
އާންމު ގޮތެއްގައި މައިސް ޓޫރިޒަމް ސިނާއަތުގެ ކޮންމެ ބަޔަކީވެސް އިވެންޓްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މުހިންމު ބައެކެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ކަމުދާ ފުރިހަމަ މަންޒިލެއް ހޯދުމަށް އެޖެންސީތަކުން އެކަމަށް ބޭނުންވާ ފަރާތްތަކާއި ގާތުން މަސައްކަތް ކުރާނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ، ފަތުރުވެރިކަމުގެ މި ސެގުމެންޓު ފާއިތުވި އަހަރުތަކުގައި ދަނީ ވަރަށް ބޮޑަށް ކުރިއަރަމުންނެވެ. ގްލޯބަލައިޒޭޝަންގެ ބާރުތަކާއި ޚިދުމަތުގެ ސިނާއަތްތައް ފުޅާވުމުގެ އިތުރުން ސައިންޓިފިކް އަދި ޓެކްނޮލޮޖީގެ އާ އުފެއްދުންތަށް ކުރިއެރުމުން މައިސް ޓޫރިޒަމް ވިޔަފާރި ކުރިއަރައިގެން ދިއުމަށް އިތުރު ބާރަކަށްވެއެވެ.
މައިސް ޓޫރިޒަމްގެ މާކެޓް ސައިޒު ދުނިޔޭގެ ފެންވަރުގައި 2033 ވަނަ އަހަރު ގާތްގަނޑަކަށް 2.86 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވިފައިވާއިރު، މިއީ 2023 އިން 2033 އަށް އެވުރެޖްކޮށް އަހަރަކު %23.83 ކުރި އެރުމެކެވެ.
އާމްދަނީގެ ގޮތުން ބަލާއިރު، 2023 ވަނަ އަހަރު ދުނިޔޭގެ މައިސް މާކެޓުގެ %6.3 ހިއްސާކޮށްފައިވަނީ މެދު އިރުމަތީގެ ގައުމު ތަކުންނެވެ. ވަކިން ހާއްސަކޮށް ދުބާއީ ގަތަރު ސައުދީ އޮމާން އަދި ބަހުރެއިނުންނެވެ. އޭޝިއާ ޕެސިފިކް އަކީ އެންމެ އަވަހަށް ކުރިއަރަމުން އަންނަ ސަރަހައްދީ މާކެޓަށް ވާއިރު 2030 ވަނަ އަހަރުގެ ނިޔަލަށް މި ސަރަހައްދުގައި 1.25 ޓްރިލިއަން ޑޮލަރުގެ މައިސް ޓޫރިޒަމްގެ ހަރަކާތްތައް ހިނގާނެކަމަށް ލަފާކުރެވެއެވެ.
މައިސް ޓޫރިޒަމްގެ ހިއްސާ ގައުމުތަކުގައި ބެހިފައިވާގޮތް
މައިސް ޓޫރިޒަމް ކުރިއެރުވުމުގެ ރޭހުގައި އެންމެ ކުރީގައި 90 ގެ އަހަރުތަކުގައި، އެންމެ ގިނަ އިންވެސްޓްމަންޓްތައް އުފައްދަމުން ދިޔައީ މެދުއިރުމަތީގެ ގައުމުތަކުގައެވެ. އެގޮތުން އެއްފަހަރާ ގިނަ އަދަދެއްގެ މީހުނަށް ވަދެވޭގޮތަށް ބޮޑެތި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތަކާއި ކެއިންބުއިމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަރ އުފައްދާފައިވެއެވެ.
އެގޮތުން ދުބާއީގެ މައުރަޒުތަކާއި ކޮންފަރެންސްތަކާއި ސެމިނާތަކާއި ބިޒްނަސް އިވެންޓްތަކުގެ ދާއިރާ މިދިޔަ އަހަރު 25 ޕަސެންޓް ކުރިއަރާފައި ވެއެވެ. ގްލޯބަލް އިވެންޓްސް އެންޑް އެގްޒިބިޝަންސް އިންޑަސްޓްރީގެ ޕަވަރހައުސް ކަމުގައިވާ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރ (ޑީޑަބްލިޔުޓީސީ) ގައި ބޭއްވި އިވެންޓްތަކަށް 2023 ވަނަ އަހަރު %25 ގެ ކުރިއެރުމަކާއެކު 2.47 މިލިއަން ބައިވެރިން ޒިޔާރަތްކޮށް މި އިންޑަސްޓްރީގެ އަގު 44.7 ބިލިއަން ޑޮލަރަށް އަރާފައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2023 ވަނަ އަހަރު ފާހަގަކޮށްލެވޭ ޕާފޯމަންސެއް ލިބި، ދުބާއީގެ ކުރިން ނުފެންނަ އިގްތިސާދީ ކުރިއެރުމާއި ވިޔަފާރިއާއި ވިޔަފާރި ގާއިމްކުރުމަށް ވަރުގަދަ ބައިނަލްއަގްވާމީ ކޮންވެންޝަން ޕްލެޓްފޯމެއްގެ ގޮތުގައި އޮތް މަގާމު އިތުރަށް ފުޅާވިއެވެ.
މައިސް ޓޫރިޒަމް މާކެޓް ޑައިނަމިކްސް
މައިސް ޓޫރިޒަމް ކުރިއަރަމުން އަންނަނީ ވިޔަފާރިތައް ގްލޯބަލައިޒޭޝަން އިތުރުވަމުންދާތީ އެވެ. ދުނިޔޭގެ އިގްތިސޯދީ ކުރިއެރުމާއި، ވިޔަފާރީގެ ދަތުރުފަތުރާއި ވިޔަފާރި ކުރިއަރަމުން ދިއުމާއި، ކޯޕަރޭޓް އިވެންޓްތަކުގެ މަގުބޫލުކަން އިތުރުވުމަކީ މި ކުރިއެރުމަށް ބާރުއަޅާ ބައެއް ކަންކަމެވެ. ޓެކްނޮލޮޖީގެ ކުރިއެރުން، އިންފްރާސްޓްރަކްޗަރަލް ދާއިރާއަށް ކުރާ އިންވެސްޓްމަންޓްގެ ސަބަބުން މައިސް ޓޫރިޒަމް މާކެޓަށް ފުރުސަތުތައް ފަހިވެގެންދާނެ އެވެ.
މައިގަނޑު ގޮތެއްގައި ދުނިޔޭގެ މައިސް ޓޫރިޒަމް މާކެޓް ބަހާލެވޭ ބައިތަކަކީ ރީޓެއިލް، ހޮސްޕިޓަލިޓީ، ޓްރާންސްޕޯޓޭޝަން، އެންޓަޓެއިންމަންޓް، އަދި އެހެނިހެން ވިޔަފާރިއާއި ގުޅުންހުރި މީޓިންތަކަށެވެ. މައިސް ޓޫރިޒަމްގައި ކޯޕަރޭޓް ސެކްޓަރުގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން އެންމެ ބޮޑު މާކެޓް ހިއްސާއެއް އޮންނަނީ ހޮސްޕިޓަލިޓީ އިންޑަސްޓްރީ އަށެވެ. ޗުއްޓީ ހޭދަކުރެވޭ ގޮތަށް ރޭވޭ މީޓިންތަކާއި ކޮންފަރެންސްތަކާއި އެގްޒިބިޝަންތަކުގެ ސަބަބުންނެވެ.
މައިސް ޓޫރިޒަމް ފުޅާކުރުމަށް ރާއްޖޭގެ ޓޫރިޒަމް ޕޮލިސީ ލެވަލްގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ގިނަ މީހުނަށް ވަދެވޭފަދަ ބޮޑެތި ގިނަ ހޯލުތަކާއެކު އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރަންޖެހެވެ. އެކޮމަޑޭޝަން ތަކާއި ދަތުރުފަތުރުން އިތުބާރާ އެކު އެފަދަ ވަސީލަތްތައް ހުރި ތަންތަނާ ގުޅެންޖެހެވެ. އަދި އެފަދަ މީހުންނަށް ފަސޭހައިން އައިސް ގޮސް އުޅެވޭނެ ވިސާގެ އިންތިޒާމު ތަކާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި މިވަގުތު ގާއިމުކޮށްފައިވާ ހޯލުތަކަށް އެންމެ ގިނައިން މީހުނަށް ވަދެވެނީ 300 މީހުންނަށެވެ. ނަމަވެސް އޮންނަ އަނެއް ގޮންޖެހުމަކީ ރިޒޯޓުތަކަކީ ލެޝަރ ކެޓަގަރީގެ ޓޫރިޒަމަށް ވާއިރު އެކަމަޑޭޝަންތައް ހަދާފައިވަނީ އެގޮތަށް ވިސްނައެވެ. އަދި ކޮޓަރިތައް ވިއްކުމުގައިވެސް ދުރާލާ ވިއްކައެވެ. އެހެންކަމާއެކު، ގިނަ ބަޔަކަށް އެއްފަހަރާ އެއްރިސޯޓުން އެކަމަޑޭޝަން ހޯދުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ.
ދުނިޔޭގައި މައިސް ޓޫރިޒަމްގެ ވިޔަފާރި 2 ޓްރިލިއަން ޑޮލަރަށް އަރާއިރު އަޅުގަނޑުމެން ނިދާފައި ތިބެއްޖެނަމަ، ރާއްޖޭގައި ބައި ގަރުނަށްވުރެ ގިނަދުވަސްވީ މި ސިނާއަތު ދާނީ ފަހަތަށެވެ. އެހެންކަމާއެކު، މައިސް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލުމަށް ޕޮލިސީ ލެވެލްގައި ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ. ޓްރިލިއަން ޑޮލަރުގެ މައިސް ޓޫރިޒަމްގެ ފުރިހަމަ ފައިދާ މި ރާއްޖެއަށް ލިބިދިނުމަށް މަސައްކަތްތަކެއް ފަށަން ޖެހެއެވެ.




