ޔޫޓީއެފް ޔޫނިއަންގެ މައި އޮފީސް މ. އައިރިސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ފިޔެސް
އުތުރުތިލަފަޅުން ގޯއްޗާއި ފްލެޓުދިނުން ނޫން އެހެންކަމެއް ކުރުން ބަލައެއްނުގަނެވޭ
އެތަނުގައި ހަދަންޖެހޭނީ ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލެއް ނޫން، އެތަނުން ދޫކުރަންޖެހޭނީ ގޯއްޗާއި ފްލްޓު - ޔޫޓީއެފް
މުޙައްމަދު ޤާސިމް 29 ޖޫން 2025 (އާދީއްތަ)   15:43
އުތުރުތިލަފަޅު ސަރަހައްދަކީ ގޯތި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށާ، އެހެންކަމުން އެ ސަރަހައްދުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި، ގޯއްޗާއި ފްލެޓު ދިނުން ފިޔަވައި ސަރުކާރުން އިތުރު އެއްވެސް ކަމެއް އެތަނުގައި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޔޫޓީއެފް ޔޫނިއަން އިން ބުނެފިއެވެ.

ޔޫޓީއެފް ޔޫނިއަން (އުތުރު ތިލަފަޅު ޔޫނިއަން) އަކީ ފާއިތުވި އެމްޑީޕީގެ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމާއި "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރު ތިލަފަޅު ހިއްކައި، އެ ސަރުކާރުން އޭރު އިއުލާން ކޮށްފައިވާ ގޮތަށް އެ ސަރަހައްދުން ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ގޮވާލާ، އެ ސްކީމުގެ ބައިވެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ހަރަކާތްތެރިވުމަށްޓަކައި ޤާނޫނީ ހަމަތަކުގެ މަތިން ރަޖިސްޓްރީކޮށް އުފައްދާފައިވާ ޔޫނިއަން އެކެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ހައްސާސް މައްސަލަ ހައްލުކޮށްދިނުމަށް ފާއިތުވި އެމްޑީޕީ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލު ކުރީ ސަރުކާރުން ގެޒެޓު ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހުނުތާ 20 އަހަރު ފުރިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމަށް ހުޅުވާލި މި މަޝްރޫއުއަށް 19،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެގޮތުން އުތުރު ތިލަފަޅުން 5،000 ގޯތި ދިނުމަށް އޭރު ނިންމާ އެ މަޝްރޫއަށް ބޭނުންވާ 251 ހެކްޓަރުގެ ބިން އުތުރު ތިލަފަޅުން ހިއްކާނެ ކަމަށް އޭރުގެ ސަރުކާރުން ހާމަކުރިއެވެ.

މިއީ މާލެ ސަރަހައްދުގައި މިހާ ގިނަ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް އިއުލާންކުރި ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުކަން ފާހަގަކުރެވެއެވެ. ސަބަބަކީ އެމްޑީޕީ ސަރުކާރުން އެ ސްކީމު ހުޅުވާލީ މާލޭގެ ރައްޔިތުންނާއި، މާލޭ ދަފްތަރުގައި ތިބި ރައްޔިތުންނާއި، 20 އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިލެވޭނެ އުސޫލުތައް ކަނޑައަޅައިގެން ކަމަށް ވާތީއެވެ.

ކަން މިހެން ހުރި ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް އޭއީޒެޑް (އެގްރިކަލްޗަރ އިކޮނޮމިކް ޒޯން) އެއް ގާއިމްކުރުމަށް ކަމަށް ބުނެ، އެސްޓީއޯގެ ދަށުން ހިންގާ އެމްއައިޑީ (މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން) އާއި ޗައިނާގެ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ހުސްވި 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު މިސަރުކާރުން ސޮއިކުރިއެވެ.

ނަމަވެސް އޭގެފަހުން، ދަނޑުވެރިިކަމުގެ އެ ޕްރޮގްރާމު އުތުރު ތިލަފަޅުން ފުށިދިއްގަރަށް ބަދަލުކުރާނެ ކަމަށް ބުނެ، އުތުރު ތިލަފަޅުގައި ގާއިމްކުރާނީ ހޯޕް އައިލެންޑް ކަމަށާ، އަދި އެތަނަށް ސެންޓްރަލް ޖަލު ވެސް ބަދަލުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެހެންކަމުން އުތުރު ތިލަފަޅު މަޝްރޫއު މިސަރުކާރުން ކުރިއަށްގެންދަން ރާވަމުންދާ ގޮތްތަކާމެދު ކަންބޮޑުވުންތައް ހާމަކުރުމުގެ ގޮތުން ޔޫޓީއެފް ޔޫނިއަންގެ އިސް ވެރިން އެ ޔޫނިއަންގެ މައި އޮފީސް މ. އައިރިސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގައި ޤާނޫނީގޮތުން އިސްކޮށް ހަރަކާތްތެރިވާ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ބޯހިޔާވެހިކަމަށް ނުހަނު ބޭނުންވެފައިވާ އެތައް ހާސް ބަޔަކު ބޯހިޔާވަހިކަމުގެ އުއްމީދުގައި މިހާރު ވެސް އެބަތިބި ކަމަށެވެ.

your imageޔޫޓީއެފް ޔޫނިއަންގެ މައި އޮފީސް މ. އައިރިސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ފިޔެސް

އެހެންކަމުން އެމީހުން އެހެންތިއްބާ، އިގްތިސާދު ސިންދަފާތުކޮށް ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުކޮށް، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ، އުތުރު ތިލަފަޅުގެ 100 ހެކްޓަރުގެ ބިމުގައި ގްރީން ހައުސް ހަދައި ބާކީ 100 ހެކްޓަރުގައި ފަލަމަޑީގެ ބާވަތްތައް އިންދާނެ ކަމަށް ބުނެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި މަޝްރޫއުއާ މެދު ނުހަނު ކަންބޮޑުވެލައްވާ ކަމަށް އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަލްއުސްތާޛު ޢަލީ ޙުސެއިން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލު އެޅުމަށް މި ސަރުކާރުން ނިންމާއިރު، މީހުން ރިހެބިލިޓޭޓް ކުރަން ޖެހޭނީ ރަށެއްގައި އެކަހެރިކޮށްގެން ނޫން ކަމަށާ، އެއީ މުޖުތަމައާ ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށް އެ ޔޫނިއަން އިން ދެކޭކަމަށެވެ.

"19،000 އާއިލާއެއްގެ އުއްމީދުތައް، ތިންސަތޭކައެއްހާ ކުދިން ރިހެބިލިޓޭޓް ކުރުމަށް އަޅުގަނޑުމެން ކީއްވެގެންތޯ ގެއްލުންވާލަންވީ؟ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އުތުރު ތިލަފަޅުގައި އަޅަން ޖެހޭނީ ސެންޓްރަލް ޖަލެއް ނޫން. އެ ތަނުގައި އަޅަން ޖެހޭނީ ހޯޕް އައިލެންޑެއް ވެސް ނޫން. އެތަނުން ދޫކުރަންޖެހޭނީ ގޯއްޗާއި ފްލްޓު" އަލްއުސްތާޛު ޢަލީ ޙުސެއިން ވިދާޅުވި އެވެ.

އަދި ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތި އަތުނުލާނެ ކަމަށް މި ސަރުކާރުގެ ކެމްޕެއިނު ދުވަސްވަރާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ތަކުރާރުކޮށް ހަނދުމަ ކޮށްދެއްވަމުން އަލްއުސްތާޛު ޢަލީ ޙުސެއިން ވިދާޅުވީ، އޭގެ ތެރެއިން އެއްވެސް ފޯމެއް ބާތިލު ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންނާއި ފަހުން ވެސް ދެއްވި ނަމަވެސް، ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މައުލޫމާތުތައް މި ސަރުކާރުން ހާމަ ނުކުރަނީ ކީއްވެގެން ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.

"އުތުރު ތިލަފަޅުން ގޯތި ދިނުމަށް ކުރީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، އަދި އެ ސަރުކާރުން އެކުލަވާލާފައިވާ ގެޒެޓުކޮށްފައިވާ ގޮތަށް، އެ ހުށަހަޅާފައިވާ ފޯމުތައް އަވަހަށް އިވެލުއޭޓް ކުރަން ފައްޓަވާށޭ. ހަމަ އެއާއެކު ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް، އެއީ ރައްޔިތުންނަށް ލިބިފައިވާ ފްލެޓުތަކާއި ގޯތިތައް، ކުރީ ސަރުކާރުން އެކަށައަޅައި ކަނޑައަޅާފައިވާ ގޯތިތަކާއި، ހުރިހާ ފްލެޓުތައް ދީ ނިންމަވާށޭ،" އަލްއުސްތާޛު ޢަލީ ޙުސެއިން ވިދާޅުވި އެވެ.

އެހެންކަމުން އެ މަޝްރޫއުގެ ފޯމުތައް އިވެލުއޭޓް ނުކުރުމާއި، ގޯތި ދިނުމަށް މަސައްކަތް ކުރަމުން ނުދިއުމުގެ އިތުރުން، އުތުރު ތިލަފަޅުގައި ތަފާތު އެކި މަޝްރޫއުތައް ހިންގަން މި ސަރުކާރުން ހާމަކޮށްފައިވާ ކަންކަމާ މެދު ޔޫޓީއެފް ޔޫނިއަންއިން ވަނީ ތަކުރާރުކޮށް ވަރަށްބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

"ރަށްރަށަށް ނިސްބަތްވާ މީހުން މާލޭގެ ރަށްވެހިންގެ ގޮތުގައި، އެތަކެއް ޒަމާންތަކެއް ވަންދެން ދިރިއުޅެމުންދަނިކޮށް، ރަށްރަށުގެ މީހުންނަށް ވެސް މާލެ ސަރަހައްދުން ގޯތި ދިނުމުގެ ފުރުސަތު ހުޅުވާލުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިދިޔަ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ދެއްވި ބޮޑު އުންމީދެއް. އެ އުންމީދު ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމުގައި އުތުރު ތިލަފަޅު ޔޫނިއަން އަބަދުވެސް ދެމި އޮންނާނަން،" އަލްއުސްތާޛު ޢަލީ ޙުސެއިން ވިދާޅުވި އެވެ.

ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމުން ގާނޫނީ މައްސަލަތަކެއް ދިމާވާނެ ކަމަށް މި ސަރުކާރުން ބުނަމުންދާ ދިޔުމަށް ރައްދުދެއްވާ އަލްއުސްތާޛު ޢަލީ ޙުސެއިން ވިދާޅުވީ، އެކަންކަމަކީ އެއީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން މި ސަރުކާރަށް ނުހަނު ފަސޭހަކަމާއެކު ހައްލު ކުރެވޭނެ ކަމެއް ކަމަށް އެ ޔޫނިއަނުން ދެކޭކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ވެސް ހުޅުވާލެވިގެން މިއަދު ކުރިއަށްގެންދިޔަ ޔޫޓީއެފް ޔޫނިއަންގެ ފުރަތަމަ ނޫސްވެރިންގެ މި ބައްދަލުވުން ނިންމަވާލެއްވީ، އެ ޔޫނިއަން އިން ދައުލަތުގެ ވެރިންނާއި މި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނާ އެކު، މިހާރު ކުރިމަތީގައި ހުރި މައްސަލަތަކަށް ހައްލުހޯދުމަށް އަވަސް މުސްތަގުބަލެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާ، އެ ޔޫނިއަންގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ އަދާހަމަ ކުރިއަށް އޮތް ތަނުގައި ވެސް ނޫސްވެރިންނާ ހިއްސާކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކޮމެންޓް