ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 10
މ ޝ 12 ނޮވެމްބަރ 2025 (ބުދަ)   07:22
...ފައިދޮވެގެން އައި ކުދިންގެ ފައިތައް އަވަހަށް ހިއްކޭނެގޮތަށް ހަދާފައި މާމަ ކޮޓަރިއަށް ވަނީކަން ޔަގީނެވެ.

(ކުރީ ހަފްތާއާ ގުޅޭ)

މާމަ ދޮރު ހުޅުވާލާފައި ނުކުތީ ދުންދަނޑިއާއި އަލިފާންފޮށި ހިފައިގެންނެވެ. 'އަހަރެމެންގެ ޔުސްރާ ނެތް ދޯ.' މާމަ އަހާލީ ވަށައިގެން ހޯދާލާފައެވެ.

'އާނ މާމާ. ޔުސް ގޮވައިގެން މަންމަ އެވަނީ. ހިނގާ މަސައްކަތް ފަށަން.'

މާމައާއެކީ ދުންދަނޑި ޖެހުމުގައި ގޭތެރޭގެ އެކިތަންތާ އުޅުމަށްފަހު ކާގެއާ ބަދިގޭގައިވެސް ދުންދަނޑި ބަހައްޓާފައި އުލްޔާއާއި މާމަ އެކުގައި މައުރިބް ނަމާދު ކުރީއެވެ. ދެން ގޭގެ ފެންޑާގައި ހުންނަ ބޮޑު އުނދޯލީގައި އުލްޔާވެސް މާމަ ކައިރީގައި އިނދެ ޤުރުއާން ކިޔެވީއެވެ.

އިޝާނަމާދަށް ބަންގި ގޮވުމުން މެދުގޭތެރޭގައި ހުންނަ ބޮޑު މޭޒުމަތީގައި ކޮންމެ ޚަތިމަކަށް ވަކިން ހުރި ފޮތްގޮނޑީގައި ޚަތިމްތައް ބަހައްޓާފައި އުލްޔާއާއި މާމަ އިޝާނަމާދުކޮށް ވިތުރީގެ ތިން ރަކުއަތް ކުރިއެވެ.

އިރުކޮޅަކުން ރުވާފައި އައި ތީރެއްހެން ޔުސްކޮއްކޮ ދުވަމުން އައިސް މާމަގެ މުސައްލަމަތީގައި އިށީނދެ މާމަ ޒިކުރުތަސްބީހަ ކިޔާހެން އިނގިލިތައް ލަންބަމުން ކޮންމެވެސް އެއްޗެއް ކިޔަން ފެށިއެވެ.

'މާމައަށް އެކެއް، ދޮންތިއަށް ދޭއް، ޔުސްއަށް ފަހެއް..' ޔުސްކޮއްކޮ މިކިޔަނީ މާ މޮޅު އެއްޗެކެވެ.

'ސާބަހޭ ދަރިއާ... ހިނގާ އަވަހަށް ބަދިގެއަށް ދަމާ. ޔުސްރާ މިއުޅެނީ ސަކަރާތެއް ޖެހޭތޯ ވިއްޔާ' މާމަ ހެމުން ދޮޅި ބާލަމުން މުސައްލަ މަތިން ތެދުވަމުން ބުނެލިއެވެ.

އޭރު މަންމައާއެކީ ކޮޓަރިން ބައްޕަ ނުކުމެގެން އައީ ހުމާކޮއްކޮ އުރާލައިގެންނެވެ.

'މިރޭ ކޯޗެއްތަ އަހަރެމެން ކާނީ' ސުވާލެއްގެ ރާގަށް ދަމާލާފައި ބޮލުގައި އެއް އަތުން ޖަހާލާފައި ޔުސްކޮއްކޮ އެހެން ބުނެލީ މާމަ އާންމުކޮށް ރޭގަނޑު ބުނެލާ ގޮތަށެވެ.

'މާމަ ހުންނާނެ ތިކުދިން ގޭގަ ނެތީސް ވަރަށް މީރުކޮށް ކުޅިރިހަ ކައްކާފަ ރޮށި ފިހެފަ.. ހުރިހާ ރޮއްޓެއް ފިހުނީ ކާފަ.' ހިނިތުންވެފައި ހުރެ ކާފަގެ ވާހަކަދެއްކިއިރު މާމަގެ އުފާވެރިކަން އުލްޔާ ފާހަގަކުރިއެވެ. މާމައާއި ކާފަ އުޅޭހެން ލޯބިން އުލްޔާއާއެކު އުޅޭނެ ފިރިއެއް އޭނާވެސް ހޯދާނެއެވެ. އެހެން ހިތަށް އަރާފައި ހެވުނެވެ.

'މާމައަށް އެހީވާން ދާނީ އުލްޔާ. ޔުސް ހުރޭ މަންމަމެން ކައިރީ. މިރޭ ސާދަވިލޭރޭގެ ހަނދު ބަލަން ނުކުމެލާފަ އަޔަސް އޯކޭ. އުލްޔާ އެހެން ބުނެލީ ހަނދުވަރު ދެކެން ޔުސްކޮއްކޮ ވަރަށް ވަރު ހުންނާތީއެވެ.

'އަސްލުވެސް؟ ބޮޑުރީތި ހަނދެއް ހުންނާނެ ދޯ. ބައްޕާ ހިނގާ ހަނދު ބަލަން' ޔުސްކޮއްކޮ ހައްޓަކު ހެޔެއް ނެތި ބައްޕަގެ އަތުގައި ހިފައިގެންފައި ދުއްވައިގަތީ ގޭގެ ގޭޓާ ދިމާލަށެވެ.

އުލްޔާގެ މަންމަ ހުމާކޮއްކޮ އުރާލައިގެން ގޮސް ކާގޭ މޭޒުކައިރީ ގޮނޑިއެއްގައި އިށީނެވެ. މާމަ އުލްޔާއާއި ހަވާލުކުރީ ރޮށިތައްޓާއި ކާތަށިތައް މޭޒުމަތީ އެތުރުމެވެ. އަދި ފެންބޯ ތަށިތައްވެސް އަތުރާފައި ގޮސް ކާފަ ނަމާދުން ފައިބައިގެން އާދޭތޯ ބަލަން މާމަ ބުނުމުން އުލްޔާ ގޮސް ގޭޓު ހުޅުވާލާފައި މަގުގެ ކަނާތް ފަރާތް ބަލަން ހުރީއެވެ.

ހުދު އަތްކުރު ގަމީހާއި ކަޅު ފަޓުލޫނެއް ލައިގެން ދިގުކޮށް ހުރި މީހެއް އަންނަތަން ފެނުމުން އެއީ އުލްޔާގެ ކާފަކަން އެނގުނެވެ. ކާފަގެ ބޮލުގައި ރުމާލެއް އޮތެވެ. ކާފައަކީ ވަރަށް ތަރުތީބު އަމާން އޮމާންކޮށް އުޅޭ މީހެކެވެ. ކާފަ ކުރާ ކޮންމެ ކަމެއް އުލްޔާއަށް ކަމުދަނީ އެހެންވެގެންވެ.

'ދަރިފުޅު ތިހިރީ ކާފަ ނައިސްގެންދޯ. ބޮޑުމަގުގަ ބައްޕައާ ކޮއްކޮ އެބަތިބި. ޔުސްރާ ބުނީ ހަނދު ބަލަނީއޭ' ކާފަ އުލްޔާއަށް ކިޔާދިނެވެ. އަދި ގޭތެރެއަށް ވަނީ އުލްޔާގެ އަތުގައި ހިފާލައިގެންނެވެ.

އިރުކޮޅަކުން ބައްޕައާ ކޮއްކޮވެސް އައިސް ކާގެއަށްވަނެވެ. ދެއަތް ދޮވެ ރޮށިކޮށާފައި އެންމެން އެކީ ކާންފެށިއެވެ. އެދުވަހު ކާފަ ވަލުތެރެއިން ގެނައި ދޮންކެޔޮގަނޑުގައި ދޮންވެފައި ހުރި ދޮންކެޔޮތައްވެސް ކާމޭޒުމަތީގައި ހުންނަ ވަށިގަނޑުގައި ހުއްޓެވެ. ކައިނިމިގެން އެންމެން ދޮންކެޔޮ ކެއީއެވެ.

ދެން އޮތީ އެންމެން ޖޯލިފަތީގައި ތިބެ އަނގަތަޅާލާ ގަޑިއެވެ. ބޮޑެތި މީހުން ދުފާ ގަޑިއެވެ. 8:30 ވުމުން މަންމަ ދިޔައީ ހުމާކޮއްކޮ ނިންދަވާށެވެ. 9 ޖަހަން 10 މިނިޓަށްވުމުން އުލްޔާއާއި ޔުސްރާވެސް ނިދަން ތައްޔާރުވާން ކޮޓަރިއަށްވަނީއެވެ. ކުޑަކޮޓަރީގެ ދެފަރާތުގައި ހުންނަ އެދެކުދިންގެ ދެއެނދުގައި އޮށޯތުމަށްފަހު ޔުސްކޮއްކޮ އެކިވާހަކަތައް ދައްކަންފެށީ ނުނިދަންވެގެންނެވެ. އެންމެ މުހިންމު ވާހަކައަކީ އެދުވަހު އެގެއަށް 'ރާބޮއްލާ' ނަޔަސް މާދަމާ އޭތި އަންނާނެ ވާހަކައެވެ. އުދުހިފައި އައިސް ގޭ ބޭރު ފާރުމަތީގައި އިންނަ ރާބޮނދި ދެކެ ޔުސްކޮއްކޮ ވަރަށް ލޯބިވެއެވެ. ކޮންމެ ދުވަހަކު ނަޔަސް ގިނަދުވަސްދުވަހު އެ ރާބޮނދި އައިސް އެތާ އިންނާނެއެވެ.  ޔުސްކޮއްކޮގެ މަސައްކަތަކީ އޭތި އެހެން އިނދެ ފިޔަގަނޑު ތެރެއަށް ބޯލައިފިއްޔާ އެކަން މަޖާވެގެން އަތްޖަހާފައި ހުނުމެވެ. އޭތި ހިމޭނުން ހުރިއްޔާ 'ރާބޮއްލާ އެހެރީ ދެރަވެފަ. ބަނޑުހައިވެފަ. ލޯންލީވެފަ' މިކަހަލަ ކޮންމެވެސް އެއްޗެއް ކިޔަން އެއަށް ބަލަން ހުރުމެވެ. ދެން އެދޫނި އުދުއްސައިގަތީމަ 'ޓާޓާ ބައިބައި އަދި އަންނައްޗޭ' ވެސް ގޮވާނެއެވެ.

ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަން އުލްޔާ އޮތްއިރު ޔުސްކޮއްކޮ އެތަކެއް ވާހަކައެއް ދައްކާފައި ނިދައިފިއެވެ. އުލްޔާގެ ނިދި އެރޭ ވަނީ މާދުރުގައެވެ. ނުނިދިގެން އެކިގޮތްގޮތަށް އެނބުރި އެނބުރިފައި އިށީނެވެ. ބާލީސްދަށުން ކުޑަ ލިޔާފޮތް ނަގާފައި ފަންސުރުން ކުރަހަންފެށީ ރާބޮނދި ފާރުމަތީގައި އިންދައެވެ. ކުރަހާ ނިމުނުއިރު އުލްޔާވެސް ނިދިއައިސްފި އެވެ.

(ނުނިމޭ)

ކޮމެންޓް