
ފޮތް، ބާލީސް ދަށަށް ލާފައި އޭގެ ކައިރީގައި ފަންސުރު ބާއްވާފައި އޮށޯވެ ޝަހާދަތް ކިޔާލާފައި އުލްޔާ ނިދާލިއެވެ.
ދާހިއްލާ ފޯވެފައި އޮތް އުލްޔާ ނިދީގައި ދެކޮޅަށް މޫނު އަނބުރަމުން ތެޅިފޮޅެނީއެވެ. މަޑުމަޑުން 'ނޫން ނޫން ނުގެންދޭ..' އޭ ގޮވަމުންގޮސް އެއަޑު ބާރުވާންފެށިއެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދާފައި ތިބި އުލްޔާގެ މަންމައާއި ބައްޕައަށް ހޭލެވުނީ އުލްޔާގެ އަޑު ގަދަވެގެންނެވެ. ދެމަފިރިން އެކުގައި ދުވަމުން އައިސް އުލްޔާގެ މަންމަ ސަމީރާ، އުލްޔާގެ ކައިރީގައި އިށީނދެ އުލްޔާއަށް ގޮވާ ނެގިއެވެ. އޭރުވެސް އުލްޔާ ރޮމުން، ނުގެންދާށޭ ގޮވަނީއެވެ. ގިސްލަމުން ރޮމުން އެހެން ކިޔަމުން ދިޔައިރު އޭނާ އޮތީ ތުރުތުރު އަޅައަޅައެވެ.
'ދަރިފުޅާ ހޭލަބަލަ.. މަންމައޭ... ހުވަފެނެއް ފެނުނީއޭ ތި...'' ސަމީރާ އުލްޔާ ގެނެސް އޭނާއާ ކައިރިކޮށްގެން ބުރަކަށީގައި ފިރުމަން ފެށުމުން އުލްޔާގެ އަޑު ކެނޑި ހިމޭންވިއެވެ. އަދި ބާރަކަށް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ.
ޒަރީރު ހުރީ އެނދު ކައިރީގައި ކޮޅަށެވެ. ކުށްވެރި އިހުސާސެއްގައެވެ. އޭނާއަށް ކުރެވިގެން އުޅޭ ކަންތައް ކޮންމެވެސް ވަރަކަށް ދޮށީ ދަރިފުޅަށް އެނގިއްޖެކަން ޒަރީރަށް ފަހުމްވިއެވެ. ވީކަމެއް ނުވާ ކަމަކަށް ނުހެދޭނެއެވެ. އޭނާ މާލޭގައި ސުޕަމާކެޓެއް ހިންގުމުގެ މަސައްކަތުގައި އުޅޭތާ މިހާރު 6 މަސް ވީއެވެ. ރިޒޯޓްގައި ވަޒީފާ އަދާކުރަމުން، ސުޕަމާކެޓް ހިންގަން އޭނާ ހަވާލުކުރީ ދުރުތާ ތިމާގެ މީހަކާއެވެ. ނަމަވެސް ވިޔަފާރިއަށް ކުރިއެރުން ނުލިބޭކަން ފާހަގަވާންފެށީއެވެ. އެހިސާބުން އޭނާގެ ޒަމީރު އޭނާއަށް ދިނީ މޮޅު ހިޔާލެކެވެ. އެއީ ސަމީރާއާއި 3 ދަރިން މާލެ ގެންގޮސް، އޭނާގެ އެ މަސައްކަތުގައި ސަމީރާ އެހީތެރިވެ، ސުޕަމާކެޓްގެ ހިންގުން ގާތުން ބަލަން ސަމީރާ އުޅުމެވެ. އެކަމާ ސިޓީބިޓީއިން އެތައް ވާހަކައެއް ދެއްކުމުންވެސް ސަމީރާ މާލެ ބަދަލުވާން އެއްބަހެއް ނުވިއެވެ. އެދުވަސްވަރަކީ ޒަރީރުގެ ސުޕަމާކެޓް ކުއްޔަށް ދިން ވާހިދު ސްޓްރޯކެއް ޖެހިގެން ކުއްލިއަކަށް ނިޔާވި ދުވަސްވަރެވެ. ވާހިދާއި އޭނާގެ އަންހެނުން ރަޒީނާއަކީ މާކުރިއްސުރެވެސް ޒަރީރުގެ ރަހުމަތްތެރިންނެވެ. އެ ދެމަފިރިންނަށް ދުވަހަކުވެސް ދަރިއެއް ނުލިބެއެވެ. ކައިވެންޏަށް 22 އަހަރެވެ. ރަޒީނާއަކީ ރީތި ޗާލު އަންހެނެކެވެ. އުމުރާ ބަލާފައި އެތައް އަހަރެއް ޒުވާންކަމަށް ފެންނަ މީހެކެވެ. ދަރިން ނުލިބެނީ ވާހިދަށްކަން އެތައް ޑޮކްޓަރުންނެއް ބުނެދިން އިރުވެސް ވާހިދު ދޫކޮށްފައިގޮސް އެހެން ހަޔާތެއް ފަށަން ރަޒީނާ ހިތަކު ނެތެވެ. ވަފާތެރިކަންމަތީ ރަޒީނާ އުޅެމެންދިޔައީ ވާހިދާއެކު ވަރަށް އުފަލުގައެވެ. މަރަކީ އެކަކަށްވެސް ބާރުފޯރުވޭނޭ އެއްޗެއް ނޫންކަމުން ކުރިން މަރު އައިސް ޖެހުމުން ވަކިވެގެން އެދިޔައީ ވާހިދެވެ.
ރަޒީނާއަށް ލިބުނީ ބަރުދާސްތުކުރަން ދަތި ހިތާމައެކެވެ. ގިލަންވެރިކަމާއި ހުސްކަމުގައި ގޭގެ ހަތަރު ފާރުގެ ތެރޭގައި އޭނާ ފިތެމުން ދިޔައިރު އެންމެ ބޮޑަށް އޭނާގެ ހާލު ބަލަމުން ދިޔައީ ޒަރީރެވެ. އެހާލަތުގައި ޒަރީރު އޮފްޑޭއަށް މާލެ އަންނަ ކޮންމެ ފަހަރަކު ރަޒީނާއަށް 'އެހީތެރިކަން' ދިނުމަށް އެގޭގައި ހުންނަން ފެށީއެވެ. ފާއިތުވެދިޔަ ހަތަރުމަސްދުވަހު އެގޭތެރޭގައި ހިނގާދިޔަ ހުރިހާ ކަމަކަށްފަހު ރަޒީނާއަށްވެސް ހޭވެރިކަންވީއިރު އޭނާއަށް ހުރެވުނީ ޒަރީރުގެ ޒުވާންކަމާއި، ހެޔޮކަމާއި ނިޔަނެތިކަމަށް އިތުރަށް ބޭނުންވެފައެވެ. އެހެންކަމުން ރަޒިނާ އިސްވެ ޒަރީރުގެ ކައިވެންޏަށް އެހީއެވެ. އުފެދުނު ގުޅުމުގައި ދެމީހުންގެ މެދުގައި ލަދުވެތިވާންޖެހޭ ކަމެއް ހިނގާފައިނެތަސް، ދެން ރަޒީނާ އިތުރަށް އެގުޅުން ދަމަހައްޓަން ޖެހިއްޖެކަމަށް އޭނާގެ އެންމެ ގާތް މީހުންވެސް ބުނަމުން ދިޔައީތީއެވެ. ހަޔާތަށް ގެންނަން އެޔަށްވުރެ ވަކިން ރަނގަޅު ފިރިހެނެއް ނެތް ކަމަށް ރަޒީނާއަށްވެސް ހިތުން ރުހުމުން ގަބޫލުކުރެވޭތީ އެވެ.
ދުވަސްވަރަކީ އަނބިމީހާއަށް ސިއްރުން އެހެން ކައިވެންޏެއް ކުރުމުގެ 'ފެޝަން' ބާރު ދުވެލީގައި ދިވެހިރާއްޖޭގައި ކުރިއަރަމުން އައި ދުވަސްވަރެވެ. ޒަރީރާއި ރަޒީނާގެ ކައިވެނިކުރެވި ސިއްރުން އެކަންތައްތައް ނިންމާލިއަސް، ޖެހިގެން އައި ދުވަހު ރަށަށް ފުރި ބޯޓުން މާލޭގައި ދިރިއުޅޭ ސަމީރާގެ ގާތް އެތައް ބަޔަކު އޭނާއަށް ސިޓީ ފޮނުވައިފި އެވެ. 3 ދުވަހު ކަނޑުމަތީގައި ތެޅިތެޅިފައި ރަށަށް ދިޔަ އެ ބޯޓުން ސަމީރާމެންގެ ގެ 'އުޑުހިޔާ' އަށް ލިބުނީ އުފާވެރިކަމުގެ ޚަބަރެއް ނޫނެވެ. ސަމީރާއަށް ބޯޓުގެ ފަޅުވެރިޔާ މޫސަ ގެނެސްދިން ސިޓީ ބޮނޑީގައި 5 ސިޓީ އޮތެވެ. ހައިރާންވެ އަންތަރީސްވެގެން ކޮންމެ އުރައެއްގެ ދެފުށް ވަކިން ބަލާލުމަށްފަހު ފުރަތަމަ ސިޓީ ކަނޑާފައި ކިޔަން ފެށިއެވެ.
އެއީ ގުރޭޑް ހަތެއްގައި ރަށު ސްކޫލުގައި ކިޔަވާފައި އިތުރަށް ކިޔަވަން މާލެ ދިޔަ ގޮތަށް އެތާ ވަޒަންވެރިވެގެން ދިރިއުޅޭ އޭނާގެ އެކުވެރި އައްޒަގެ ސިޓީއެކެވެ.
'ލޯބިވާ އެކުވެރިޔާ އެވެ.
ހެޔޮދުއާ ސަލާމެވެ.
އަހަރެންގެ ހާލު ރަނގަޅެވެ. ސަމީ އާއި ކުދިންކޮޅު ކިހިނެއް ހެއްޔެވެ. އުންމީދު ކުރަނީ ރަނގަޅުވާނެ ކަމަށެވެ.
ހާސަރުތަކެއް ނުދަމާނަމެވެ. އަހަރެން މީ ސީދާ ޕޮއިންޓަށް ދާ މީހެކޭ ސަމީ ބުނަމެއްނޫން ހެއްޔެވެ. އާނއެކެވެ. މަޖުނޫނު، ލައިލާދެކެ ވީ ވަރަށްވުރެން ޒަރީރު ސަމީ ދެކެ ލޯބިވެޔޭ އަހަރެން ހީކުރީމެވެ. އެކަމަކު ހުވާކުރަމެވެ. ކަލޭ ދެކެ އޭނަ ލޯބިވާ ނަމަ އެހެން މީހަކާ ނީންނާނެއެވެ...'
(ނުނިމޭ)




