ދިވެހި މީހާ ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.
ރަހީނުކޮށް އަނިޔާކުރި ދިވެއްސަކު ސަލާމަތްކޮށް، ތުހުމަތުވާ މީހާ ހައްޔަރުކޮށްފި
މަރްޔަމް މުޙައްމަދު 3 ޖުލައި 2025 (ބުރާސްފަތި)   17:15
މާލޭ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާ ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެމީހާ ސަލާމަތްކޮށް، އެކަންކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ އެވެ. 

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ތަހުގީގުން ކުރި މަސައްކަތުން އެމީހާ ހުރިތަން ހޯދައި މިއަދު އެމީހާ ސަލާމަތްކޮށް، މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. 

ހައްޔަރުކުރި މީހާގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ ފޭދޫ، އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދު އެވެ.

ފުލުހުން ބުނެފައި ވާގޮތުގައި، "ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ" އެވެ. 

އެއީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެެއް ކަމަށާ، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއެވެ. 

ރަހީނު ކޮށްފައި ހުރި ބަންގުލަދޭޝް ފިރިހެނަކުވެސް، މިއަދު ހެނދުނު ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. 


ކޮމެންޓް