ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ
މ ޝ 20 ސެޕްޓެމްބަރ 2025 (ހޮނިހިރު)   08:48
...އުލްޔާ ކައިރިއަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނިދީގައިވެސް އިނގިލިބޯން ވަރުހުންނަ ކުއްޖެއްތާއެވެ. ދެން އަވަސް އަވަހަށް އޭނާ ގޮސް ފެންވަރަން ވަނީއެވެ.

(ކުރީ ހަފްތާއާ ގުޅޭ)

މެންދުރު ނަމާދުކޮށްގެން އުލްޔާ ބަދިގެއަށް ދިޔައީ މާމަ ކައިރިއަށެވެ. އޭނާއަކީ މަންމައަށްވުރެ މާމައާއެކު ގިނަ ވަގުތު ހޭދަކުރާ ކުއްޖެކެވެ. މާމަ ކުރާ ކޮންމެ ކަމެއްގައި އެހީތެރިވާން އަތްގާތްކޮށްދޭން އުޅުމަކީ އޭނަ ވަރަށް ގަޔާވާ ކަމެކެވެ. ބަދިގޭގަ އެވަގުތު މާމަ ހުރީ ކާން ހަދަން ބޭނުންވާ ސާމާނު ކާގެއަށް ގެންދިއުމުގެ މަސައްކަތުގައެވެ. އެކި ސާމާނު އަޅާފައި ހުރި އެކި ތަށި މޭޒު މައްޗަށް ގެންދިއުމުގައި އުލްޔާވެސް އެހީވާން ފެށިއެވެ. މެންދުރު އެކެއް ޖަހާއިރު އެވަގުތު ގޭގައި ތިބޭ ބަޔަކު މެންދުރުގެ ކެއުމަށް އިންސާފު ކުރުމަކީ އަބަދުވެސް އަހަރެމެންގެ ގޭގައި އޮންނަ އާދައެވެ. އެކަން ދަނެގެން ގޭގައި ދިރިއުޅޭ އެންމެންވެސް ކާމޭޒު ދޮށަށް އެވަގުތަށް އަންނާނެއެވެ. ސްކޫލް ބަންދު ދުވަހެއްނަމަ، ކާން ތައްޔާރު ކުރުމަކީ މާމައާއި އުލްޔާގެ ކަމެކެވެ.

އެދުވަހު މެންދުރު ކާން އިށީނދެފައި ކުއްލިއަކަށް މާމަ އުލްޔާއަށް ގޮވާލާފައި ބުންޏެވެ. 'ދަރިފުޅުގެ މަންމަ އެއުޅެނީ މާލެ ދާން. ދުވަސްކޮޅަކަށް ދަނީ. ދޯ ސަމީރާ..' މަންމައާއި ދިމާލަށް އުލްޔާ ބަލާލުމުން މަންމަ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އުލްޔާގެ ހިތުގައި ހިނގައިގަތީ ނުހާ ދެއްކި ވާހަކައެވެ. މިއީ އެކަމާ ގުޅުން ހުރި ކަމެކޭ އޭނާގެ ހިތް ބުންޏެވެ. ބޮޑެތި މީހުންގެ ނިންމުންތަކަށް ބަސްބުނުމަކީ ކުޑަކުދިން ކުރަން ރަނގަޅު ކަމެއްނޫނެވެ. އެއީ އުލްޔާއަށް ދަސްވެފައި އޮތް ރީތި އަހުލާގުގެ ބައެކެވެ. އެހެންކަމުން ހިތުގައި އުތުރިގަތް އެންމެ ސުވާލެއްވެސް ދުލުން ބޭރުކޮށްލާކަށް އޭނާގެ ޒަމީރު އެއްބަހެއްނުވިއެވެ.

އުލްޔާ މަޑުން ހުއްޓަސް އޭނާގެ ހަގަށް ހުންނަ ޔުސްރާއަކަށް މަޑަކުން ނީނދެވުނެވެ. އުމުރުން 7 އަހަރުގެ ޔުސްރާ މަންމަގެ ގައިގައި އެލިގަނެފައި 'މަންމައާއެކީ ޔުސްވެސް ގެންދައްޗޭ' ބުނެފިއެވެ. މަންމައާއި މާމަ ދެން ދެއްކި ވާހަކައެއް ދެއްކީ ލޮލުގެ އިޝާރާތުންނެވެ. އުލްޔާ އެކަމަށް ސަމާލުކަން ނުދީ އަވަހަށް ކައިގެން ތަށި ދޮންނަން ނުކުތީ ބަދިގެއާވީ ފަރާތުގައި ހުންނަ ބޮޑު ސިންކް ކައިރިއަށެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. މާ އަވަހަށް ހާސްވެ ކަންބޮޑުވާކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު އާއިލާގެ އެންމެ ދޮށީ ދަރިފުޅަށްވާތީ އިވޭ ކޮންމެ ވާހަކައެއް މިއަދު އޭނާއަށް މިގުޅުވާލެވެނީ އޭނާގެ މުސްތަގުބަލާއެވެ.

ބޭރުން މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ. ވޫސްލާފައި ޔުސްކޮއްކޮ ދުއްވައިގަތް އަޑާއެކީ ދެން އިވުނީ މާމަ ސަލާމް ބަލައިގަތް އަޑެވެ. އިރުކޮޅަކުން ޕިކަޕެއްގެ އަޑުވެސް އިވިއްޖެއެވެ. އަވަސް އަވަހަށް ތަށި ދޮވެގެން ހަރުގައި ބަހައްޓާފައި އުލްޔާ ބޭރު ފެންޑާއަށް ނުކުތް އިރު ލިބުނީ ބޮޑު ސަޕްރައިޒެކެވެ. އޭނާގެ ކާފައާއެކު ލޯބިވާ ބައްޕަވެސް އެހެރީ އައިހެވެ. އެންމެން ތިބީ ހެވިފައެވެ. އެކަމަކު މަންމަގެ މޫނުމަތީގައި ހިނިތުންވުމެއް ނެތެވެ. އުލްޔާ ގޮސް ބައްޕަގެ ކައިރީގައި މަޑުކޮށްލުމުން ބައްޕަ އޭނާގެ ގައިގައި ބައްދާލިއިރު އަނެއް ފަރާތުގައި ޔުސްކޮއްކޮ ހުރީ ބައްޕަގެ އެއްފައިގައި އޮޅުލައިގެންނެވެ. އޭރުވެސް ކޮއްކޮގެ އަނގަމަތީގައި ބަތާ މަސްރިހަ ހޭކިފައި ހުރުމުން އުލްޔާއަށް ހިނިގަނޑު މަތަނުވެ ބާރަކަށް ހެވިއްޖެއެވެ. އިނގިލި ދިއްކޮށްފައި ބަކުން ދޮންނަން ދާށޭ ބުނަމުން އުލްޔާ ހޭތީ ޔުސްކޮއްކޮ ތުން އޫކޮށްގެން ހުރެ ބަދިގެއާ ދިމާލަށް ދާން ފެށުމުން މަންމަވެސް އެދިމާލަށް ދިޔައީއެވެ.

މާމައާއި ވާހަކަދައްކަމުން، ބައްޕައާއި ކާފަ އުޅެގަތީ ޕިކަޕުން ބައްޕަގެ ފޮއްޓާއެކު ގެނައި އެހެން ތަކެތި ބޭލުމަށެވެ. އުލްޔާ ހުރީ ރަކި ހިނިތުންވުމެއްގައި މަންޒަރު ދެކޭށެވެ. ގޭތެރެއިން ދެން އިވުނީ ހުމާކޮއްކޮގެ ރުއިމުގެ އަޑެވެ. ނިދަމުން ނިދަމުންގޮސް އެންމެ ފަހުން ފޫހިވެގެން ހޭލިއަޑޭ ހިތަށް އަރާފައި އުލްޔާ ދުވެފައިގޮސް ކޮއްކޮ އުރާލަން އުޅުނުއިރަށް ދެބެއިން އެކީ ވެއްޓުނީ ތަޅުންގަނޑު މައްޗަށެވެ. އުލްޔާއަށްވެސް އިނދަ ޖެހެވުމުން ތަދުވިއެވެ. އެކަމަކު ވަރަށް ބާރަށް ރޮމުންދިޔަ އެންމެ ދޮޅު އަހަރުގެ ހުމާ ކޮއްކޮ ބިންމަތިން ނަގާ އުރާލަން އަނެއްކާ ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. ހުމާ ރޯ އަޑު އިންތިހާއަށް ގަދަވެގެން މާމަ ފޫގަޅާފައި ދުވެފައި އައިސް 'މަގޭ ދަރި އަޅެ މިއަދުވެސް ވެއްޓުނީ ދޯ.. ދަރިފުޅާ އުލްޔާ ދެން ކޮއްކޮ އުރަން ނުހަދާ.. މިއޮތީ ބޮލުގަ ގޮނބިގަނޑެއްލާފަ.. މިހާރު ކޮއްކޮ ކުޑަކޮށް ބަރުވީ ދޯ އުލްޔާ' ... މާމަ ހިނގައިގަތީ އުލްޔާގެ ބޮލުގައި ފިރުމާލާފައި ހުމާ ކިހިލީގައި ޖަހައިގަނެގެންނެވެ. އޭރު ހުމާ ރުއިންގަނޑު ހުއްޓާލާފައި އިނގިލި ބޮނީއެވެ.

ހަމަ އަސްލުވެސް ކިތައްމެ ލޯބިވިޔަސް ދެން އުލްޔާ އެގޮތަށް ކޮއްކޮ ނުއުރަންވީއެވެ. އުލްޔާ ހިކި ކަށިކޮޅެއްހެން ހުއްޓަސް ޔުސްރާއާއި ހުމާ ތިބެނީ ލޯބި ވަރަކަށް ފަލަކޮށެވެ. އެހެންވެ އުލްޔާއާ އެކުދިންގެ އުޅުންވެސް ތަފާތެވެ. އުލްޔާ އުޅެނީ މަޑުމައިތިރިކޮށެވެ. ގޭތެރޭގައި އުޅޭ އިރުވެސް ރޭހެއްގައި ބައިވެރިވެގެން ދުވާ ކުއްޖެއްހެން ދުވެފައި ނޫނީ އެއް ކޮޓަރިން އަނެއް ކޮޓަރިއަށްވެސް ޔުސްރާ ނުދެއެވެ. މާމަ އަބަދު އުލްޔާގެ މަންމައަށް ގޮވާފައި ޔުސްރާ ކުރި ކޮންމެވެސް މަޖާކަމެއްގެ ވާހަކަ ކިޔާ އަޑު އިވޭނެއެވެ. މާމައަށް ލަނޑު ދިނުމުގައިވެސް ޔުސްރާއަށް ހަމަ އެއްވަނައެވެ. މާމަ ގެންގުޅޭ ހުރިހާ އެއްޗެއް ހުންނަތަން އެނގެނީވެސް ޔުސްރާއަށެވެ. ދޭތެރެއަކުން މާމަގެ ދިވެހިބޭސް އަޅާފައި ހުންނަ ފޮށި ނަގައިގެން އޭގައި ހުންނަ އެއްޗިއްސާ ކުޅެ، އެ ފޮރުވާވެސް ހަދާނެއެވެ. މާމަ އުނދޯލީގައި އޮށޯންނައިރަށް މާމަގެ ބަނޑުމަތީ އަރާ އިށީނދެ މަޖާ ވާހަކަދައްކާނެއެވެ. ގޭތެރެއިން ޔުސްރާގެ ހުނުމާ ސަކަރާތުގެ އަޑު ނީވޭނަމަ އުލްޔާވެސް ފޫހިވެއެވެ. ގެއަށް މީހަކު އަޔަސް ޔުސްރާ ގޮސް އެމީހަކާ އަނގަތަޅާލައެވެ. އެމީހަކު ލާރި ހޯދަން ކުރާ މަސަކަތްވެސް އަހައެވެ. އެމީހެއްގެ ދިރިއުޅުމާބެހޭ ހުރިހާ ކަމެއް ދެނެގަންނަން އުޅޭއިރު ހަމަ ހީވާނީ ރޭޑިއޯ ޕްރޮގްރާމެއްގައި އަންނަ އިންޓަވިއުއެއްހެނެވެ.

(ނުނިމޭ)

ކޮމެންޓް