
މި ފަސްގަނޑު ހިއްކަން ފެށީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސް މުއިއްޒު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ. ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، އެ ސަރަހައްދުގެ އެއްވެސް ފަރާތެއްގައި ޖިއޯ ބޭގް ޖަހައި ނިންމާފައިނުވާކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން، މިހާރު އެ ސަރަހައްދުގެ ބޮޑު ބައެއް ގިރާލައި، ވެއްޔާއި، ކިސަޑު ގިނަ އަދަދަކަށް އެ ރަށުގެ ފަޅުތެރެއަށް ދަނީ ފެތުރެމުންނެވެ.
ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ޙުސެއިން، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ފިޔެސް އާ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ، މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ލިބިދާނެ ގެއްލުންތައް މިހާރު އިހްސާސް ނުކުރެވުނު ނަމަވެސް، މޫދުގެ ދިރުންތަކަށާއި ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ހިއްކުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް މިފަދަ ކަންކަން ހިނގައިފާނެ ކަން، މި ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ގިނަ ކަންބޮޑުވުންތަކެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވާނެ ކަމަށާ، އެހެން ނަމަވެސް އެއިން އެއްވެސް ކަންބޮޑުވުމަކަށް މި ސަރުކާރުން އިޖާބަ ދީފައި ނުވާ ކަމަށް ވެސް އާޠިފް ޙުސެއިން ވިދާޅުވިއެވެ.
"ރައްޔިތުންނާއި ކައުންސިލުން ނުހިއްކުމަށް ތަކުރާރުކޮށް އިލްތިމާސްކުރި ނަމަވެސް ހިއްކާފައިވާ އެ ފަސްގަނޑުގެ ބޮޑު ބައެއް މިހާރު ގިރަމުންދާތީ، ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތް. މި މަންޒަރަކީ ބޭރުފުށުން ފެންނަން ރީތި މަންޒަރަކަށް ވެދާނެ. މަތިން ނަގާ ޑުރޯން ފޮޓޯ ވެސް ޗާލުވެދާނެ. އެހެން ނަމަވެސް ލޯ ކުރިމަތިން ހިނގައި މިދަނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް އެކަމުގައި ހިމެނޭ ކަންކަން." ވެލިދޫ ކައުންސިލްގެ ރައީސް އާޠިފް ޙުސެއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ވެލިދޫގެ ކުލަބް ޖަމިއްޔާއެއް ކަމަށްވާ ބައޮކަލޯ (ބުރަދަހުޑް އެސޯސިއޭޝަން) އާއި ބޭރުގެ ޖަމިއްޔާއެއް ގުޅިގެން މީގެ 6 އަހަރު ކުރިން ފެށިގެން އެރަށުގެ ފަޅުގައި މުރަކަ އާލާކުރުމަށް ކުރިއަށްގެންދަމުން އައި ކޮރަލް ޕުރޮޖެކްޓަށް ވެސް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތި ލާންޖެހި، އެ ޕްރޮޖެކްޓު ހުއްޓުމަކަށް އައިސްފައި ކަމަށާ، މިއީ ނުހަނު ހިތާމަކުރަންޖެހޭ، ދުރު މުސްތަގުބަލަށް ދެމިގެންދާނެ ބޮޑެތި ގެއްލުންތަކެއް ހިމެނޭ ކަމެއް ކަމަށް ބައޮކަލޯ އިން ހާމަކުރެއެވެ.
އެރަށުގެ އާންމު ރައްޔިތުންގެ ތެރެއިން ފިޔެސް އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ، ސަރުކާރުން މިފަދަ މަޝްރޫއުތައް ހިންގާއިރު ތިމާވެށީގެ ސިޔާސަތުތަކަށް އިސްކަންދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަމާލުކަން ދިނުމާއެކު، އެކަންކަމަށް ރިއާޔަތް ކުރުން މުހިންމު ކަމަށެވެ.
"މިއީ ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ކިހާބޮޑު އިސްރާފެއްތޯ؟ މިހާރު މިކަން ހިނގަމުންދާ ގޮތުން، މޫދުގެ ދިރުންތަކަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މި ސަރުކާރަށް ގޮވާލަން." ނަން ހާމަ ނުކުރުމަށް ބުނެ ވާހަކަދެއްކި މީހަކު ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިފަހުން ސިޔާސީ އެކިއެކި މަންފާތައް ހާސިލުކުރުމަށް އަވަސް އަރުވާލައިގެން މި ސަރުކާރުން ހިއްކަން ބޭނުންވި ބިންތަށް ހިއްކަނީ، އީއައިއޭ (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު) ނުހަދައެވެ. އީއައިއޭގެ ބަދަލުގައި މިނިސްޓަރުގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްބުނެ ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އެފަދަ އެކި މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައި ވެއެވެ.
އަދި އެ މަޝްރޫއުތައް ކުރިއަށް ނުގޮސް މަޑުޖެހި ބޮޑެތި ގެއްލުންތަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނާއި ކައުންސިލްތަކުން ފާޅުކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.
އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް ބަދަލުތަކެއް ގެނެސް، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަލައި ދިރާސާކުރާ ބެލެނިވެރި ފަރާތްކަމުގައިވާ އީޕީއޭ (އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ) އުވާލައި އެ އެޖެންސީގެ މަސައްކަތްތައް އެންވާރަމަންޓް މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި، މި އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވަނީ ހިންގަން ފަށާފައެވެ.
ފިޔެސް އަށް މައުލޫމާތު ދެއްވި އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ކުރީކޮޅުން ފެށިގެން އީޕީއޭގެ ބާރު ވަނީ ކަނޑުވާލާފައެވެ. އަދި ރަސްމީކޮށް އެބަދަލު ގެންނަން މަސައްކަތްކުރާތާ ދުވަސްތަކެއް ވެސް ވެއްޖެއެވެ.
މިއަދު ވަނީ އެކަން ރަސްމީކޮށް ބަދަލު ކޮށްފައި ކަމަށާ، އީޕީއޭ އިން ކުރަމުންދިޔަ މަސައްކަތްތައް އެ ދުވަހުން ފެށިގެން ކުރަމުން އަންނަނީ މިނިސްޓްރީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް ފިޔެސް އަށް މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވި އެވެ. އަދި އެ ޑިޕާޓްމަންޓް ހިންގެވުމުގެ އެންމެ އިސްވެރިޔަކަށް ހުންނަވަނީވެސް ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅެއް ކަމަށް ވެއެވެ.




