ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ
މ ޝ 8 އޮކްޓޯބަރ 2025 (ބުދަ)   07:29
...އެންމެނަށް އެކީ ހީގަނެވުނީމަ ޔުސްރާކޮއްކޮވެސް ބާރަށް ހޭންފެށިއެވެ. އޭރު މަންމަވެސް ހުރީ ހެވިފައެވެ. އެކަމަކު މަންމަގެ މޫނުމަތިން އުލްޔާއަށް ފެނުނީ އުފާވެރިކަން ގެއްލިފައިވާ ހިނިތުންވުމެކެވެ.

(ކުރީ ހަފްތާއާ ގުޅޭ)

މަންމައާއި ބައްޕަ އެކަނިވެލަން ވަގުތު ދޭންވާނެކަމަށް އުލްޔާއަށް ވިސްނުމުން ޔުސްކޮއްކޮގެ ކަންފަތް ދޮށުގައި ސިއްރެއް ބުނަން ގުދުވެލިއެވެ. 'ދޮންކުކުޅު ފަސް ފިޔޮއް ވިހައިފި' އޭ އުލްޔާއަށް ބުނެވުމާއެކު އުލްޔާ ދަމަމުން ޔުސްކޮއްކޮ ދުއްވައިގަތީ އަވަހަށް ދޮންކުކުޅުގެ 'ބޭބީސް' ދެކޭށެވެ.

ގޭގައި ކާފަ ގެންގުޅޭ ކުކުޅުހާލުގެ ކޮއްޓެއް ހުރެއެވެ. އެކޮށީގައި އާކަމެއް ހިނގައިފިއްޔާ އެކަމެއް ގަވައިދުން ގޭއެންމެންގެ ސަމާލުކަމަށް ގެނައުމަކީ ކާފަ އުލްޔާއާ ހަވާލުކޮށްފައި އޮންނަ ބޮޑު މަސައްކަތެކެވެ. ދެކުކުޅެއް ނުވަތަ ދެހާލެއް އަރައިރުންވިޔަސް އުލްޔާ އޮންނަނީ ގަޑިއާ ތާރީހާއެކު ނޯޓުކޮށްފައެވެ. އެއީ ބުރާސްފަތި ދުވަހު ގަމުދޯނިން ކާފަ އައުމުން އެފޮތް ދައްކާށެވެ. ފޮތުގެ ބޭރުގައި ނަމަކަށް ލިޔެފައި އޮންނަނީ 'ކުކުޅުހާލުގެ ހަބަރު' މިހެންނެވެ. އެއީ ވަރަށް ލޯބިން އުލްޔާ ގެންގުޅޭ ފޮތެކެވެ. އެންމެ ފަހަރަކު ޔުސްކޮއްކޮއަށް އެފޮތް ފެނިގެން އޭގެން އެއްގަނޑު ވީދާލި ފަހުން ޔުސްކޮއްކޮގެ އަތުގައި ނުޖެހޭހެން އުލްޔާ އެ ފޮތް ބާއްވަނީ ފޮތްހަރުގަނޑުގެ އެންމެ މަތީގައެވެ.

ދެކުދިން ދުވަމުން ގޮސް ގޭބިއްދޮށު ވަލަށް ވަތްއިރު ކާފަ އުޅެނީ ހުދު ގަންޖުފަރާހެއް ލައިގެން ވަލު މަސައްކަތުގައެވެ. އެހެން ދުވަސްދުވަހު ކާފަ ވަލުތެރޭގެ މަސައްކަތަށް ނުކުތުމުގެ ކުރިން އުލްޔާއަށް ގޮވާނެއެވެ. އެދުވަހު ކާފަ އުލްޔާ ކޮބައިތޯ ބެލިއިރު ކޮޓަރީގައި މަންމައާ ބައްޕައާ ކޮއްކޮމެންނާއެކީ ހުރުމުން ކާފަ އެކަނި އައިސް މަސައްކަތް ފެށީކަން ނޭނގެޔޭ އުލްޔާގެ ހިތަށް އެރިއެވެ. ކާފަ އަނދެގެން ހުރި ގޮޅިޖެހި ހުދު މުންޑު ހުރީ ކަކުލާ ހަމައަށް ކޮށިކޮށްލާފައެވެ. ސާފުތާހިރު ލޯބި ލޯބި ކާފަގެ ރަތްދޮން މޫނު އޭރު ހުރީ ދާހިއްލާފައެވެ. ކަނާއަތުގައި ކަތިވަޅި އޮތް އިރު ކާފަގެ ވާއަތުގައި އޮތީ ގޭގައި ހުރި އެންމެ ދުވަސްވީ ބޮޑު ރުކުގެ ހިކިފަނެއްކަން އުލްޔާ ވަގުތުން ދެނެގަތެވެ. އެކަހަލަ ކޮންމެ ކަމެއް ޝައްކެއް ނެތި އެނގޭނީ ކާފައާއި އުލްޔާއަށެވެ. އެގޭގެ ހަތަރުބިތުގައި ހުންނަނީ އުލްޔާ ހިތުދަސް ގަސްގަހާގެއްސެވެ. އޭގެން ގަހަކު އަލަށް ކުރިއެއް ޖެހިޔަސް އެކުރީގައި މަޑުމަޑުން ފިރުމާލާ ލޯބިން ވާހަކަދެއްކުމަކީ އުލްޔާއަށް ކުރެވޭ ކަމެކެވެ. އަދި ނުވިތާކަށް ގެއަށް މެހެމާނެއް އަންނަ ގަޑީގައި ކަރުހިއްކުން ފިލުވާލުމަށް ދޭނެ އެންމެ މީރު ކުރުނބާ ހުންނަ ރުކަށް ދާންދެންވެސް އުލްޔާއަށް އެނގެއެވެ. އެހުރިހާ ކަމަކާއެކު، އެގޭގެ ރަނިކަމަނާއަކީ އުލްޔާ ދެކޭ ގޮތުގައި އޭނާއެވެ.

އުލްޔާ ހެވިފައި ކާފައާ ދިމާލަށް ބަލަން ހުއްޓާ ކާފަ ދެކުދިންނަށް ގޮވާލީ ވަރަށް ލޯބިންނެވެ.

'އަސުރުގެ ކުރިން ހިކިގެން ވެއްޓިފައި ހުރި ހުރިހާ ފަންތަކެއް ކޮށާ އެއްކުރަން ކާފަ މިއުޅެނީ..' ކާފަގެ މަޑުމަޑު އޯގާތެރި އަޑުން އުލްޔާމެންނަށް ބުނެދިނެވެ.

'އާނ. ދެން މަޅިލާނީ ދޯ!' ޔުސްރާކޮއްކޮ އަޑުހަރުކޮށް އެހެން ބުނެލީ ދެއަތް މައްޗަށް ނަގާފައި ބޮޑު މަޅި ސިފަކޮށްދެމުންނެވެ. އުލްޔާމެންގެ ރަށުބަހުން 'މަޅިލުން' އެއީ ހުރިހާ ކުނި އެއްކޮށްފައި ރޯކޮށް އަންދާލާ ވަލުތެރެ ސާފުކޮށްލުމެވެ. މަޅިއަކަށް ވަނީ ބޮޑު ހުޅުގަނޑެވެ. މަޅިލުމުން، އަޅިތައް ބުރައިގެން އެކިދިމާލަށް ދާއިރު އެމަންޒަރުން އެކި އެއްޗެހި ސިފަކޮށްކޮށްފައި އުލްޔާ ގޮސް އޭނާގެ ކުރަހާ ފޮތުގައި މުޅި މަންޒަރު ކުރަހާ ކުލަޖައްސާފައި ތާރީހު ޖަހާފައި ފޮރުވާނެއެވެ. އެވެސް އޭނާގެ ނިދާ އެނދުގެ ގޮދަޑި ދަށުގައި ރައްކާކުރާ އަގުބޮޑު ހަޒާނާއެކެވެ. މަޅިލާ ނިމި ތަން އެއްކޮށް ހުލިވަންދެން އެތާނގައި އުލްޔާ ހުއްޓަސް ޔުސްކޮއްކޮއަށް އެހެން ހުންނަން ކެތްނުވާނެކަން ކާފަޔަށާ އުލްޔާއަށް އެނގެއެވެ. ޔުސްކޮއްކޮއަކީ ނޭވަޔަށް އުނދަގޫކުރާ ބަލި ހުންނަ ކުއްޖަކަށްވެސް ވާތީއެވެ.

ކާފައާ ވާހަދައްކާލާފައި ދެން ދެކުދިން ދުއްވައިގަތީ ކުކުޅުހާ ކޮއްޓާ ދިމާލަށެވެ. އެސަރަހައްދުގައި އޭރު ހުރިހާ ކުކުޅުހާތައް އުޅެނީ މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. ބަތާ ގަރުދިޔައާއެކު މޮޑެފައި މާމަގެ މީރު ފިހުނުމަހުގެ އެތިކޮޅުތައްވެސް ހުއްޓެވެ. ގޭގައި އުޅޭ އިންސާނުން ކާ ހުރިހާ އެއްޗެއް އުލްޔާމެންގެ ގޭގައި ގެންގުޅޭ ޖަނަވާރުތަކަށްވެސް ލިބުން ހައްގު ކަމަށް އުލްޔާ ގަބޫލުކުރެއެވެ.

އެމީރު ކެއުން ކާން އަންނަން ނުކެރި ދުރުގައި ހުރީ ވިހައިގެން ހާލިން ނުކުތްތާ ދެ ދުވަސްވެސް ނުވާ ދޮންކުކުޅެވެ. އޭތީގެ ރީނދުލާއި ކަޅުކުލަ ހުރި ކުދިކުދި 5 ފިޔޮއް ގޮވައިގެން ކާތަކެއްޗާ ދިމާލަށް ދާން އުޅޭ ކޮންމެ ފަހަރަކު އެގޭ ބޮޑު ރަތްހާ ދޮންކުކުޅަށް ޖެއްސުމެއް އެބަކުރެއެވެ. އެމަންޒަރު ތިންވަނަ ފަހަރަށް ބަލާކަށް ނުހަދާ އުލްޔާ މަޑުމަޑުންގޮސް ދޮންކުކުޅާއި ދޮން ބޭބީ ފިޔޮއްކޮޅު ލަވަމުން ގޮސް ކާއެއްޗިހި ކާން ބޭތިއްބީ އޭނާގެ މޮޅު އުކުޅުތައް ބޭނުންކޮށްގެންނެވެ.

އުލްޔާގެ ކާމިޔާބު މަސައްކަތް ފެނުމުން ޔުސްކޮއްކޮ އުފަލުން އަތްތިލަބަޑި ޖަހައިގަތެވެ.

'ދޮންތި މޮޅު. ދޮންތި ވަރަށް މޮޅު' ކިޔަން ޔުސްކޮއްކޮ ހުރީ ފުމެލަފުމެލައެވެ.

'ދިރޭ ތަކެއްޗަށް ލޯބިކޮށް އިހުތިރާމާއެކު އެތަކެއްޗާ ވާހަކަދެއްކުމުން އެތަކެއްޗަށްވެސް ވިސްނޭނެ.' އުލްޔާ ގޮސް ކޮއްކޮގެ ކައިރީގައި މަޑުކޮށްލާފައި ކިޔާދިނެވެ. ކުދިފިޔޮއްތައްވެސް ލޯބިކޮށް ފަހަރަކު ބަތްފުކެއް ކަމުން ފެން އެތިން ފެންފޮދު ބޮމުން ދިޔައީ އަވަހަށް ބޮޑުވާން ބޭނުންވާތީއޭ އުލްޔާ ބުނެލީ ހިޔާލީ ދުނިޔެއެއްގައި ހުރެގެންނެވެ. އެއިން ކޮންމެ ފިޔޮކެއް ބޮޑުވެގެން ހާލަކަށް ނޫނީ ކުކުޅަކަށް ވާނެއެވެ. ބުޅަލެއް އައިސް ކައިނުލިއްޔާ ރަނގަޅޭ ހިތަށް އަރާފައި ފިޔޮއްތައް ސަލާމަތުން ބޮޑުވާނެގޮތް މިންވަރުކުރެއްވުން އެދި އުލްޔާ ﷲއަށް ދުއާވެސް ކޮށްލިއެވެ. ދެކުދިން ތިބީ ކަކުލާ ހަމައަށް ހުރި ހެދުން ލައިގެން ކަމުން މަދިރިތަކުގެ ހަމަލާ އަންނަންފެށިއެވެ. އެހެންވެ ކާފަ ކައިރީ އެބަ އަންނަމޭ ބުނެފައި އުލްޔާ ދިޔައީ ޔުސްކޮއްކޮ ގޭތެރެއަށް ލާށެވެ.

(ނުނިމޭ)

ކޮމެންޓް