ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށާއި ބަދަލު ކުރާނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށެވެ. އެހެންކަމާއެކު ގާނޫނުއަސާސީ ބަދަލު ކުރުމުގެ ސީދާ ބާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.
"އަޅުގަނޑަށް ލަފާކުރެވިފައި އޮންނަނީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު އޮތީ މަޖިލީހަށް ކަމަށް. ގާނޫނުއަސާސީ ގެ ނަޒަރުގައި، ގާނޫނުއަސާސީ ބަދަލު ކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް. އަދި ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަނީ ސީދާ ރައްޔިތުންނަށް ކަމަށް." ރައީސް ނަޝީދުގެ ޕޯސްޓްގައި ވެއެވެ.
ރައީސް ނަޝީދުގެ ޕޯސްޓްގައި މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ސީދާ އިޝާރާތް ނުކުރެއްވި ނަމަވެސް، އެ ވާހަކަ އަކީ އެ މައްސަލައާ މުނާސަބު ވާހަކަ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވިއިރު ތިބި ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ މެދު ގާނޫނީ ވަކީލުންނާއި ސިޔާސީ ލީޑަރުންގެ މެދުގައިވެސް ޚިޔާލު ވަނީ ދެކަފި ވެފައެވެ.
ސުޕްރީމް ކޯޓުގެ ދެ އަޑުއެހުމުގައިވެސް ދައުލަތް ތަމްސީލު ކުރެއްވި ބަންޑާރަނައިބް އޮފީހުގެ ވަކީލު، ވަކާލާތު ކުރެއްވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިނާއި އޭނާގެ ވަކީލު، ވަކާލާތު ކުރެއްވީ އެއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވެއެވެ.
އިއްޔެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށެވެ.