ތ.މަޑިފުށި
ރޭޕްގެ ތުހުމަތުކުރި މީހަކު މަރުވުމާ ގުޅިގެން މަޑިފުށީގައި މުޒާހަރާކޮށްފި
މަރްޔަމް މުޙައްމަދު 27 ފެބްރުއަރީ 2025 (ބުރާސްފަތި)   10:55
އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުކުރި ފިރިހެނަކު މަރުވުމާ ގުޅިގެން ތ.މަޑިފުށީގައި ރޭ މުޒާހަރާކޮށްފިއެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ރޭޕް ކުރި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށާފައި ވަނިކޮށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެންމީހާ ރޭ އަމިއްލައަށް މަރުވެފައި ވާއިރު، އެއީ 63 އަހަރުގެ މީހެއް ކަމަށާ، ރޭޕްކުރިކަމަށް ބުނާ އަންހެންމީހާ އަކީ 40 އަހަރުގެ އަންހެނެއް ކަމަށް ވެސް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

ފިރިހެން މީހާގެ އާއިލާއިން އަންހެން މީހާގެ ގޭގެ ކައިރިއަށް އެއްވެ މުޒާހަރާކުރީ، އޭނާ މަރުވީ ރޭޕްކުރިކަމަށް ބުނެ އޭނާގެ ބޮލުގައި އެޅުވި ދޮގު އިލްޒާމެއްގެ ސަބަބުން ކަމަށް ބުނެއެވެ. ސިކުނޑި ހަމަނުޖެހޭ އަންހެނެއްކަމަށް ބުނާ އެ އަންހެންމީހާ ރޭޕް ކުރި ކަމަށް ބުނަނީ އެ ގޭގައި އިތުރު މީހަކު ނޫޅޭ ވަގުތެއްގައި ވަދެގެން ކަމަށް އޭނާ ބުނެއެވެ.

އެ މައްސަލައިގައި ފިރިހެންމީހާގެ އާއިލާއިން ރުޅި އައީ އޭނާ އަމިއްލައަށް މަރުވުމުގެ އަމަލެއް ހިންގަފާނެ ކަމަށް ބެލެވިގެން ފުލުހަށް އެންގި ނަމަވެސް އެކަމާ ފުލުހުން އަޅާނުލުމުން ކަމަށް އާއިލާއިން ބުނެއެވެ.

ފިރިހެން މީހާ ވަނީ އެ ދުވަހު ހަވީރު ފުލުހަށް ގެންގޮސް އެ މައްސަލައިގައި ބަޔާން ނަގާފައި ކަމަށާ، އެކަމަކު ދޫކޮށްލުމާ އެކު، ވާގަނޑެއް ހިފައިގެން އުޅެނިކޮށް އޭނާ ރަށުތެރެއިން ފެނުމުން އެކަން ބައެއް މީހުން ފުލުހުންނަށް އަންގައި ސަމާލުކަމަށް ގެނައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ ރޭޕްގެ ތުހުމަތުވި މީހަކު ތ.މަޑީފުށިން މަރުވެފައިވާ ކަމުގެ މައްސަލައެއް ބަލަމުންދާ ކަމަށާ، އެ މީހާ އަމިއްލައަށް މަރުވެދާނެ ކަމަށް ބަޔަކު ރިޕޯޓްކުރުމުން އެމީހާ އާއި ފުލުހުން ބައްދަލުކޮށް ވާހަކަދައިކައިފައިވާ ކަމަށެވެ. ނަމަވެސް އެކަހަލަ ކަމެއް ކޮށްފާނެކަމުގެ ނިޝާނެއް އެމީހާގެ ފުށުން އެވަގުތު ފެންނަން ނެތް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް