ފިޔެސް އަށް ކަށަވަރު ވެފައިވާގޮތުގައި އިސްމާއިލް ސުހެއިލް އަކީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެން ނަމަވެސް ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތު ސަރުކާރުން ސިއްރުކުރަމުންދާ ގޮތަށް މި މައުލޫމާތުވެސް ވަނީ ސިއްރުކޮށްފައެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގައި ތިއްބެވީ 9 ސްޓޭޓް މިނިސްޓަރުންނާއި 14 ޑެޕިއުޓީ މިނިސްޓަރުންނެވެ. އެހެންނަމަވެސް، މި ލެވެލްގައި މި މިނިސްޓްރީގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އިތުރުންވެސް ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުންގެ ގޮތުގައި މި މިނިސްޓްރީ އިންވެސް ސަތޭކައެއްހާ ސިޔާސީ މަގާމު ދީފައިވާނެ ކަމަށް ލަފާކުރެވެއެވެ.
އެފްއެސްއެމް ގެ ކުރީގެ އެމްޑީ ސުހެއިލް އަށް ޑެޕިއުޓީ މިނިސްޓަރުކަން ދީފާވާއިރު އޭނާ އިސްވެހުރެ އެފްއެސްއެމްގައި ތެލުން ވައްކަންކުރާ ކަމަށްބުނެ މިދިޔައަހަރު ވަރަށްބޮޑަށް މީޑިއާގައި އާންމުވިއެވެ. އެކަމަށް ހެކިދޭ ލިޔެކިޔުންތަކާއި އެ ކުންފުނީގެ މުވައްޒަފުންގެ ވާހަކަތަކާއެކު ވައްކަމުގެ އެ އަމަލު ވަރަށްބޮޑަށް މީޑިއާ އިން ހާމަކުރިއެވެ. އެންމެ ފަހުން މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ފަހުކޮޅު އެމްޑީގެ މަގާމުން ސުހެއިލް އިސްތިއުފާ ދިނެވެ.
އެދުވަސްވަރު، "އެފްއެސްއެމް ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެއިން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ޝައްކު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި" ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ހާމަކުރެއްވިއެވެ.
2024 ޑިސެމްބަރު 1 ވަނަ ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ އެ ތަހުގީގުގެ ތެރެއިން ފުލުހުންގެ ހާއްސަ ޓީމުތަކުން އެހާތަނަށް 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ވެސް ހޯދާފައިވާ ކަމަށެވެ.
"މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ. މިފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް." އެފްއެސްއެމްގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު އާންމުކުރެއްވި ޕޯސްޓްގައި މިނިސްޓަރ އިހުސާން އިތުރަށް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް މި މައްސަލަ މިހާރު ގޮސްފައި އޮތީ ކިހާ ހިސާބަކަށް ކަމެއް އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުންގެ ފަރާތުން އާންމެއް ނުކުރެއެވެ.