ކްރިމިނަލް ކޯޓް ވެބްސައިޓްގެ ސްކްރީންޝޮޓެއް.--
ފެނަކަ ސައީދު ޖަލުގައި، ދައުވާގައި ހިމެނުނު ދީނާއަށް ވީކިހިނެއް؟
5 ދުވަސް ފަހުން ކުރިއަށް ގެންދާނެކަމަށް ބުނި ޝަރީއަތް 50 ދުވަސް ވީއިރުވެސް ކުރިއަކަށްނުދޭ!
ފިޔެސް 20 ނޮވެމްބަރ 2025 (ބުރާސްފަތި)   11:04
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ 2025 ސެޕްޓެމްބަރު 28 ގައެވެ.

އެދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގެ ދައުވާގެ ހުލާސާގައި ބުނެފައި ވާގޮތުން، ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައިވަނީ ޏ.ފުވައްމުލައް-ހޯދަޑު/މައިޒާން، މަރްޔަމް ދީނާ ޞާލިޙު އާއި ގދ.ވާދޫ/މައިފޫނާ، އަޙްމަދު ސަޢީދު މުޙައްމަދުގެ މައްޗަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާގެ ޚުލާސާގައި ބުނެފައިވާގޮތުން ދީނާގެ ބައި އެދުވަހު ކުރިއަށް ނުގެންދިޔައީ އޭނާގެ ބަލި ހާލަތު ހުރިގޮތުންނެވެ.

"މި މައްސަލައިގާ ހިމެނޭ މަރްޔަމް ދީނާ ޞާލިޙުގެ ބަލި ހާލަތު ހުރިގޮތުން، އެފަރާތުން ޝަރީއަތަށް ހާޒިރުވާން އުޒުރުވެރިވާ ކަމަށް ބުނެ މެޑިކަލް ލިޔެކިޔުންތަކެއް ހުށަހަޅާފައިވާތީ، މަރްޔަމް ދީނާ ޞާލިޙުގެ ބައި 5 ދުވަސް ފަހުން ކުރިއަށް ގެންދާ ގޮތަށް ނިންމައި، މި ގަޒިއްޔާގައި ގޮތެއް ކަނޑައެޅިފައިވަނީ އަޙްމަދު ސަޢީދު މުޙައްމަދުގެ ބައިގައި އެކަނި ކަމަށް ފާހަގަ ކުރަމެވެ." ދައުވާގެ ޚުލާސާގައި ބުނެފައި ވެއެވެ.

ޝަރީއަތް ކުރިއަށްގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ޙުކުމް އިއްވަމުން ވިދާޅުވީ، "މި ގަޒިއްޔާއިން ދައުވާ ލިބޭ، ޏ.ފުވައްމުލައް-ހޯދަޑު/މައިޒާން، މަރްޔަމް ދީނާ ޞާލިޙު ގެ ބައި މިކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ނިންމައި މިގޮތުގެ މަތިން ހުކުމްކޮށް، މި ގަޒިއްޔާ ނިންމީމެވެ."

ސައީދު އަށް ހުކުމްކުރި މައްސަލަ ހިނގި ދުވަސްވަރު ފެނަކައިގެ ޕްރޮކިއުމަންޓް އެންމެ އިސް ބޭފުޅެއްގެ ގޮތުން ހުންނެވީ ދީނާ އެވެ.

ސައީދުގެ މައްޗަށް ހުކުމް އިއްވައި އޭނާ ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ 50 އަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، ދީނާގެ މައްސަލަ ކުރިއަކަށް ނުދެއެވެ. 

ކޮމެންޓް
ކަރިމްބެ
2 weeks ago
ދީނާ މިހާރު މުއިއްޒުއަށް ބައިއަތު ހިފައިފިޔޯ.. ކޯޓުން ނިންމާނެޔޯ ދީނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް. އެކަމަށް މިހާރު އޮތީ އިސްގާޒީ އެއްބަސްވެފަޔޯ. ބާޒާރުމަތިން އިވުނު އަޑެއް!!!!
ޢަލީ
2 weeks ago
ދީނާ ތީ ބޮޑު ވަގެއް. ޢޭނަގެ ކުރީގެ ފިރިމީހާގެ ނަމުގައި ބިލްވެސް ލާފަ އެބަހުރި. ފިރިމީހާ ނަސީމް އަކީ ޕޮލިހުގަ އުޅޭ ނުލަފާ މީހެއް. ގޭންގު ތަކާއި ވަރަށް ބޮޑަށް ގުޅުން އޮވޭ. ދީނާގެ އެއްބަޑު އެއްބަފާ ދައްތަ އިނދެގެން އުޅެނީ ހައުސިންގ މިނިސްޓަރު ގެ ކޮއްކޮ މުއްތަލިބު އާއި.