ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ
މ ޝ 13 އޮކްޓޯބަރ 2025 (ހޯމަ)   07:09
...ދެކުދިން ތިބީ ކަކުލާ ހަމައަށް ހުރި ހެދުން ލައިގެން ކަމުން މަދިރިތަކުގެ ހަމަލާ އަންނަންފެށިއެވެ. އެހެންވެ ކާފަ ކައިރީ އެބަ އަންނަމޭ ބުނެފައި އުލްޔާ ދިޔައީ ޔުސްކޮއްކޮ ގޭތެރެއަށް ލާށެވެ.

(ކުރީ ހަފްތާއާ ގުޅޭ)

ދެކުދިން ކޮޓަރިއާ ދިމާލަށް ދިޔައިރު އެތެރެއިން މަންމަގެ އަޑު އިވުނީ އުލްޔާއަށް ގަބޫލުކުރަން ދަތި ގޮތަކަށެވެ. މަންމަ ބުނަމުން ގެންދިޔައީ 'މަށަށް އެންމެ ރަނގަޅީ އުލްޔާ ގޮވައިގެން ދިޔައިއްޔާ... އޭނައަށް މިހާރު މީހުންނާއެކީ އުޅެން އެނގޭނެ..' އުލްޔާ ދެން އިތުރަށް އެވާހަކަތައް އަހަން ބޭނުމެއްނުވިއެވެ. އެކަމަކު އޭނާގެ ދެފައިގައި ބަރު އެލުވާފައިވާ ފަދައެވެ.

'އާނ. އަސްލު މަ މިއައީ ސަމީ ދާން ނެތިއްޔާ އުލްޔާ ގެންދަން.' ބައްޕަ ބުނާ އަޑު އިވުނެވެ.

އުލްޔާ ވަރަށް ހިތްވަރުކޮށްފައި މަޑުމަޑުން ފަހަތަށް އެނބުރުނެވެ. ޔުސްކޮއްކޮ އޭރު ޖެހުނުތާ ލަކުނުވެސް ނެތެވެ. ރަނގަޅަށްވިއްޔާ އުލްޔާއަށް އެތާ އެހެން މަޑުކޮށްލެވުމުގެ ކުރިން ޔުސްކޮއްކޮ މާމަގެ ކޮޓަރިއަށް ގޮސް އޮބާލީއެވެ. މާމައަށް އުނދަގުލެއް ނުކުރެވި ތަންކޮޅެއް ގިނައިރުވީ ތޯއްޗެކެވެ.

އުލްޔާގެ ބޮލަށް ތުރާވާ އަޑުތަކެއް އެއިވުނީ އެދުވަހު ދެވަނަ ފަހަރަށެވެ. ބޮޑެތި މީހުން ދައްކާ ބޮޑެތި ވާހަކަތަކެވެ.  ބައްޕަ އެއައީ މަންމަ ގެންދާށެވެ. އެކަމަކު މަންމަ އެހެރީ ބައްޕައާއެކީ ދާގޮތަކަށްނޫނެވެ. ބަދަލުގައި ދާންވީ އުލްޔާއެވެ. ބައެއް ފަހަރު ބައެއް ވަގުތުތަކުގައި އުލްޔާއަކީ ކުޑަ ކުއްޖެކެވެ. އަނެއްބައި ފަހަރު އޭނާ ވަނީ ބޮޑު ކުއްޖަކަށެވެ. މިހާރު ދެން އޭނާގެ އަމިއްލަ މުސްތަގުބަލަށް ވާން އުޅޭ ގޮތް އުލްޔާއަށް ރޭކާލައިފިއެވެ. އިސްޖަހައިގެން ހުރެ އޭނާ ގޮސް އަނބުގަހުގެ ހިޔަލުގައި ދޮންވެލި ފުނި ކައިރީ އިށީނދެލީ ވަރުބަލިވެފައިވާތީއެވެ. ހިތާއި ސިކުނޑި އަރައިރުންވަމުން ދިޔައީ އެދެގުނަވަނަށްވެސް ކުޅަދާނަ ނުވެގެންނެވެ. ކުރިން މާކުރިން އޭނާ ބޭނުންވީ ޖެހިގެން ހުންނަގޭ އެންމެން އެ ގެ ފަޅުކޮށްފައި މާލެ ބަދަލުވީ ގޮތަށް އޭނާގެ ގޭގެ އެންމެންވެސް މާލެ ބަދަލުވާށެވެ. އޭރު އުލްޔާ އުޅެނީ ގްރޭޑް 3 ގައެވެ. އެގޭ މުޒައްމިލަކީ އުލްޔާގެ ކްލާހުގައި އުޅޭ އެންމެ ހިފިނުހުރެވޭ ކުއްޖާއެވެ. އެއީ ބޮޑު އާއިލާއަކަށް އުފަންވެފައިވާ 9 ވަނަ ކުއްޖާއެވެ. އޭނާގެ ހަގަށްވެސް އަދި އެގޭގައި އަންހެންކުއްޖަކާއި ފިރިހެން ކުއްޖެއް ހުރެއެވެ. އެއީ އަދުހަމާއި، ޖައިޝާއެވެ. އުލްޔާމެންގެއަށް ސްކޫލުން އާދެވެނީ އެގެ ކުރިމަތިންލާފަނެވެ. އެއާއިލާ ދިއުމަށްފަހު ފަޅުވެ ވީރާނާވެފައިވާ އެގޭގެ ހުރިހާ ތަނަކަށް އުލްޔާ ވަދެ ނުކުމެ އޭރު އުޅުނީ ހަގަށް ތިބި އެ 3 ބެއިންނާ އުލްޔާ ރައްޓެހިކަމުންނެވެ. އެކުދިންނާއެކު އުލްޔާ ކުޅެން އުޅުނު ދުވަސްވަރުގެ ރީތި ހަނދާންތައް އޭނާއަށް ގޯނާ ނުކުރާ އެންމެ ދުވަހެއްވެސް ފާއިތުވެ ނުދެއެވެ.

އެހެނަސް، އުލްޔާ މާލެ ގެންދިއުމާމެދު މަންމައާއި ބައްޕަ އެނިންމަމުންދިޔަ ނިންމުން އިވިގެން އޭނާ އެއްވެސް އުފަލެއް ނުވިއެވެ. އަވައްޓެރިންގެ އެ އާއިލާ މާލެއަށް ހިޖުރަކުރީ އެންމެން އެކުގައެވެ. އެކުދިން ދިއުމަށްފަހު މިވީ 3 އަހަރެވެ. އޭގެފަހުން އެގޭ އެއްވެސް މީހަކު ޗުއްޓީއަކަށްވެސް ރަށަށް ނާދެއެވެ. އެއީވެސް ހަމަ އެންމެން އެކީ ދިއުމުން ވީގޮތެއްކަން އުލްޔާއަށް އެނގެއެވެ. އެއާހިލާފަށް، އުލްޔާއަށް މިޖެހެނީ އެކަނި ދާށެވެ. އޭނާގެ ލޯބިވާ އާއިލާއާއި ވަކިވާށެވެ. އުޅެ ބޮޑުވި އުފާވެރި ގެ ދޫކޮށް ދުރަށް މާ ދުރަށް ދާށެވެ. ޔަގީނުންވެސް އޭނާ ގޮސް ހުންނާނީ އޭނާ ނުދަންނަ ކޮންމެވެސް ބައެއްގެ ކައިރީގައެވެ. ﷲއަށް ވަކީލުކޮށްފައި މައިންބަފައިންގެ ބަސްއަހައިގެން ބައްޕައާއެކު ދިއުން ފިޔަވައި އޭނާއަކަށް އިތުރު އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެން ހިތަށް އަރާފައި ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. މާބޮޑަށް ރޮވެން ފެށުމުން ދެކަކުލުގައި ބޯއަޅާލިއެވެ.

އުލްޔާގެ ލޮލުން ކަރުނަ ހުސްވާކަށްވެސް ނޫޅުނެވެ. ބޮލުގައިވެސް ފާޑަކަށް ރިހެން ފެށިއެވެ. ކައިރިން މީހެއްގެ ހިލަމެއް ވެގެން އޭނާ އިސް އުފުލާ ބަލާލިއެވެ. ކައިރީގައި ހުރީ އޭނާގެ ލޯބިވާ ކާފައެވެ.

'ދަރިފުޅާ.. ދެރަނުވޭ. ކިޔަވަން މާލެ ދާން ދަރިފުޅު އަބަދުވެސް ބޭނުންވޭނު. ކާފައަށް ހީވަނީ ރަށުން ކިޔެވުމަށްވުރެ މޮޅަށް މާލޭން ހެން ކިޔެވޭނީ...' ވިސްނުންތެރިކަމާއެކު ކާފަ ބުންޏެވެ.

'ހިނގާ ދަރިފުޅާ ގެއަށް ވަންނަން. މިތާ އިންދާ މަދިރިތައް އައިސް ކާފަގެ އުލްޔާ ގެންގޮސްދާނެ..' ކާފަ އެހެން ބުނީ އުލްޔާ ހެއްވާލުމަށެވެ. ކާފަގެ އެޖުމްލައިން އުލްޔާއަށް ސިފަވީ މަދިރީގެ ބޮޑު ލަޝްކަރެއް އައިސް އުލްޔާ ގޮވައިގެން އުދުއްސައިގަންނަ މަންޒަރެވެ. އެހެންވެ ހަމަ އުލްޔާއަށް ހީގަނެވުނެވެ. އެތަނުން ތެދުވެ ހެދުމުން ދޮންވެލި ފިލުވާލާލަމުން ކާފައާއެކީ ހިނގައިގަތެވެ.

(ނުނިމޭ)

ކޮމެންޓް