
ދެކުދިން އަތިރިމައްޗަށް ދެވެންދެންވެސް އެހެން ވާހަކައެއް ނުދައްކައެވެ. އިރުއޮއްސެން ކައިރިވާތީ މަޑުރީތި ކުލަތަކުން ފެވެމުންދާ އުދަރެހުން އިރު ތިރިވަމުންދަނީއެވެ. އުޑުމަތި ނުހަނު ސާފު ދުވަހެއްގެ ނިމުން ދެކެން އަތިރިމަތީގެ އެކިހިސާބުތަކަށް ގޮސް ތިބި ކުދި ބޮޑު އެތައް ބައެއްގެ ތެރެއިން އުލްޔާގެ އާއިލާ ހޯދާކަށް މާ އުނދަގުލެއް ނުވިއެވެ.
'ދޮންތީ ދޮންތީ! ކިރުކަކުންޏެއް މަންމަގެ ފައި ކާލައިފި.' އުލްޔާ ދުރުން ފެނިގެން ޔުސްކޮއްކޮ އައީ އެހެން ގޮވަމުންނެވެ. އެތައް ބަޔަކަށް ޔުސްކޮއްކޮގެ ލޯބި ވާހަކަކޮޅުން މަޖާވެގެން އުޅުނުއިރު ޔުސްކޮއްކޮ ހުރީ ވަރަށް އާޓު ބޮޑުކޮށްގެންނެވެ. އުލްޔާއާއި ޖަންނައަށް ކިރުކަކުނީގެ ނުބައި ވާހަކަ ކިޔައިދޭން ފެށީ މާނޭވާލަމުންނެވެ. އެހާ ގޯސް ކަކުނި އުޅޭކަން އެނގުނުނަމަ ބީޗަށް ނުވެސް އަންނާނަމޭވެސް ބުނެފިއެވެ. ކިރުކަކުނި އެހެން އުޅެނީ މަންމަމެންގެ ބަސްނާހާތީ ކަމަށާއި ސްކޫލަށްގޮސް ނުކިޔަވާތީކަމަށްވެސް ބުންޏެވެ.
'ކޮއްކޯ! ކިރުކަކުނި އެއީ މަންމަގެ ފައި ކާލެވޭ ވަރުގެ ވަރުގަދަ ކަކުންޏެއް ނޫނޭ... ޔުސްކޮއްކޮއަށް އަދި ބޮޑު ވަރުގަދަ ކަކުންޏެއް ނުފެންނާތީ ވާގޮތް ތީ. ދެން ހިނގާ މަންމަމެން ކައިރިއަށް ދޯ'
ކޮއްކޮގެ އަތުގައި ހިފާލަމުން އުލްޔާ ހިނގައިގަތުމުން ހޭން ފެށި ގޮތަށް ކަކުލުގަ އަތްވިއްދައިގެން އޮތް ޖަންނަވެސް އެކުދިންނާއެކީ ހިނގައިގަތެވެ.
މަންމައާއި ބައްޕަ އޭރު ތިބީ އެކުދިން އަންނަތަން ބަލަން ވަރަށް ހެވިފައެވެ. ބައްޕަގެ އަތުގައި އޮތް ވަރަށް ރީތި ބޮއްޔެއް އުލްޔާއަށް ދިއްކޮށްލާފައި ބައްޕަ ބުއްޏެވެ. 'މިއީ އުލްޔާ ދަރިފުޅުގެ ކަލެކްޝަނަށް ލާން ރީތި ބޮއްޔެއް'
'ތޭންކްސް ބައްޕާ' އުލްޔާ ބޮލި ހޯދަމުން ބުނެލިއެވެ. އޭރު މަންމައާ ބައްޕަ ތިބީ ހަމަޖެހިފައޭ އުލްޔާގެ ހިތް ބުންޏެވެ. އުލްޔާ އަތްދިއްކޮށްލީ ހުމާކޮއްކޮ އުރާލުމަށެވެ. ވަގުތުން ހުމާ އުލްޔާއާ ދިމާލަށް ތުއްތު ދެއަތް ދިއްކޮށްލާ 'ނޮންނީ ނޮންނީ' އޭ ގޮވާލިއިރު ހީވީ ކުޑަކުޑަ ދޫންޏެއް ގޮވާލިހެންނެވެ.
އުލްޔާމެންގެ އާއިލާއަކީ ރަށުގެ އާދައިގެ ބައެކެވެ. އެކަމަކު އޭނާގެ މަންމައާއި ބައްޕަ އެކުގައި ފެންނައިރު އެއީ ވަރަށް ރީތި ވަރަށް ގުޅޭ ޖޯޑެކޭ ކިޔައިގެން ބަލަހައްޓައިގެން އާގަމަވެފައި ތިބޭ މީހުން ވަރަށް ގިނައެވެ. އެދުވަހު އެވަގުތު އެތަނުގައިވެސް އެކަން އެބަ ހިނގައެވެ. ކަމާކަންފަށާ އެއާއިލާއިން ކުރާ ކޮންމެ ހަރަކާތެއް ބަލަން ބަޔަކު މީހުން ތިބިއިރު ހީވަނީ ސްޓޭޖް ޝޯވއެއް ބަލަން ތިބިހެންނެވެ. އުލްޔާ ހިތަށް އެރިއެވެ. މިވެސް ނާތަހުޒީބު މީހުންގެ ސިފައެކެވެ. ކިޔަވައިގެން ތިބޭ ތަންދޮރު ދަންނަ މީހުން އެހެން މީހުން އުޅޭގޮތް ބަލާކަށް އެހެން ނުތިބޭނެއެވެ.
'އަނދިރި ނުވަނީސް ގެއަށް އަންނަން މާމަ ބުނި. ޖަންނަ ލާފަ ހިނގާ ދަމާ މަންމާ.' އުލްޔާ އެހެން ބުނެލީ އޭރު އިރުގޮސް އޮބާލާތީއެވެ. އިރުއޮއްސުމަށްފަހު މޫދު ކައިރީ ހުންނަން އުލްޔާ ކުޑަކޮށް ބިރުގަންނާތީއާވެސް އެކުގައެވެ. ފަރުހަކިވަސް ދުވަން ފަށައިފިއްޔާ އެތަނުގައި ޖިންނި އުޅެނިއްޔޭ ބުނާ އަޑު އޭނާ އަހާފައިވާތީއެވެ. އެވަސްދުވާތޯ ކުޑަކޮށް ނޭފަތް އެތެރެއަށް ދަމާވެސްލެވުނެވެ. އެތަން ފެނިގެން އުލްޔާގެ އަތުގައި ވިކައިގަނެފައި ޖަންނަ ބުނެފިއެވެ.
'ހޫނ އެނގިއްޖެ. ތިއުޅެނީ ބިރުން. މަވެސް ބިރުގަނެއްޖެ. ހިނގާ ސަމިއްތަ އަވަހަށް މަ ގެއަށް ލާދޭން.' ދެން އުލްޔާގެ މަންމަވެސް ހިނިތުންވެލާފައި ބޯޖަހާލިއެވެ.
އުލްޔާމެންގޮސް ޖަންނަމެންގޭ ވައިލެޓްކުލައިގެ ގޭޓް ހުޅުވާލާފައި ވަންނަމުން ސަލާމް ގޮވާލީ އެންމެން އެކީގައެވެ. ބަދިގެ ތެރެއިން ޖަންނަގެ މަންމަ އައިސްތުދައްތަ ނުކުތީ ކޮތަޅެއް ހިފައިގެންނެވެ.
'ތިއައީ ދޯ. މިހިރީ ޒަރީރަށް ފޮނުވަން އޭރު ހެދި ބޮޗޮޅިތައް.. ފަތުލާފަ ފިހެފަ. ނިކަން މީރުވާނެ.'
ބައްޕަ އަތަށް އައިސްތުދައްތަ އެކޮތަޅު ދިނުމުން ބައްޕަ ވަރަށް ޝުކުރުއަދާކުރިއެވެ. 'ދައްތަ ހަދާ ހުރިހާ އެއްޗެއްވެސް މަށަށް މީރުވާނެ.'
'އާނ ދެން ދޭ އެންމެން އަވަހަށް ގެއަށް. މީ ޖިންނި ފައިބާ ގަޑި' އައިސްތުދައްތަ އެހެން ބުނުމުގެ ކުރިން ޖަންނަ ބުނެލީ ހަމަ އޭނާގެ މަންމައާ ސަމާސާކޮށްލާށެވެ.
އުލްޔާމެން ހެމުން ޓާޓާކިޔަމުން ގެއަށް ދާން ހިނގައިގަތެވެ. ޔުސްކޮއްކޮ ހުރީ ބައްޕަގެ އަތުގައި ހިފާލައިގެންނެވެ. ހުމާކޮއްކޮ މަންމަގެ ކައިރިއަށް ދާން ކުސްތަޅައިގަތީމަ މަންމަ ކޮއްކޮ އުރާލިއެވެ. މަންމައާއި ބައްޕަގެ މެދުގައި ހުރެގެން އުލްޔާ ހިނގައިގަތްތަނާ އެއްކަލަ ހިޔާލުތައް އޭނާ ވަށާލިއެވެ. 'ވަން ބިއުޓިފުލް ހެޕީ ފެމިލީ' ޕިކްޗަރ ދެން މިގޮތުގައި މިރަށު މީހުންނަށް ނުފެންނާނެއެވެ. ދެން ކަންބަލާ މީހުން ކިޔާނީވެސް ކީކޭބާވައެވެ. މިހާރު ނޭނގުނަސް މާކަ ގިނަ ދުވަހެއްނުވެ މުޅި ރަށުގައި ބްރޭކިންގ ނިއުސްއަކަށްވާނީ އުލްޔާގެ ބައްޕަ އެހެން ކައިވެންޏެއް ކުރި ވާހަކައެވެ. ދެން އެކަމާ ގުޅުވާފައި ނެތިނުބައި ކިޔާނެ މީހުން މިހާރު އެތިބެނީ އެއާއިލާއަށް ތައުރީފު ކުރާށެވެ.
އުލްޔާ ހިޔާލީ ދުނިޔޭގައި ހުއްޓާ ގެކައިރިއަށް އާދެވުނެވެ. އޭރު ރަތްވިލާގެ ކުލަތައް އޮތީ ވަރަށް ގަދަކޮށްލާފައެވެ. އަނބުގަސްމަތީ އުދުހެމުންދާ ވާތައްވެސް އެހާ ގިނައެވެ. ދޮންދީނިތަކުގެ ބައިގަނޑުތައްވެސް އެސޮރުމެން ތިބިތާކުން އައިސް ގަހަށް ޖައްސަމުން އެބަދެއެވެ. ރީތި ރީތި ބަލާ ފޫހިނުވާ މަންޒަރެކެވެ. އެކިދުވަހު އެކިކުލައިގައި ދަޅަތައް ފެނުނަސް، އިރުއޮއްސުމަށްފަހު ފެންނަ ކުލަތަކުގެ މަންޒަރު އެއީ އުލްޔާ ވަރަށް އުފާކުރުވާ މަންޒަރެކެވެ. އެކަމަކު ގިނައިރު އެމަންޒަރު ދެކެން ނުހުރެ އޭނާ ގެއަށް ވަނުމުގެ ކުރިން ބޭރު ވަޅުން ފެން ދާންޏެއް ނަގާ ފައި ދޮވެލިއެވެ. މަންމައާއި ބައްޕަވެސް ފައިދޮވެލާފައި ބައްޕަ ނެގި ފެންދާނިން ޔުސްކޮއްކޮގެ ފައިވެސް ދޮވެދިނެވެ.
އުލްޔާ ގޭތެރެއަށް ވަދެ، ކަހާލަފާނެތީ ވަރަށް ވިސްނައިގެން މަޑުން ހިނގާލާފައިގޮސް މާމަގެ ކޮޓަރީގައި ޓަކިދިނެވެ. މުށިޖަހާފައި ހުންނަ މައިގޭތެރޭގައި އޭރު ހުރީ ބޮކިތައް ދިއްލާ ފަންކާތައް ޖަހާފައެވެ. ފައިދޮވެގެން އައި ކުދިންގެ ފައިތައް އަވަހަށް ހިއްކޭނެގޮތަށް ހަދާފައި މާމަ ކޮޓަރިއަށް ވަނީކަން ޔަގީނެވެ.
(ނުނިމޭ)




