ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 8
މ ޝ 27 އޮކްޓޯބަރ 2025 (ހޯމަ)   07:41
...އަނދިރި ނުވަނީސް އައިސް އުލްޔާ ހުންނާނީ މާމައާއެކީ ގޭގެ އެކި ތަންތަނުގައި މަދިރި ދުންދަނޑި ބެހެއްޓުމުގެ މަސައްކަތުގައި އެހީވާށެވެ. ޔުސްކޮއްކޮއަށް އަތްނުލެވޭގޮތަށް ދުންދަނޑި ބަހައްޓަން އެނގޭނީވެސް މާމައާއި އުލްޔާއަށް އެކަންޏެވެ.

(ކުރީ ހަފްތާއާ ގުޅޭ)

އެހާވަރުން ބަލައިގެން އުޅެން ޖެހެނީ އެއްފަހަރަކު ޔުސްކޮއްކޮ ދުންދަނޑިގަނޑެއް އަނގަޔަށް ލައިގެން ހުރިތަން މާމައަށް ފެނުނުފަހުންނެވެ. އަދި ނުވިތާކަށް އެއީ މާމީރު އެއްޗެކޭ ކިޔާފައި އެ ހޯދަން ކޮއްކޮ ވަރުދައްކާތީއެވެ. ވިހަ އެއްޗެކޭ ބުނެ ކިޔާދޭން އުޅުނަސް ވިސްނޭވަރަށްވުރެ ކޮއްކޮ އަދި މާކުޑައެވެ. ދުންދަނޑި ރޯކޮށްގެން ގޭގެ ތަންތަނުގައި ބަހައްޓާ ނިމެންދެން މަންމަ އުޅޭނީ ޔުސްކޮއްކޮއަށް ޤުރުއާން ކިޔަވާދޭން ކޮޓަރި ތެރޭގައި ބައިންދައިގެންނެވެ. ދެން މައުރިބަށް ގޮވީމަ އުލްޔާ ގޮސް މާމައާއެކީ ނަމާދުކުރަނީއެވެ. އެވަގުތު މަންމައާއި ޔުސްކޮއްކޮވެސް ކޮޓަރީގައި ނަމާދުކުރާނެއެވެ. ކުޑަ ކޮއްކޮ އިންނާނީ ކުޑަ އެނދުގައި އިށީނދެ ބަސްއަހައިގެން ކުޅޭށެވެ.

ޖަންނައަށް އުލްޔާމެންގެއާ ކުޑަތަންކޮޅެއް ދުރަށް ދެވުމާއެކު އޭނަގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އުލްޔާގެ ކޮނޑުގައި އެލިގަނެގެން އޮވެ ބުންޏެވެ.

'ދެން ތިވެގެން އުޅޭ ކަމެއް ބުނާނީތަ؟ ނޫނީ މަ މިހިރަގޭ ފާތުމައަށް ގޮވާ ގެނެސް އުލްޔާ ބިރުގަންނަވާލަންވީތަ؟'

ޖަންނަ އެހެން އެބުނީ ފާތުމައަކީ ކުޑަކުދިން ނުކާތީ ނޫނީ ނުކިޔަވާތީ ބިރުގަންނުވަން ގޭގެއަށް ގޮސް އުޅޭ ސަމާސާ މިޒާޖުގެ މުސްކުޅިއަކަށްވާތީއެވެ. އެއީ އުލްޔާމެންގޭ އަވައްޓެރިއަކަށްވާތީއެވެ. މިހާރު އުލްޔާ ފާތުމަ ދެކެ އެއްވެސް ބިރެއް ނުގަންނަކަން އެނގުނަސް ކުޑައިރު އެއީ މުޅި ރަށުންވެސް އުލްޔާ އެންމެ ބިރުގަންނަ މީހާކަން ޖަންނަ ދަންނާތީއެވެ.

'ނޫނޭ މަ ހަމަ ބިރުން ހުންއަންނާނެ ވަގުތުން.. އޯކޭ. ބުނަންތަ ވެގެން އުޅޭ ގޮތް؟' އުލްޔާ ހިނގުން ހުއްޓާލާފައި ޖަންނަގެ އަތުގައި ހިފާލާފައި އެހެން ބުނެލީ މަޑުންނެވެ. އުލްޔާގެ އަޑަށް އައި ބަދަލުންވެސް ޖަންނަ ފާޑަކަށް މައިތިރިވެއްޖެއެވެ.

'ލަސްނުކޮށް ބުނެބަލަ ދެންވެސް' ޖަންނަ ބުންޏެވެ.

'އަހަރެންގެ ބައްޕަ އިތުރު ކައިވެންޏެއްކޮށްފިޔޯ. ބައްޕަ އެހެރީ މަންމަ މާލެ ގެންދަން އައިސް. އެކަމަކު މަންމަ ނުގޮސް ބައްޕައާއެކީ އަހަރެން މާލެ ފޮނުވަން އެއުޅެނީ..'

'ތީ ކާކު ދެއްކި މޮޅު ވާހަކައެއް؟ ރަށު ހުރިހާ ކުދިންގެ ބައްޕަމެން އެހެން އުޅުނަސް އުލްޔާގެ ބައްޕައަކީ ބެސްޓް. އެކަހަލަ ގޯސްކަމެއް ނުކުރާނެ. ' ޖަންނަ ބުނެލީ އެއްނޭވާއިންނެވެ.

'ނޫނޭ. އިހަށް ހުރިހާ ވާހަކައެއް ކިޔާ ނިމެންދެން ޖަންނަ އަޑުއަހަން ހުރެބަލަ އިނގޭ.

ހެނދުނު ނުހާމެންގެއަށް ކުޅެން ދިޔަތަނާ ނުހާއޭ ބުނީ.

އަހަރުން މަންމަ ކުރީ ދުވަހު ނުހާ މަންމަ ކައިރީ އެވާހަކަ ދެއްކިއިރު ނުހާއަށް އިވުނިއްޔޯ. ދެން މަގޭ ކައިރީ ބުނަން ނުހާވެސް ވަރަށް ވިސްނަންޖެހުނޭ ބުނީ.

ނުހާ އެހެން ބުނީމަ މަށަށް ދެން ކުޅެންވެސް ނުހުރެވިގެން އައީއޭ. މަށަށް މިކަން އެނގުނުކަން އަދި އިތުރު މީހަކަށް ނުވެސް އަންގަން. އެކަމަކު ކާފައަށް އެނގިއްޖެ މެންދުރު މަށަށް ރޮވުނީމަ މާލެ ގެންދަން އުޅޭ ވާހަކަ މަށަށް އިވުނީކަން....

މިހުރިހާ ކަމެއް މިއަދު ވާންވީވެސް ކީއްކުރަންތަ... ބޯހަލާކުވެގެންގޮސް ބޮލުގަ ރިއްސައިގަތީމަ ނިދިފަ އޮއްވައެއްނު ޖަންނަގަނޑު މަގޭ މޫނަށް ފެންޖެހީ... އަޅެ ބައްޕަ އެހެން ކައިވެންޏެއް ކުރިއްޔާ މެންދުރު ރަށަށް އަންނަންވީ ކީއްވެތަ ދޯ... އެބުނާ އަނެއް ވައިފް ކޮބާތަ ދެން... '' އުލްޔާ ހިޔާލީ ދުނިޔެއެއްގައި ހުރެ ކިޔާހެން ފަތިވަރު އަމުނާލިއެވެ.

އޭރު ތަންމިނަށް އަނގަ ހުޅުވި ދެމިޔަކަނުން ސޮނި އޮހިފައި އެއްކަލަ ޖަންނަ އިނީ ބަސްހުއްޓިފައެވެ. ޖަންނައަކީ އުފަން ބައްޕަ ލޮލުންވެސް އަދި ދެކިފައިނުވާ ކުއްޖެކެވެ. އޭނާ ދުނިޔެއަށް އުފަން ނުވަނީސް މަންމަ ވަރިކޮށްފައި އެހެން މީހަކާ އިނދެގެން ގޮސް ޖަންނަގެ ބައްޕަ ދިރިއުޅެނީ ހުވަދުއަތޮޅު ރަށެއްގައޭ ބުނާ އަޑު ފިޔަވައި ބައްޕަގެ އިތުރު ހަބަރެއް ޖަންނައަކަށް އިވިފައިވެސް ނެތެވެ. މިހާތަނަށް އޭނާ ދުށް އެންމެ ލޯބިވެތި އެއް ބައްޕައަކީ އުލްޔާގެ ބައްޕައެވެ.

މިހާރުވެސް ޖަންނަ ގެއަށް ދާއިރު އުލްޔާގެ ބައްޕަ މިއަދު މާލެއިން ގެނައި ޖަންނަގެ ހާއްސަ ހަދިޔާ ގޭގައި އޮންނާނެކަން ޖަންނައަށް އެނގެއެވެ. އެއީ އުލްޔާއަށް ގެންނަހެން ރީތި ބޮޑު ޕާރުސަލެއް އަބަދުވެސް ޖަންނައަށްވެސް އުލްޔާގެ ބައްޕަ ގެނެސްދޭތީއެވެ. އެހެންވީއިރު އެހާ ރަނގަޅު އިންސާނަކު އެހެން ކައިވެންޏެއް ކޮށްގެން އަދި ނުވިތާކަށް ކުޑަ ލޯބި އުފާވެރި އާއިލާއެއްގެ އެންމެ އުފާވެރި އެއް ދަރިފުޅު އާއިލާއާ ދުރަށް ގެންދަން ނިންމަފާނެބާވައެވެ. ޖަންނަގެ ސިކުނޑީގައި ހިޔާލުތަކާއި ސުވާލުތައް އެނބުރިގަތީ ވަކިވަރެއް ބަލާފައެއްނޫނެވެ.

'ތިވަރުގެ ބޮޑުކަމެއް ހިނގީތަ ހަމަ؟ ކީއްވެ ސަމިއްތަ ދާންވީ؟ ދެން އުލްޔާ ދާނީ ދޯ... އަސްލު މާލެއަށް ގޮސް މޮޅަށް ކިޔަވަން އުލްޔާ ވަރަށް ބޭނުމޭ އަބަދު ކިޔަނިކޮށް އެކަން ވަނީ ކަން ނޭނގެނު.'

'ހޫނ ނޫޅެން... މަގޭ ލޯބި ޖަންނައާ، މިރަށާ، މަގޭ ސްކޫލް ދޫކޮށް ނުދެވޭނެ...މަންމައާ ވަކިން މަށަށް ނުވެސް އުޅެވޭނެ... އެކަމަކު ބައްޕަ ކައިރީ ނުދާނަމޭ ބުނާކަށް ނުކެރޭނެ...' ތުން އޫކޮށްގެން ހުރެ އުލްޔާ ބުނެލިއެވެ.

'އެހެންވީމަ މަބުނާގޮތް ހަދާ. މާބޮޑަށް ނުވިސްނާ. އުލްޔާ އިހަށް ކެތްކޮށްގެން ހުރޭ. ތިވާހަކަ އަދި މަންމައާ ބައްޕަ އުލްޔާއާ ދައްކާނެ. ހިނގާ ދެން ބީޗަށް ދާން. ތިވާހަކަ އިތުރަށް ނުދައްކާނީދޯ. ބަސްއަހާ ކުދިންނަށް ނުވާނެ ދެރަ ގޮތެއް.' ޖަންނަ ބާރުބާރަށް ހިނގައިގަތީ އުލްޔާގެ ކަނާތު ކުޑަވާއިނގިލީގައި ހިފައި ދަމައިގަންނަމުންނެވެ.

(ނުނިމޭ)

ކޮމެންޓް