަކައި އިދާރާތަކުންއަޅާނެ ފިޔަވަޅުތަކާއި, ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ ބަދަލުގައި، އެޅިދާނެ އެހެން ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އެޅުމަށް މިހާރު އޮތް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި، މޮނިޓަރިންގ މެކޭނިޒަމެއް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކުން ތައްޔާރުވެފައިވާ މިންވަރާ ގުޅޭގޮތުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.
މި ފޯރަމްގައި ކުރެވުނު ފަންނީ މަޝްވަރާތަކުގައި އިދާރާތަކުން އެންޑޯޒްކޮށްފައިވާ ހައްލުތައް ތަންފީޒު ކުރެވޭކަން ޕީޖީ އޮފީހުން ކަށަވަރު ކުރާނެ ކަމަށާއި "ބަންދު ފޯރަމް" ސިލްސިލާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.




