
ޔުސްރާ ހަލަނިވެފައި މަޖާކަމުން އެންމެން ލޯބިވާ ކުއްޖަކީ އެއީއޭ އުލްޔާގެ ހިތަށް އަރައެވެ. އެކަމަކު އޭނާ ކޮއްކޮ ދެކެ ރުޅިއެއްނާދެއެވެ. ދެކުދިންގެ މިޒާޖު ތަފާތުވުން އެއީ އެހެން ކަމެއްތާއެވެ. އޭނާ އެންމެ ކުޑައިރުއްސުރެވެސް މީހުންނަށް އިހުތިރާމްކުރުމާއި، މަޑުމައިތިރިކޮށް ވާހަކަދައްކަން އާދަކޮށްފިއެވެ. އެހެންވެ ހަމަގައިމުވެސް އެންމެން ބުނާ އަޑު އިވެނީ އުލްޔާ ވަރަށް ބަސްއަހާ ވާހަކައެވެ. މަންމަވެސް ބުނާނީ އުލްޔާ އަމިއްލައަށް ފެނިގެން ކަންތައް ކުރާ ވާހަކައެވެ. ސާފުތާހިރުކަމާއި، ހީވާގި ސިފަ އުލްޔާގެ ހުންނަކަމަށެވެ. މާމަވެސް ބުނާނީ މާމައެކޭ އެއްގޮތަށް ވަރަށް ކުޑައިރު އުލްޔާ ނަމާދުކޮށް ޤުރުއާން ކިޔަވަން އާދަކުރި ވާހަކައެވެ. ކާފަ ރަށަށް އައިސް ހުންނަ ހަފުތާ ބަންދުގެ ދެދުވަހު ކާފައާއެކީ ގޭވަލުތެރެ ސާފުކުރުމުގައިވެސް އުލްޔާ އުޅެއެވެ. އެއީ ކާފައާއެކު އުލްޔާ ހޭދަކުރާ މަޖާ ވަގުތުތަކުގެ ތެރެއިން އެއްވަގުތެވެ. ކާފަގެ ކުޑައިރުގެ ހަނދާންތައްވެސް އުލްޔާއާ ހިއްސާކުރާނީ ވަލުތެރެ ސާފުކުރާ ދުވަސްތަކުގައެވެ. ކާފަވެސް އުލްޔާގެ ރަނގަޅު ވާހަކައާއި އެހީތެރިކަމުގެ ވާހަކަދައްކައެވެ. އުލްޔާ ރަނގަޅޭ ބުނެ އެގޮތަށް އެންމެން ވާހަކަދައްކާތީ އުލްޔާ ވަރަށް އުފާކުރެއެވެ.
ދެން ހުރީ ކުޑަކުޑަ ބޭބީ ހުމާއެވެ. ތިންބެއިންގެ ތެރެއިން އެންމެ ދޮން ކުއްޖާއެވެ. މޫނު ވަށްކޮށް ހުރެފައި އެހާ ދޮންވީމަ ހުމާ އެންމެ ތުއްތުއިރުވެސް އުލްޔާ އޮންނަނީ ހުމާކޮއްކޮއަށް މޮޅު ނަމެއް ދީފައެވެ. އުލްޔާ މަންމަ ކައިރީ ބުނެ އުޅެނީ ހުމާއަކީ އެގޭ ހަނދުކަމުގައެވެ. ހުމާ ވިހަން މަންމަ ދިޔައީ މާލެއަށެވެ. އެހެންވެ ހުމާ ވިހައިގެން އަންނަންދެން އުލްޔާއާއި ޔުސްކޮއްކޮ ރަށުގައި މާމަ ކައިރީގައި އުޅުނު ތިންމަސްދުވަހު އުލްޔާ ހުރީ ކުޑަކޮއްކޮއަށް ކިޔައިދޭނެ ހާއްސަ ވާހަކަތައް ލިޔެ ތައްޔާރުކޮށްގެންނެވެ، ހުމާ ފުރަތަމަ ފެނުމުންވެސް އެއީ ވަރަށް ބަސްއަހާ ބޭބީއަކަށްވާނެޔޭ އުލްޔާ ހިތަށްއެރިއެވެ. ހުމާ އެންމެ ބޭބީއިރު އުލްޔާ ވަރަށް ގިނައިން ކޮއްކޮއާ ވާހަކަދައްކައެވެ. ވާހަކަފޮތް ހިފައިގެން ކައިރީ އިށީނދެ އިނދެ ކިޔާދެއެވެ. އަމިއްލައަށް ހަދަހަދައިގެން ލަވަވެސް ކިޔާދެއެވެ. އޭރު ކޮއްކޮ ވަރަށް ބަސްއަހައިގެން އޮވެއެވެ. އެކަމަކު ފިރުކެވެން ފެށި ފަހުން ހުމާގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިއްޖެއެވެ. މުޅިން ހަލަނިވެއްޖެއެވެ. ފިރުކެމުން މުޅި ކޮޓަރިތެރެ ކުޑަކުރަމުންގޮސް ތަންތަނުގައި ހިފަހައްޓައިގެން އަމިއްލައަށް ކޮޅަށް ތެދުވަންވެސް ދަސްކުރިއެވެ. ދެން ހުމާކޮއްކޮ ހިނގަން ފެށުމުން އުލްޔާ ގޭގައި ހުރި ވަގުތެއްވިއްޔާ އަބަދު ކޮއްކޮއަށް ފާރަވެރިވާންޖެހެއެވެ. ހިނގާފައިގޮސް ބަދިގެ ފަރާތު ވަލުތެރެއަށްވެސް ވަންނާތީއެވެ.
އެއްދުވަހު ހުމާ ކުޅެން ބައިންދާފައި އުލްޔާ ފާހާނާއަށް ވަދެފައި އައިސް ހޯދާ ހޯދާ ހުމާ ނުފެނުނެވެ. ބިރުން ހުރެ އެކިދިމާ ބަލަނިކޮށް ފެނުނީ އަނބުގަސްދޮށަށް ވެއްޓިފައި އޮތް ކުޑަ އަނބެއް ނަގައިގެން އޭތި އަނގަޔަށް ލާން އުޅެނިކޮށެވެ. އުލްޔާ ދުވެފައިގޮސް އެއަތުލުމުން ބާރަކަށް ރޮއެގަތްއިރު ހީވީ ފަޓާހެއް ގޮވިހެނެވެ. ވަގުތުން އެކުދިންގެ މަންމަ ބަދިގެއިން ނުކުމެގެންއައިސް ހުމާ އުރާލާފައި ވީގޮތް އެހުމުން އުލްޔާ ކަންތައް ވީގޮތް ކިޔާދިނީއެވެ. އޭގެފަހުން އުލްޔާ އެއްގޮތަކަށްވެސް ކޮއްކޮ އެކަނި ދޫކޮށްނުލައެވެ. އެހެންވެ ކޮއްކޮ ނިދަން އޮތިއްޔާ ހޭލާނެ އިރަކަށްވެސް އޭނާ ހުންނަނީ ފާރަލައިގެންނެވެ.
އުލްޔާއަށް ހިޔާލީ ދުނިޔެއިން ނުކުމެވުނީ އޭނާގެ ބައްޕަ އައިސް ކޮޓަރީގެ ދޮރުން ވަނީމައެވެ. ބައްޕަގެ އަތުގައި ނޫކުލައިގެ ޕާރުސަލެއް އޮތެވެ. އެއީ އުލްޔާގެ ހަދިޔާކަން އުލްޔާއަށް ޔަގީންވިއެވެ. އުލްޔާއަށް އެންމެ ރީތީ މަޑުނޫކުލައެވެ. އެހެންކަމުން ބައްޕަ އަހަރީ ޗުއްޓީއަށް ރަށަށް އަންނަ ކޮންމެ ފަހަރަކުވެސް ނޫކުލައިން ޕާރުސަލްކޮށްފައި އޮންނަ ހާއްސަ ހަދިޔާއެއް އުލްޔާއަށް ގެނެސްދެއެވެ. އެހެން ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް އުލްޔާ އަތަށް ޕާރުސަލް ދީފައި ބައްޕަ ހުއްޓާ ކަނޑަން ބުނެލިއެވެ. ވަރަށް ބަލައިގެން އުލްޔާ ނޫކުލައިގެ ވިދާ ކަރުދާސް ނައްޓުވަމުން ގެންދިޔައީ އެކަރުދާސް ރައްކާކުރުމުގެ ބޭނުމުގައެވެ. އެވެސް އޭނާގެ އާދައެކެވެ. ދެން ރީތިކޮށް ފަށްޖަހާފައި އެކަރުދާސްވެސް އޭނަ ބާއްވާނީ ނިދާ އެނދުގެ ގޮދަޑި ދަށުގައެވެ. އޭނާ އެކަރުދާސްތައް އެތާ ބަހައްޓާކަން އެނގެނީ މަންމައާއި، ޖަންނައަށް އެކަންޏެވެ. އެއީ އޭނާ ގެންގުޅޭ އެއްޗިއްސާއި ކުރާ ކޮންމެ ކަމެއް ޖަންނައަށް އަންގާތީއެވެ.
ޕާރުސަލް ކަނޑާލުމުން ފެނުނު ރީތި ހުދުކުލައިގެ ފޮށީގެ މަތި ނެގިއިރު އޮތީ ވަރަށް ރީތި ޚަތިމެކެވެ. ދެން އޮތީ ރީތި މުސައްލައެކެވެ. ޚަތިމާއި މުސައްލަވެސް އޮތީ މަޑުނޫކުލައިންނެވެ. އުލްޔާގެ އުފާވެރިކަން އިންތިހާއަށްދިޔައެވެ. ބައްޕަގެ އަތުގައި ހިފާލާފައި ވަރަށް ބޮޑަށް ޝުކުރުއަދާކުރިއެވެ.
'ބައްޕަ ކުއްލިއަކަށް ރަށަށް އައީ ކީއްވެ؟' އުލްޔާގެ ހިތުގައި އުފެދެމުން އައި ބޮޑު ސުވާލު ކުރެވުނީ ހަމަ ބޭއިހުތިޔާރުގައެވެ.
'ބައްޕަ އަހަރީ ޗުއްޓީއަށް މިއައީ.. އެކަމަކު ތިންދުވަސްކޮށްފައި މަންމަ ގޮވައިގެން ފުރާ ގޮތަށް.. ދަރިފުޅުމެން މާމަ ކައިރީ ތިބޭނީ އިނގޭ...' ބައްޕަ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ. އެކަމަކު ބައްޕަގެ ޖަވާބުން އުލްޔާގެ ހިތުގައި މާގިނަ ސުވާލު އުފެދޭގޮތްވީއެވެ. އަނގަ ހުޅުވާލީ ކީއްވެތޯ އަހާށެވެ. އެފުރުސަތު އުލްޔާއަށް ނުލިބުނީ ހުމާކޮއްކޮ އުރައިގެން ހުރެ މަންމަ އައިސް ކޮޓަރިއަށް ވަނުމުންނެވެ. ފަހަތުން ޔުސްރާ ކޮއްކޮވެސް އައެވެ. އަޑުގެ ނެތްތަނަށް ސްކޫލްގެ ލަވަ 'ޅަފަތުގާ އުނގެނެމާ އުފަލުގާ ކިޔަވަމާ...' ކިޔަމުންނެވެ. އެންމެނަށް އެކީ ހީގަނެވުނީމަ ޔުސްރާކޮއްކޮވެސް ބާރަށް ހޭންފެށިއެވެ. އޭރު މަންމަވެސް ހުރީ ހެވިފައެވެ. އެކަމަކު މަންމަގެ މޫނުމަތިން އުލްޔާއަށް ފެނުނީ އުފާވެރިކަން ގެއްލިފައިވާ ހިނިތުންވުމެކެވެ.
(ނުނިމޭ)




