
މާޝަލް އައިލެންޑް ސަރަހައްދުގައި އޮތް ކުޑަ މި ދެ އަތޮޅަކީ މިދިޔަ އަހަރު މާޝަލް އައިލެންޑްސްގެ ފުރަތަމަ 'ނޭޝަނަލް މެރިން ސެންކްޗުއަރީ' ގެ ގޮތުގައި ކަނޑައެޅި ދެ ސަރަހައްދެވެ.
ބިކާރު އަދި ބޮކަކް ގެ ނަންދީފައިވާ މި ދެ އަތޮޅަކީ ރާއްޖޭގެ ރަށްތައްފަދަ ކުދި ރަށްތަކެއް ހިމެނޭ ދެ އަތޮޅެވެ. ވަރަށް އެކަހެރިކޮށް އޮތް ކުޑަ މި ދެއަތޮޅުގެ ދިރާސާ ޝާއިއުކޮށްފައިވަނީ 'ފްރޮންޓިއަރސް އިން މެރިން ސައިންސް' ގައެވެ.
މި އައު ހޯދުންތަކަކީ 2023 ވަނަ އަހަރު މި އަތޮޅުތައް ދިރާސާކުރުމަށް ކުރި ދަތުރުގެ ނަތީޖާއެވެ. މި ދަތުރުގެ ސަބަބުން މި އަތޮޅުތަކުގެ އީކޯސިސްޓަމްތަކާ މެދު މިހާތަނަށް އެންމެ ފުރިހަމަ މަޢުލޫމާތުތަކެއް ވަނީ ހޯދާފައެވެ.
ތިރީގައި މި ބަލައިލަނީ އެ ދެއަތޮޅާ ގުޅޭގޮތުން ދިރާސާގައި ހުރި ބައެއް ވާހަކަ ތަކަށާއި ކަމާ ގުޅުންހުރި ބައެއް ބޭފުޅުން ވިދާޅުވެފައިހުރި ވާހަކަތަކަށެވެ.
ޔުނިވަރސިޓީ އޮފް ހަވާއީގެ މެރިން އިކޮލޮޖިސްޓް އެލަން ފްރީޑްލޭންޑަރ ވިދާޅުވާ ގޮތުގައި، މި ޚާއްޞަ ސަރަޙައްދުތައް ހިމާޔަތްކުރުމަށް ވަރުގަދަ ސަބަބުތަކެއް އެބައޮތެވެ؛ އެއީ މުޅި އެ ސަރަޙައްދުގައި ވެސް މިހާރު ބާކީ ހުރި އެންމެ ފުރިހަމަ، އަދި ގެއްލުމެއް ނުލިބިވާ ދިރުންތަކުގެ ނިޒާމުތައް (އީކޯސިސްޓަމްތައް) އޮތީ މިތަންތަނުގައެވެ.
"ބިކާރު އަދި ބޮކަކް އަކީ ހަމައެކަނި މާޝަލް އައިލެންޑްސްގެ ޚަޒާނާއެއް ނޫން، އެއީ މުޅި ދުނިޔެއަށް ލިބިފައިވާ ހަދިޔާއެއް. އެއީ ޒަމާނުއްސުރެ މި ނާޒުކު އީކޯސިސްޓަމްތައް ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އައި އުޓިރިކް އަތޮޅުގެ މުޖުތަމަޢުގެ ފަރާތުން ލިބިފައިވާ ހަދިޔާއެއް،" ފްރީޑްލޭންޑަރ ވިދާޅުވިއެވެ.
މާޝަލްގެ ޤަދީމީ މުޖުތަމަޢުތަކަށް އެތައް ޤަރުނެއް ވަންދެން ބިކާރު އަދި ބޮކަކް އެނގިފައިވީ ނަމަވެސް، އިންސާނުންނާ އާދަޔާ ޚިލާފަށް ދުރުގައި އެކަހެރިކޮށް އޮތުމުގެ ސަބަބުން މި ސަރަޙައްދުތައް ވަނީ ތަޣައްޔަރުނުވެ، ޤުދުރަތީ އަސްލު ގޮތުގައި ރައްކާތެރިވެފައެވެ.
ބިކާރު އޮންނަނީ އެންމެ ކައިރީގައި މީހުން ދިރިއުޅޭ އަތޮޅާ 100 ކިލޯމީޓަރު ދުރުގައެވެ. އަދި ބޮކަކް އޮންނަނީ މީހުން ދިރިއުޅޭ ސަރަޙައްދާ 400 ކިލޯމީޓަރު ދުރުގައެވެ.
"އެކަހެރިކޮށް ހުންނަ މިފަދަ ކަނޑުގެ އަތޮޅުތަކުގެ ސަބަބުން، އިންސާނުންގެ ސީދާ ނުފޫޒު ނުފޯރައި ހުންނަ ސަރަޙައްދުތަކުގެ އީކޮލޮޖިކަލް ނިޒާމުތައް ދިރާސާކުރުމުގެ ފަހު ފުރުޞަތުތައް ލިބިގެންދޭ. އޭގެ ތެރޭގައި އެހެން ޖަނަވާރުން ޝިކާރަކުރާ ބާވަތްތަކާއި، ކަނޑުދޫނިތަކުގެ އާބާދީތަކާއި، އަދި އެ ސަރަޙައްދަށް ޚާއްޞަ ގަސްގަހާގެހި ހިމެނޭ،" ފްރީޑްލޭންޑަރ އަދި އޭނާގެ ދިރާސާ ޓީމުން ލިޔުއްވާފައިވެއެވެ.
"އެއްގަމުން ފެށިގެން ފުން ކަނޑާ ހަމައަށް ކުރެވުނު މި ދިރާސާތައް އެއްކޮށްލުމުން، މިއީ މެދުތެރޭ ޕެސިފިކްގެ ދުރު އަތޮޅުތަކަކާ ގުޅޭގޮތުން މިހާތަނަށް ހެދުނު އެންމެ ފުރިހަމަ އެއް އެސެސްމެންޓަށް ވެގެންދޭ. އަދި މިއީ އިންސާނުންގެ ނުފޫޒު ގަދަވެފައިވާ މި ޒަމާނުގައި (އެންތުރޮޕޮސީން)، ގެއްލުމެއް ނުލިބި ހުރި ޓްރޮޕިކަލް ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ހުރިގޮތް ދެނެގަތުމަށް ލިބުނު ވަރަށް މަދުން ނޫނީ ނުލިބޭ ފަދަ ފުރުޞަތެއް."
މި ދިރާސާ ދަތުރުތަކުގައި 38 އާއިލާއަކަށް ނިސްބަތްވާ ފަރުމަހުގެ 266 ބާވަތެއް ފާހަގަކުރެވުނެވެ. އަދި ބޮކަކް އަތޮޅުން ގިނަ އަދަދަކަށް މަހުގެ ބައިގަނޑުތައް ފެނިފައިވެއެވެ.
މީގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނީ މިޔަރެވެ. ފަރުގެ ބޭރު ފަރާތުގެ ބޮޑު ބައެއް ހިއްސާކުރަނީ މިޔަރެވެ؛ އެއީ ބިކާރުގައި 26.8 އިންސައްތަ އަދި ބޮކަކްގައި 33.9 އިންސައްތައެވެ.
ބިކާރު އަދި ބޮކަކް ހިމެނޭ ސަރަހައްދު.--
ކަނޑުއަޑީގައި ދުއްވާ އުޅަނދުތައް (ސަބްމާސިބަލްސް) ބޭނުންކޮށްގެން ސައިންސްވެރިން ވަނީ ވަރަށް ފުން ހިސާބުތަކުގައި (275 މީޓަރާ ހަމައަށް) ދިރިއުޅޭ މަހުގެ 138 ބާވަތެއް ރެކޯޑުކޮށްފައެވެ. މީގެ ތެރެއިން 14 ބާވަތަކީ މީގެ ކުރިން މާޝަލް އައިލެންޑްސްއިން ފެނިފައިވާ ކަމަށް ރެކޯޑުކުރެވިފައި ނުވާ އައު ބާވަތްތަކެއް ކަމަށް ދިރާސާވެރިން ފާހަގަކޮށްފައިވެއެވެ. ކަނޑު އަޑީގެ ކެމެރާތަކުން ވަނީ، އެއަށްވުރެ ވެސް ފުން ސަރަޙައްދުތަކުގައި ދިރިއުޅޭ އިތުރު 79 ބާވަތެއްގެ މަސް ބަލައި ދިރާސާކޮށްފައެވެ.
މީގެއިތުރުން ދިރާސާވެރިން ވަނީ އެ އަތޮޅުތަކުން ކަނޑުދޫނީގެ 17 ވައްތަރެއް ފާހަގަކޮށް ރެކޯޑުކޮށްފައެވެ. އަދި އެ ރަށްތަކަށް ވެލާ އަރާފައި ހުރިކަން ގޮނޑުދޮށުން ފެންނަންހުރި 71 ނިޝާނާއި، ވެލާ ބިސް އަޅާފައިވާ 132 ތަނެއް ފާހަގަކޮށްފައި ވެއެވެ. ވެލާ ގިނައިން އަރާކަމަށް ފާހަގަ ކުރެވިފައިވަނީ ބިކާރަށެވެ.
ފްރީޑްލޭންޑަރ ވިދާޅުވީ، "މި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ކަނޑުދޫނިތައް އާލާވާ ސަރަޙައްދުތަކާއި، ފޯދިފައިވާ ޤުދުރަތީ ގަސްގަހާގެއްސާއި، ވެލާ ބިސްއެޅުމުގެ ޙަރަކާތްތަކާއި، ފަރުތަކުގައި މަހުގެ ގިނަ އާބާދީތަކާއި ބޮޑެތި ޝިކާރީ މަސްތައް އެބައުޅެއެވެ. އަދި ބޮކަކްގައި މުރަކައިން މުއްސަނދިވެފައިވާ ފަރުތަކާއި، އޮނިގަނޑުގެ ގޮތުން ކޮމްޕްލެކްސް މެސޯފޯޓިކް މާޙައުލުތަކާއި، ހައިރާންވާފަދަ ތަފާތު އަދި މާބޮޑަށް ދެނެގަނެވިފައިނުވާ ކަނޑުގެ އަޑީގެ ދިރުންތަކުގެ މުޖުތަމަޢުތައް އެކުލެވިގެންވެއެވެ."
"މިއީ އެހެން ތަންތަނުން އަޅުގަނޑުމެންނަށް ގެއްލިފައިވާ ކަންކަން ދެނެގަތުމަށާއި، ތަންތަން ޙިމާޔަތްކުރުމާއި އިޔާދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ހޯދުމަށް ލިބެންހުރި އެންމެ ރަނގަޅު އިކޮލޮޖިކަލް ރެފަރެންސް ނިޒާމުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ."
ނަމަވެސް، ޕެސިފިކްގެ މި އެކަހެރި އަތޮޅުތަކުން ވެސް ތިމާވެށްޓަށް އިންސާނުންގެ ސަބަބުން ކޮށްފައިވާ އަސަރުތަކުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ.
2023 ވަނަ އަހަރުގެ ދިރާސާތައް ކުރިއިރު، ބިކާރު އަދި ބޮކަކް އިން ވެސް، އެ ސަރަޙައްދަށް އަލަށް ތަޢާރަފުވެފައިވާ ޕޮލިނޭޝިއަން މީދާ (Rattus exulans) ގެ އާބާދީ ފެނިފައިވެއެވެ. އަދި މި އަތޮޅުތަކަކީ އިންސާނުންގެ ނުފޫޒުތަކާ ވަރަށް ބޮޑަށް އެކަހެރިވެފައިވާ ތަންތަން ކަމުގައި ވިޔަސް، ދުނިޔޭގެ ފެން ހޫނުވުމާއި، މުރަކަ ހުދުވުމާއި، އަދި ކަނޑުގެ އެސިޑިޓީ މަތިވުން ފަދަ ޢާންމު ނުރައްކާތަކަކުން މި ތަންތަން ރައްކާތެރިވެފައެއް ނުވެއެވެ.
ދިރާސާވެރިން ލިޔުއްވާފައިވެއެވެ: "އަޅުގަނޑުމެން 'ނިސްބަތުން ގެއްލުން ނުލިބި ހުރި' މި ޢިބާރާތް ބޭނުންކުރަނީ އަޅާކިޔުމުގެ ގޮތުންނެވެ. އެއީ އެކަހެރި ފަރުތަކަކީ އެއްވެސް ބަދަލެއް ނައިސް ޤުދުރަތީ އަސްލު ގޮތުގައި ހުރި ތަންތަން ކަމަށް ބަލައިގެންނެއް ނޫނެވެ."
"އެކަހެރިކަމުގެ ސަބަބުން އިންސާނުންގެ ފަރާތުން ސީދާ ކުރިމަތިވާ ބައެއް ޕްރެޝަރުތައް ކުޑަކުރެވިދާނެއެވެ. ނަމަވެސް މާޒީގައި ހިނގާފައިވާ ކަންކަމާއި، އަލަށް ތަޢާރަފުވި ބާވަތްތަކާއި، ނުވަތަ މުޅި ދުނިޔެއަށް އިންސާނުންގެ ސަބަބުން ކުރާ އަސަރުތަކެއް ނައްތައެއް ނުލެވެއެވެ. އެހެންކަމުން، ތިމާވެށީގެ ޙާލަތު ވަޒަންކުރަންވާނީ ހަމައެކަނި އެކަހެރިކަމަށް ބަލައިގެންނެއް ނޫނެވެ، ނަމަވެސް ފެންނަންހުރި އިކޯސިސްޓަމްގެ ސިފަތަކުގެ މައްޗަށް ބިނާކޮށެވެ."
އެހެންނަމަވެސް، ބިކާރާއި ބޮކަކް އަކީ އެއްވެސް އަސަރެއް ނުކޮށް އޮތް ތަންތަން ކަމުގައި ނުވި ނަމަވެސް، އެއީ މިހާރު މި ބިމުން ފެންނަން އޮތް އެފަދަ އެންމެ ޤުދުރަތީ ޙާލަތުގައިވާ ތަންތަނެވެ.
އަދި މީގެ މާނައަކީ މި ޚާއްޞަ ތަންތަނާ ބެހޭގޮތުން އަޅުގަނޑުމެންނަށް ދަސްކުރެވެން ހުރި ހުރިހާ އެއްޗެއް ދަސްކޮށް ދިރާސާކުރަން ޖެހޭ ކަމެވެ. ސަބަބަކީ ހިތާމަވެރި ޙަޤީޤަތަކީ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ގިނަ ފަރުތަކާއި އަތޮޅުތައް މިހާރު މި ޙާލަތުގައި ނެތުމެވެ.
މި ތަފާތު ވަރަށް ބޮޑަށް ހާމަވެގެންދިޔަ ކަމަކީ، 2023 ވަނަ އަހަރު ބޮކަކް ދިރާސާކޮށް ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މި ދިރާސާ ޓީމު 20 ވަނަ ޤަރުނުގެ މެދުތެރޭގައި އެމެރިކާއިން ނިއުކްލިއަރ ޓެސްޓުތައް ހެދި މަޝްހޫރު ބިކިނީ އަތޮޅަށް ދަތުރުކުރުމެވެ.
"އެ އަހަރުތަކުގައި ދިން ބޮމުގެ ޙަމަލާތަކުގައި ތިން ރަށް އެއްކޮށް އަނދައި އަޅިއަށްވެގެން ދިޔައެވެ. އަދި ރޭޑިއޭޝަންގެ ވިހަ މާޙައުލަށް ދޫވެގެން ދިޔައެވެ. އޭގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ އަތޮޅަކީ މީހުންނަށް ދިރިއުޅެވޭ ފަދަ ތަނެއް ނޫނެވެ،" ދިރާސާ ޓީމުގެ މެންބަރަކު އޭނާގެ ފީލްޑް ޑައިރީގައި ލިޔެފައި ވެއެވެ.




