ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ
މ ޝ 14 ސެޕްޓެމްބަރ 2025 (އާދީއްތަ)   07:03
...މަންމައަށް ކަންތައްތަކުގައި އެހީތެރިވުމަށާއި، ދެ ކޮއްކޮއާ ނުތޮޅި ތިން ކުދިން ބަސްއަހައިގެން އުޅުމަށް ލިޔެފައި އޮންނަ ވާހަކަތަކެވެ.

(ކުރީ ހަފްތާއާ ގުޅޭ)

އުލްޔާ ލިޔާ އެންމެ މުހިއްމު ވާހަކައަކީ ބައްޕަ އޭނައަށް ފޮނުވާ ހާއްސަ ހަދިޔާގެ ވާހަކައެވެ. އެއީ ކޮންމެ ފަހަރަކުވެސް އުލްޔާގެ ނަންޖަހާފައި ބައްޕަ ފޮނުވާ އެޕޯލޯ ފޮއްޓާއި މެޓާފަދަ ތަކެތީގެ ވާހަކައެވެ. ފޮތް ފަންސުރާއި، ފޮހޭރަބަރާއި، ފަންސުރުޖަހާ ދަތި އަދި ރީތި ކުލަފޮއްޓަކީ އޭނާ އެންމެ ބޭނުންވާ ހަދިޔާތަކެވެ. އެވާހަތައް ލިޔާއިރު އޭނައަށް ހުރެވެނީ ބޭއިހުތިޔާރުގައި ހިނިތުންވެވިފައެވެ. އެއާހިލާފަށް އެދުވަހު އޭނާ ލިޔުނު ވާހަކަތައް ތަފާތުވީ އެއީ އޭނާގެ ހަޔާތަށް ޒަލްޒަލާއެއް ގެނުވި ވާހަކައަކަށްވީތީއެވެ. ދެން ހަމަގައިމުވެސް ގޭތެރެއިން އިވޭ ކޮންމެ އަޑަކަށް އޭނާ ހުންނާނީ ސަމާލުވެގެންނެވެ. ބޮޑެތި މީހުން ދައްކާ ވާހަކަތައް ސިއްރުން އަހާކަށްނޫނެވެ. އެކަމަކު އޭނަގެ މުސްތަގުބަލަށް ދެން ވާނެ ގޮތަކާމެދު ވިސްނެން ފެށުނީ ނުހާ ދިން އެ ހަބަރުންކަމަށްވާތީއެވެ. އޭގެ ކުރިން އުލްޔާއަކީ އެއުމުރުގެ އެހެން ކުދިން ކަހަލަ ކުއްޖެކެވެ. އެކަމަކު އެދުވަހުން ފެށިގެން އުލްޔާއަކަށް ދެނެއް އެހެން ކުދިންނާ އެކީގައި ބައިސްކަލް ދުއްވަންވެސް ނުދެވޭނެޔޭ ހިތަށް އެރިއެވެ.

ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރު އަސުރަށްފަހު ހިސާބުގަނޑު ކުދިންތައް އުލްޔާމެންގޭ ދޮށަށް އައުމުން އޭނަގެ ރީތި ރީތި ބައިސްކަލް ގެއިން ނެރެގެން ފަހަރަކު ކުއްޖަކު މަގު ކޮޅާ ހަމައަށް ދުއްވާނެއެވެ. ބައްޕަ އޭނައަށް ތިން އަހަރުގައި ފޮނުވި ފުރަތަމަ ބައިސްކަލު ދުއްވަން ދަސްވީ ފަހުން އަބަދުވެސް ކަންތައް ހިނގަނީ އެއުސޫލުންނެވެ. އުލްޔާ ބޮޑުވަމުން އައިސް ގްރޭޑް ހަޔަކަށް ދެވުމުން ބައްޕަ ފޮނުވީ ރެލީ ބައިސްކަލެކެވެ. ގުރާފެހި، މަޑު ފިޔާތޮށި އަދި މަޑު ނޫކުލައިގައި ހުރި އެބައިސްކަލް އެއީ އޭނާގެ އެކުވެރިންވެސް ދުވަހަކު ނުދެކޭހާ ރީތި ބައިސްކަލެކެވެ. އެހެންކަމުން އެއަށް އަރާ ކުޑަ ބުރެއް ޖަހާލުމަށް ހިތް އެދިގެން އަންނަ ކުދިންވެސް ވަކިން ގިނައެވެ. އެހުރިހާ ކުދިންނަކީ އުލްޔާގެ އެކުވެރިންނެވެ. އެންމެން އެކީ އެކި ވާހަކަ ދައްކާ ހީ ސަކަރާތްޖަހާ ކުދިންނެވެ.

ކޮންމެ ދުވަހަކު އަންނަ ހުރިހާ ކުދިން ބުރެއް ޖަހާ ނިމިގެން އެންމެ ފަހުން އޮންނަނީ ރަށުގެ ބަނދަރު ސަރަހައްދަށް ދިއުމެވެ. އުލްޔާ ބައިސްކަލުގައި މަޑުމަޑުން ދާއިރު އޭނާއާ އެއްވަރަކަށް ކުދިންތައް ދާނެއެވެ. އެއީ ވަރަށް އުފާވެރި ވަގުތުތަކެކެވެ.

އުލްޔާ ލިޔުން ހުއްޓާލާފައި ހިޔާލީ ދުނިޔޭގައި އެހެން އިނީ އެކަންތައް ދެން އޭނާގެ ހަޔާތުގައި ތަކުރާރުނުވާނެކަމަށް ހިތަށް އެރުމުންނެވެ. އޭނާ ނެގިމަޑުވެފައި އެހެން އިންދާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަދެގެން އައީ އޭނާގެ މަންމައެވެ. އުލްޔާއަށް މަންމައާ ދިމާލަށް ރަނގަޅަށް ބަލާލެވުނެވެ. ތަފާތު ނަޒަރަކުންނެވެ. އުލްޔާގެ ހިތަށް އެރީ މަންމަގެ މޫނުމަތިން ހިތާމަވެރިކަން ފެންނާނެ ކަމަށެވެ. އެކަމަކު އަބަދުވެސް ހިނިތުންވެ ހުރެ އޭނައާ ވާހަކަދައްކާ އޭނާގެ ރީތި ރީތި މަންމަ އައިސް އުލްޔާގެ ބޮލުގައި ފިރުމާލިއެވެ. މަންމަ ހުރީ ތަފާތު ގޮތަކަށް ނޫނެވެ.

'ދަރިފުޅު ފެންވަރަން ނުވަދެ ތިހިރީ ކީއްވެ؟' މަންމަ ސުވާލު ކުރިއެވެ. މަންމަގެ އަޑުގައިވެސް އެއްވެސް ތަފާތުކަމެއް ނެތެވެ.

'މިހާރު މިދަނީ ފެންވަރަން ދާން. ކުޑަކޮށް ވަރުބަލި ފިލުވަން އިނީ.. ' އުލްޔާވެސް ހިނިތުންވެފައި މަންމައަށް ޖަވާބުދީފައި ގޮނޑިން ތެދުވިއެވެ. ތުވާލި ހިފައިގެން އޭނާ މިސްރާބު ޖެހީ ޖެހިގެން ހުރި ކޮޓަރިއަށެވެ. އެކޮޓަރީގެ ތެރެއިން ވަދެވޭ ހިޔާކުރި 'ވަޅުކޮޓަރި' އަކީ އޭނާގެ ފާހާނާއެވެ. އެކޮޓަރީގައި ކުޑަކޮއްކޮ ހުމާގެ ކުޑަ އެނދުގައި ހުމާކޮއްކޮ ނިދާފައި އޮތީ ވަރަށް ލޯބިކޮށެވެ. އުލްޔާ ބޭނުންވީ ކޮއްކޮ ހޭލައްވާށެވެ. އެހެންކަމުން މަންމައަށް ސިއްރުން ކޮއްކޮގެ މޫނުގައި ކޮއްޓާލިއެވެ. އެވަގުތު އަނގައިން ކުޑަކޮށް ނެއްޓުވިފައި އޮތް ކަނާތު ބޮޑުވާ އިނގިލި ބޯން ފެށީ އަޑުލައްވަމުންނެވެ. އުލްޔާ ކައިރިއަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނިދީގައިވެސް އިނގިލިބޯން ވަރުހުންނަ ކުއްޖެއްތާއެވެ. ދެން އަވަސް އަވަހަށް އޭނާ ގޮސް ފެންވަރަން ވަނީއެވެ.

(ނުނިމޭ)

ކޮމެންޓް