
ފިޔެސްއާ މައުލޫމާތު ހިއްސާކުރި ވެލިދޫގެ ރައްޔިތުން ބުނި ގޮތުގައި، ވެލިދޫ އާރުޑީސީ ގެ މުވައްޒަފުން އެ މުއައްޒަފުންގެ ރަސްމީގަޑީގައި ނެރެގެން ވެލިދޫގައި ހުންނަ ޕީއެންސީ ޖަގަހައިގެ މަސައްކަތް ދަނީ ކުރުވަމުން ކަމަށާ، ދައުލަތުގެ ބަޖެޓުން މުސާރަދޭ ކުންފުންޏެއްގެ ވަސީލަތްތަކާއި މުވައްޒަފުން މިގޮތަށް ސިޔާސީ ޕާޓީއެއްގެ އަމިއްލަ މަސައްކަތްތަކަށް އެ މުއައްޒަފުންގެ ރަސްމީގަޑީގައި ބޭނުންކުރުމަކީ ދައުލަތުގެ މުދަލާއި ވަގުތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމަށެވެ.
އަދި މިއީ ކުންފުނީގެ އަސާސީ މަގުސަދުތަކާ ވެސް ހިލާފަށް ހިންގާ، އިންސާފުން އެއްކިބާވެފައިވާ ކަމެއްކަމަށް ބުނެ ރަށުގެ އާންމުން މި ސަރުކާރާ މެދުގައި ނުރުހުމާއި ނަފުރަތު އިތުރުވެފައިވާ ކަމަށް ވެސް އެ ރައްޔިތުން ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ކުންފުނީގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވި ނަމަވެސް، މި ސަރުކަރުގެ ކުންފުނިތަކުގެ އިސްވެރިން އާންމުކޮށް ވިދާޅުވަނީ މުވައްޒަފުން ކުންފުނީގެ މަސައްކަތުން ބޭރުން ހަރަކާތްތެރިވާނީ އެމީހުންގެ އަމިއްލަ ވަގުތުތަކުގައި، އެމީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށާ، ކުންފުނިތަކުގެ ވަސީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންނުކުރާނެ ކަމަށެވެ.
ވެލިދޫ އާރުޑީސީ މުވައްޒަފުން ރަސްމީގަޑީގައި ނެރެގެން އެރަށުގައި ހަދަމުން އަންނަ ޕީއެންސީ ޖަގަހަ - ފޮޓޯ: ފިޔެސްމީގެއިތުރުން، ވެލިދޫގައި ގާއިމުކޮށްފައި ހުރި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ޕީއެންސީ (ޕީޕަލްސް ނެޝަނަލް ކޮންގްރެސް) އަށް ވެއްދުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށް ފިޔެސް އާ މައުލޫމާތު ހިއްސާކޮށްފައެވެ.
މި މައްސަލައިގައި ވެލިދޫން މައުލޫމާތު ދިން އެރަށުގެ ބައެއް ރައްޔިތުން ބުނެފައިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮފީސްތަކާއި ބްރާންޗުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަކި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމަށް މަޖުބޫރުކުރަމުންދާ ކަމަށާ، އެޕާޓީއަށް ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރުމާއި، މަގާމު ދަށްކުރުން ނުވަތަ އެހެން ރަށްރަށަށް ބަދަލުކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މިކަމާ ގުޅިގެން ވެލިދޫގެ ގިނަ ރައްޔިތުންނާއި އެ ކުންފުނިތަކުގެ މުވައްޒަފުންގެ އާއިލާތަކުން ކަންބޮޑުވުން ފާޅުކޮށް އެ ފަރާތްތަކުން ބުނަނީ، ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ސިޔާސީ ފިކުރެއް ހިޔާރުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާއިރު، ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރަން އުޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވެލިދޫގެ ގިނަ ރައްޔިތުން މިފަދައިން ބުނަމުންދިޔަ ނަމަވެސް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން އަބަދުވެސް ބުނަމުންދަނީ އެ ޕާޓީއަކީ ގާނޫނާއި ގަވާއިދުގެ އިމުން އެތެރޭގައި ސިޔާސީ ހަރަކާތްތައް ހިންގާ ޕާޓީއެއް ކަމަށާ، އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ޕާޓީއަށް ވެއްދުމުގެ ސިޔާސަތެއް އެ ޕާޓީގައި ނޯންނާނެ ކަމަށެވެ.
އަދި ޕާޓީގެ މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށްދަނީ ރައްޔިތުންގެ އަމިއްލަ ރުހުމާއި ޝައުގުވެރިކަމާ އެކުގައި ކަމަށްވެސް އެ ޕާޓީގެ އިސް ފަރާތްތަކުން މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.
ވެލިދޫގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ރައްޔިތުންގެ ފަރާތްތަކުން އެދެމުންދަނީ، ވަޒީފާގެ ބިރުދެއްކުން ވަގުތުން ހުއްޓާލުމަށާ، މިފަދަ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކުން އިންސާފުވެރިކަމާ އެކު ބަލައިދީ، ދައުލަތުގެ ކުންފުނިތަކުގެ ނަޒާހާތްތެރިކަން ހިފެހެއްޓުމަށާ، ސިޔާސީ ބޭނުންތަކަށް ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އޭސީސީ (އެންޓި-ކޮރަޕްޝަން ކޮމިޝަން) ފަދަ މުއައްސަސާތަކުން މި މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.




