މެންހަޓަން ގްރޭންޑް ހޮޓެލް: ފަސްތަރީގެ މި ހޮޓެލްގައި 158 ކޮޓަރިއާއި ޓޫރިސްޓް ފެސިލިޓީތައް ހިމެނޭ.-- ފޮޓޯ: މެންހަޓަން
ހުޅުމާލޭގައި އިމާރާތް ކުރަންފެށިތާ އެތައް އަހަރެއް ވެފައިހުރި ސިޓީ ހޮޓާ ހުޅުވައިފި
ހަސަން އިބްރާހީމް 7 ނޮވެމްބަރ 2026 (ހޮނިހިރު)   23:30
ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހިންގަން އެސްޓީއޯއިން މީގެ އަހަރުތަކެއް ކުރިން ބިނާކުރި ނުވަބުރީގެ އިމާރާތުގެ މަސައްކަތް ގިނަ ދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށްފަހު، މަސައްކަތް ނިންމައި މިރޭ ހުޅުވައިފި އެވެ.

މާލޭ ސަރަހައްދުގައި ބިނާ ކުރި ފަސްތަރީގެ އެންމެ ބޮޑު ހޮޓާ، "މެންހަޓަން ގްރޭންޑް ހޮޓެލް" ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.

އެ ހަފްލާގައި މެންހެޓަން ހިންގާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނައީމް ވެސް ބައިވެރިވެވަޑައިގަތެވެ.

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ. 

އޭގެ އިތުރުން، މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް) ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.

މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވި ތަނުގައި ހޮޓަލެއް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އެސްޓީއޯއިން 2007 ވަނަ އަހަރެވެ. ގާތްގަނޑަކަށް 34 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެތަނުގެ ކޮންކްރީޓް ސްޓްރަކްޗާ އެސްޓީއޯއިން ނިންމި ނަމަވެސް އެ މަސައްކަތް ގިނަ ދުވަސްތަކަކަށް މެދުކެނޑުނެވެ.

އެސްޓީއޯއިން ސިޓީ ހޮޓާ ހިންގަން އެޅި އިމާރާތް "މެންހަޓަން ގްރޭންޑް" ގެ ނަމުގައި ތަރައްގީކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އިމާރާތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ.

"ވޯލްޑް އޮފް ބިޒްނަސް" އިން އެ ހޮޓާ ހިންގާނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށް އެޗްޑީސީން މިދިޔަ އަހަރު ބުންޏެވެ.

އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި އެ ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓި، އެތަން ވިއްކާލަން އެކި ފަހަރު މަތިން އިއުލާނު ކުރި އެވެ.

އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ. ހޮޓަލުގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތުމުން، އެ ޕްރޮޖެކްޓާ މެދު ހިއްސާދާރުންގެ މެދުގައި އޮތީ ކަންބޮޑުވުން އުފެދިފަ އެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ.

އެކި ސަބަބުތަކާ ހެދި ނުނިމި ދިގުލައިގެން ދިޔަ ހޮޓާ ނިންމައި ހުޅުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދިން އެއް ކަންތައްތަކެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓާ،އެޗްޑީސީއާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަދަލުކޮށްފަ އެވެ.

މި ހޮޓަލުން ބިމު ކުއްޔާއި ޓެކުހުގެ ގޮތުގައި އަހަރަކު ތިން މިލިޔަނެއްހާ ޑޮލަރު ދައުލަތަށް ލިބޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ.

ކޮމެންޓް