ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 7
މ ޝ 18 އޮކްޓޯބަރ 2025 (ހޮނިހިރު)   09:41
...ކާފަގެ އެޖުމްލައިން އުލްޔާއަށް ސިފަވީ މަދިރީގެ ބޮޑު ލަޝްކަރެއް އައިސް އުލްޔާ ގޮވައިގެން އުދުއްސައިގަންނަ މަންޒަރެވެ. އެހެންވެ ހަމަ އުލްޔާއަށް ހީގަނެވުނެވެ. އެތަނުން ތެދުވެ ހެދުމުން ދޮންވެލި ފިލުވާލާލަމުން ކާފައާއެކީ ހިނގައިގަތެވެ.

(ކުރީ ހަފްތާއާ ގުޅޭ)

އޭރު ގޭ ފެންޑާގައި ހުންނަ ބޮޑު އުނދޯލީގައި މާމަ އޮށޯވެ އޮތް އިރު ޔުސްކޮއްކޮ އިނީ މާމަގެ ބަނޑުމަތީގައެވެ. ހިޔާލެއް ފިކުރެއްނެތި ކޮއްކޮ ހީ ސަކަރާތްޖަހަމުން ދިޔައިރު ކޮއްކޮއަށް އެއްވެސް ކަމެއް ނޭނގެއެވެ. ޔުސްކޮއްކޮއަށް އީދު އައިސްގެން އުޅޭ ފަދައެވެ. މާމަގެ ބަނޑުގައި ދެއަތުން ތަޅަމުން ރޯނުބައިކޮށް ބޮޑުބެރު ލަވައެއް ކިޔަނީއެވެ. އެހެންދުވަހެއްގައި އެމަންޒަރު ފެނުނު ނަމަ އުލްޔާގެ ހިނިގަނޑު ފަޅައިގެންދާނެއެވެ. އެކަމަކު އެދުވަހުގެ އެވަގުތު އެމަންޒަރަށް ގެއްލިފައި އޭނާއަށް ހުރެވުނީއެވެ. ސިކުނޑީގައި އެއުފާވެރި ލޯބިވެތި މަންޒަރު ރައްކާކުރާށެވެ. މާގިނަ ދުވަހެއް ނެތެވެ. އޭނާއަށް ދެން މިކަހަލަ ކަމެއް ނުފެންނާނެއެވެ. ކުޑަ ލޯބި ދެކޮއްކޮ ކޮންމެ ދުވަހަކު ކުރާ އާ ކަންކަން ދެކެން އޭނާއަށް އެހެން ހުރެވޭކަށްނެތެވެ. އުލްޔާއަށް ނޭނގި އޭނާގެ ކޯތާފަތްމަތި ތެމެންފެށީ ލޮލުން ފޭބި ކަރުނައިންނެވެ. މަޑުމަޑުން އެތަނުން ދާން އޭނާ ހިނގައިގަތެވެ.

އަނެއްކާވެސް ކޮޓަރިއަށް ވަންނަން ދިޔައީ އިވޭ އަޑަކަށް ދެން ސަމާލުކަން ނުދޭން ނިންމައިގެންނެވެ. ބޮލުގެ ރިހުންވެސް އޭރު ގަދަވެއްޖެކަމުގެ އިހުސާސްވާތީ އުލްޔާ ބޭނުންވީ އެނދުގައި އޮށޯވެލާށެވެ. ބޮޑުކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަތްއިރު މަންމައާއި ބައްޕަ އެނދުގައި އިށީނދެލައިގެން ތިއްބެވެ. ދެމީހުންވެސް ހިމޭންކަމުގައި އިސްޖަހައިގެން ތިބީއެވެ.

'މަންމާ. މިދަނީ ބޮލުގަ ރިއްސާތީ އޮށޯވެލަން' އުލްޔާ މަޑުމަޑުން އެހެން ބުނެލާފައި ކުޑަ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެނދުގައި އޮށޯވެލީ ކޮޓަރީގެ ފަންކާ އެންމެ ފުލް ސްޕީޑަށް ލާފައެވެ. ލޯމަރާލީ ދުނިޔޭގެ އެއްވެސް ކަމަކާ ވިސްނަން ބޭނުން ނުވާތީއެވެ. އިރުކޮޅަކުން އަސުރަށް ބަންގި ގޮވަން ފެށުމުން ތެދުވާން ހިތަށް އަރުވައިގެންނެވެ. އެހެން އޮއްވާ އުލްޔާއަށް ނިދުނީއެވެ.

ފުންމައިގެންގޮސް އެނދުން ތެދުވެވުނީ ޖަންނަ އައިސް އުލްޔާގެ މޫނަށް ފެން ޖެހީމައެވެ. ޖަންނަގެ އަތުގައި އޮތީ އިސްތިރި ކުރާއިރު މަންމަ ފެންޖަހަން ގެންގުޅޭ ފުޅިއެވެ. ޖަންނައަކީ އުލްޔާގެ ދެބެއިންގެ ދެދަރި ހުރިހާ ކުދިންގެ ތެރެއިންވެސް އޭނާއާ އެއް އުމުރުގެ ހަމައެކަނި ކުއްޖާއެވެ. އެހެންކަމުން ޖަންނަ ކުރާ އެކަހަލަ އެއްވެސް ކަމަކާ އުލްޔާ ދުވަހަކުވެސް ރުޅިއެއް ނާދެއެވެ. ދުވާލު ޖަންނަ އަންނަ ގަޑީގައި އެހެންޏާ އޭނާ ހުންނާނީ ޖަންނައާއެކީ ބޭރަށް ދާން ރީތިވެގެންނެވެ. އަވަހަށް އަތުކުރީ ގަޑިއަށް ބަލާލިއިރު އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭރު ގަޑިން 4:45 ހިނގައިފިއެވެ. ބައިސްކަލު ދުއްވަން ދާން ހިސާބުގަނޑު ކުދިންވެސް އައިސް އެގޭދޮށުގައި ތިބެފައި ދިޔައީކަން ޔަގީނެވެ.

'ޖަންނަގަނޑާ! މަޑުކުރޭ މިއަންނަނީ އިނގޭ ފެންވަރައިގެން. ވާނީ ދިހަ މިނިޓް. ނަމާދުކުރަން ފަސް މިނިޓް. ފުށް ޖަހަން ދެ މިނިޓް' އުލްޔާ ހެމުން ހެމުން އެހެން ބުނެފައި ތުވާލި ހިފައިގެންގޮސް ފާހާނާއަށް ވަނެވެ.

އުލްޔާ ހުރިހާ ކަމެއް ނިމިގެން ބަދިގެއަށް ދިޔައިރު ކާމޭޒު ދޮށުގައި ދެ ސައިތަށި ހަދައިގެން ގުޅަ، ބަޖިޔާ އަދި ކްރީމް ޖެހި ބަނަސް ތަށްޓަކަށް ލައިގެން ޖަންނަ އެއިނީ އުލްޔާގެ އިންތިޒާރުގައެވެ. އޭރު އަދި ޖަންނައަށް އުލްޔާ އެތަނަށް އައިކަން ރޭކާނުލައެވެ. މަޑުމަޑުން ފަހަތުންގޮސް ޖަންނަގެ ބޮލުގައި ފުއްޓަތްކެއް ޖެހި އިރަށް މަންމާއޭ ކިޔާ އަޑުގެ ނެތް ތަނަށް ޖަންނަ ހަޅޭއްލައިގަތެވެ. ދެން އުލްޔާ ފެނުމުން ދެމީހުން އެކީ ހޭންފެށިއެވެ. ވަކިހިސާބަކުން އުލްޔާއަށް ހުނުން މެދުކަނޑާލެވުނީ ބޭއިހުތިޔާރުގައެވެ. ޖަންނައަށް އެކަން ފާހަގަވެގެން އުލްޔާގެ އަތުގައި ހިފާ ގެންގޮސް ގޮނޑީގައި ބޭންދިއެވެ. އުލްޔާގެ މިޒާޖަށް އައިސްފައި އެހުރީ ބޮޑު ބަދަލެކޭ ޖަންނަގެ ހިތަށް އެރިއެވެ.

'ބުނޭ. ކީއްވެ މިއަދު އެގަޑީގަ ނިދީ؟ އަހަރެމެން ދެމީހުން ހޭން ފަށައިފިއްޔާ ދުވަހަކުވެސް އުލްޔާއަށް ނުހުއްޓޭނެ އަވަހަކަށް. ބުނޭ! ކިހިނެއް މިއަދު ތިވީ؟' ޖަންނަ ސުވާލުތައް އޮއްސާލިއެވެ.

'ސައިބޮއިގެން މަގަށް ނުކުމެ ކިޔާދޭނަން. ހިނގާ އަވަހަށް ސައިބޯން.' އުލްޔާ ބުންޏެވެ.

ދެން ދެކުދިން އަވަސްއަވަހަށް ސައިބޮއެގެން ތަށިތައް ދޮވެ ހަރުގަނޑުގައި ބެހެއްޓުމަށްފަހު ބޭރަށް ނުކުތީއެވެ. އޭރު މެދުގޭތެރޭ ބަގީޗާއަށް ފެންދޭން މާމައާއި ކާފަ ތިއްބެވެ.

'މާމާ. ކޮބާ މަންމައާ ބައްޕައާ ކޮއްކޮމެން؟' އުލްޔާ އެހިއެވެ.

'ދަރިފުޅު ބޮލުގަ ރިއްސާތީ ނިދިފަ އޮތީމަ އަޑުގަދަ ވެދާނެތީ މަންމަމެން އެދިޔައީ އަތިރިމައްޗަށް ހިނގާލަން ދާން..'

'އެހެންދޯ. މާމާ، ޖަންނައާއެކީ އުލްޔާވެސް މިދަނީ އަތިރިމައްޗަށް އިނގޭ..'

'އާނ ޖަންނަ ގެއަށް ލާފަ ދަރިފުޅު އަންނާތި އިރު ނުއޮއްސެނީސް މަންމަމެންނާއެކީ.' މާމަ އަބަދުވެސް އިރު އޮއްސި އަނދިރިވުމުގެ ކުރިން އުލްޔާ ގެއަށް ވަނުމަށް ދޭ ނަސޭހަތް ތަކުރާރު ކުރިއެވެ.

ގޭ ފެންޑާގައި ހުރި ބޮޑުގަޑިން އޭރު 5:30 ވިކަން އިއުލާންކުރީ އޭގައި އިންނަ ކުޑަދޮރުން ނުކުތް ރަތްހާލެވެ. އެއީވެސް އުލްޔާގެ ހަނދާނުގައި ރައްކާކުރެވޭނެ ރީތި އަދި މަޖާ މަންޒަރެކެވެ.

ޖަންނަގެ އަތުގައި ހިފައިގެންގޮސް ގޭގެ ގޭޓުން ދެކުދިން ނުކުތީ އަތިރިމައްޗާ ވީކޮޅަށެވެ. ޖަންނަމެންގެ ގެ ހުންނަނީ އެހިސާބުގައެވެ. ބައިސްކަލު ދުއްވަން އަންނަ ކުދިންނާއެކީ ނޫނީ އެކުދިންނަށްވުރެ ފަހުންވިޔަސް ބަންދު ދެދުވަހު އެގެއަށް އައުމަކީ ޖަންނަ އާދައިގެ މަތިން ކުރާ ކަމެކެވެ. ހުރިހާ ކުދިން ދިއުމަށްފަހު ޖަންނަ ގެއަށް ލާންދާނީ އަބަދުވެސް އުލްޔާއެވެ. އަނދިރި ނުވަނީސް އައިސް އުލްޔާ ހުންނާނީ މާމައާއެކީ ގޭގެ އެކި ތަންތަނުގައި މަދިރި ދުންދަނޑި ބެހެއްޓުމުގެ މަސައްކަތުގައި އެހީވާށެވެ. ޔުސްކޮއްކޮއަށް އަތްނުލެވޭގޮތަށް ދުންދަނޑި ބަހައްޓަން އެނގޭނީވެސް މާމައާއި އުލްޔާއަށް އެކަންޏެވެ.

(ނުނިމޭ)

ކޮމެންޓް