
ސަމީރާއަށް ސިޓީ ކިޔުނީ އެހިސާބަށެވެ. އަތުން ދޫވެގެން ސިޓީ ވެއްޓުނު ގޮތަށް ކޮޓަރީގެ ފަންކާގެ ވަޔާއެކު ނަށަމުންގޮސް އޭތި އެވަނީ އެނދު ތަންދޮށަށެވެ. ދެލޯ ބޮޑުވެފައި ސިޓީ ދިޔަ ދިމާލަށް ބަލަން ހުރި ސަމީރާގެ ދެފައިން ވާގި ދޫވެ އޭނާ ހުރި ދިމާލަށް ތިރިވެވުނީއެވެ. ތަރަފާލު މަތީގައި އުއްޑުން އޮށޯވެވުނީ އޭނާއަކީ އަމިއްލަ ނަފުސު ކޮންޓްރޯލްކުރަން ދަންނަ އަންހެނަކަށްވާތީއެވެ. އެވަގުތުވެސް އެސިޓީގައި އެވަނީ ތެދު ވާހަކައެއްކަން އޭނާގެ ހިތާއި ސިކުނޑިއަށް ކަށަވަރުވީއެވެ. ޒަރީރުގެ އެދުމާ އޭނާ ދެކޮޅު ހަދާތާ ހަތަރުމަސްވުމުން އެންމެ ފަހުން އެހެން މީހަކާ އިނީތާއެވެ. މައްސަލައެއްނެތެވެ. އޭނާ ޒަރީރާ ވަކިވާނީއެވެ.
ސަމީރާ ފުންކޮށް ހަތްފަހަރު ނޭވާލުމަށްފަހު ފާތިހާ ސޫރަތް ތިންފަހަރު ކިޔަވާލާފައި އޭނާގެ ހިތުގެ ތެޅުން ހަމައަކަށް އެޅުމުން، އޮތްތަނުން ތެދުވެ އެނދުގައި އިށީނެވެ. ބާކީ ހުރި ސިޓީތައް އަވަސްއަވަސްކޮށްލާފައި ކިޔާލިއެވެ. އެސިޓީތަކުގައިވެސް އޭނާގެ އެކުވެރިން ލިޔެފައިވަނީ ހަމަ އެހަބަރެވެ. ތަފާތީ އިބާރާތްތައް ހުރިގޮތާއި ސިޓީތަކުގެ ކުރު ދިގު މިނެވެ. އެންމެ ފަހުން ކީ ސިޓީއަކީ އޭނާއާއި ޒަރީރު އޭގެ ތޭރަ އަހަރުކުރިން އަލަތު ކައިވެންޏަށްފަހު މާލެ ގޮސް ތިބި ގެއިން އޭނާއާ އެންމެ ގާތް ރަހުމަތްތެރިކަމެއް އުފެދުނު އެގޭ ޒައިނަބުގެ ސިޓީއެވެ. އޭގައި ވަރަށް ދިގުކޮށް ތަފުސީލުކޮށް ޒަރީރު ކައިވެނިކުރި އަންހެންމީހާގެ ވަނަވަރުވެސްއޮތެވެ. ސަމީރާ އަންތަރީސްވާވަރުގެ ވާހަކައެއް ނެތެވެ. ޒަރީރަކީ އެންމެނަށްވެސް ވަރަށް ހެޔޮ، ވަރަށް އަޅާލާ މީހަކަށްވާތީ، ނިކަމެތި ހާލެއް ޖެހިފައިވާ މީހަކަށް އަޅާލުމުން އޭގެ ބަދަލުގައި އެއަންހެން މީހާ އެކައިވެންޏަށް އެދުން އެއީ ހަމަ ވާނެގޮތްކަމަށް ސަމީރާއަށް ވިސްނުނެވެ. ހެޔޮހިތުން ޒަރީރަށް މައާފުކުރަން ސަމީރާ ނިންމީ އެހިސާބުންނެވެ. އެކަމަކު ޒަރީރަށް ފަސޭހަކޮށްދޭން އޭނާ ހަމަ ޒަރީރާ ވަކިވާނީއެވެ. އަދި ޒަރީރުގެ އެދުމާ އެއްގޮތަށް އުލްޔާ މާލެ ފޮނުވާނީއެވެ.
އެއްމަސް ފަސް
ސްކޫލްގެ ނުލާހުދު ކުލައިގެ ދިދަ ވިހުރުވޭތަން ބަލަން އުލްޔާ ހުރީ ކަޅިޖަހާނުލައެވެ. އެއީ ހެނދުނު ދަންފަޅީގެ ކިޔެވުން ފެށުމުގެ ކުރިން އެސެމްބްލީގައި ޤުރުއާން ކިޔަވަން އޭނާ އެދިދަ ކައިރީގައި ހުރި ދިދައެވެ. އަދި ވަކި ތާވަލެއްގެ ދަށުން ދިދަ ނަގަން ޖެހޭ ދުވަސްދުވަހު އޭނާ ފަހުރުވެރިވެފައި ހުރެ ނަގާ ދިދައެވެ. ދެން ވަށައިގެންވާ މާހައުލަށް އޭނާ ބަލާލިއެވެ. ހުސް މާބަގީޗާތަކެވެ. ނޫކުލައިގެ ތިރިފާރުބުރިތައް ވަށާލާފައި އެކި ދިމާލުގައި ހުރިއިރު އެކި ބައްޓަމަށްވާ އެފާރުބުރިތަކުގެ ބެލެނިވެރިކަން ލިބިގެން ފަރިވެ ފޮޅިފައި އެތިބީ ފިނިފެންމާގަސްތަކެވެ. އެދިމާލަށް އޭނާ ހިނގާލާފައި ދިޔައިރު ތުންފަތުގައިވީ ހިތާމަވެރި ހިނިތުންވުމެކެވެ. އެއީ ގްރޭޑް ފަހެއް ނިމި، އެއަހަރުގެ ބޮޑު ބަންދުގައި އޭނާއާއި ކްލާސް އެތައް ކުދިންނެއް އިންދި ގަސްތަކެވެ. ގަވައިދުން ފެންދީ ބަލަހައްޓަމުން އައީ އެކުދިންނެވެ. ސްކޫލް އާއަހަރަށް ހުޅުވަންވާއިރަށް ތަން ޒީނަތްތެރިކުރަން އިސްދަރިވަރުން ހަރަކާތްތެރިވުމަކީ އަބަދުވެސް އެތާގައި ކުރެވޭ ކަމެކެވެ. މިއަދު އެ މާތަކުގައި ފިރުމާލާ ބައެއް މަލުން ވަސްބަލާލާފައި އުޅުނު އިރު އުލްޔާގެ ލޮލުން ކަރުނައައެވެ.
އޭގެ ދިހަވަރަކަށް މިނިޓްކުރިން ސްކޫލްގެ ގްރޭޑް ހައެއްގެ ސުޕަވައިޒަރ އާނިސާމިސް އޭނާއަށް 'ސްކޫލުން ވަކިވިކަމުގެ ލިޔުން' ދިނުމުން އެންމެ ފަހު އެދުމަކަށް އޭނާ ސްކޫލްގެ ތަންތަން ބަލާލަން ވަގުތުކޮޅެއް ދިނުމަށް އެދުނީއެވެ. އާނިސާމިސްއަކީ އުލްޔާ ދެކެ ނުހަނު ލޯބިވާ ޓީޗަރެކެވެ. ސްކޫލުން ވަކިވާ ސަބަބު އެނގޭތީ، އުލްޔާއާ މިސް އިތުރު ސުވާލެއް ނުކުރެއެވެ. އެކަމާ އުލްޔާ ޝުކުރުވެރިވިއެވެ. އެހާތަނާ ޖެހެންދެން އޭނާ ސްކޫލުން ވަކިވެގެން މާލެ ބަދަލުވާން އުޅޭތީ އެކަމާ ސުވާލު ނުކުރާ މީހެއް ދިމާނުވެޔޭ ބުންޏަސް މުޅިއަކުން ދޮގަކަށްނުވާނެއެވެ. އަވައްޓެރިންނަށް ހަބަރުތައް ލިބުނު ލިބުނުހެން ގެއަށް އައިސް ބޭކާރު އަނގަތަޅާ މީހުން އެކަންވެސް އެބަކުރެއެވެ. ނުވިސްނަން ހުއްޓަސް އުލްޔާއަށް އެކިގޮތަށް އޭނާގެ މުސްތަގުބަލާމެދު ވިސްނެނީއެވެ.
އުލްޔާ ސްކޫލްގެ އެކިދިމާ ބަލަމުންގޮސް ދެން މިނިމުނީއޭ ހިތަށް އެރުމުން ސްކޫލް ގޭޓުން ނުކުތީ ހިތްހަލާކުވެފައި ހުރެއެވެ. އޭނާގެ ރީތި ބައިސްކަލުގެ ވަށިގަނޑުގައި އާނިސާމިސް ދިން ސިޓީއުރަ ބޭއްވީ އޭގެ ތެރެއަށް ސްކޫލްގެ ބަގީޗާއިން ބިނދެލި ފިޔާތޮށި ފިނިފެންމާވެސް ލާފައެވެ. އެއީ އެސްކޫލުގެ ބިމުގައި އޭނާއާއި ކްލާސްކުދިން ހެއްދި ގަހެއްގައި ފޮޅުނު ރީތި މަލެކެވެ. ވަރުގަދަ ރީތި ހަނދާނެކެވެ. އޭނާއަށް އެސްކޫލުން ލިބުނު ތައުލީމާއި ތަރުބިއްޔަތުގެ ބާބު އެއޮތީ ނިމިފައެވެ. އެލިޔުމާ ހަވާލުވާން އުލްޔާގެ މަންމަ ދާން އުޅުމުން އުލްޔާއަށް އެފުރުސަތު ދިނުމަށް މަންމަ ކައިރީގައި އޭނާ އަމިއްލައަށް ބުނީއެވެ. ހަޔާތުގެ ކުރިއަށް ހުރި ހުރިހާ ގޮންޖެހުމަކާ އެކަނި ކުރިމަތިލާން އަޒުމް ކަނޑައަޅާފައިވާތީ އޭނާ އެކަނި އެކަންވެސް ކޮށް ނިންމާލީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދު ފަތިހާ ގޭގެ އެންމެން ހޭލާ އުޅުނީ އެދުވަހަކީ އެގެއަށް ބޮޑު ދުވަހަކަށްވާތީއެވެ. އާނއެކެވެ. އުލްޔާގެ ބައްޕަގެ އެދުމުގެ މަތިން އުލްޔާ މާލެ ދަނީއެވެ. އޭނާގެ ކާފަ ގަމަށް ދާއިރު އެދޯނިން ގަމަށް ގޮސް، ބައްޕަ ފަރާތު ބޮޑުބޭބެއަކާ އެކީ ފްލައިޓުން އޭނާ މާލެ ދަނީއެވެ. ޔުސްކޮއްކޮ ހޭލައިގެން އައިސް ބިމަން ތުންހަރައިގެން އިން ބުޅިތުނބެއްހެން އެހުންނަނީ އުލްޔާއަށް ބަލާށެވެ. ދޭތެރެއަކުން 'ދޮންތީ ދޮންތީ ކީއްކުރަންތަ ދަނީ' އޭ އަހާލާއިރުވެސް އެހުންނަނީ ރުޅިއައިސް ފުފިފައެވެ. ގޭގެ އެންމެނަށްވެސް ޔުސްކޮއްކޮގެ އިހުސާސްތައް އެނގޭތީ އެއްވެސް މީހަކު އެއްޗެކޭ ނުބުނެއެވެ. ހިމޭންކަމާއެކު އެންމެން ސައިބޮއި ހެދިއިރުވެސް ހުމާކޮއްކޮގެ ތުއްތު ބަހުރުވައިން އެދައްކާ ވާހަކަތަކާއި، ޔުސްކޮއްކޮ އެއަށް ދޭ ޖަވާބުތަކުގެ އިތުރަށް އިވެނީ ކޮވެލި ގޮވާ އަޑާއި އެކި ހިސާބުން ހާގޮވާ އަޑެވެ. ކާގޭގެ ކުޑަދޮރުން ފެންނަނީ އިރުއަރަމުން އަންނައިރު ވިލާތަކަށް އެޅެމުން އައި ރީތި ރަންކުލައެވެ. އަނބުގަހުގައި ތިބި ބައެއް ދޮންދީނިތައް އުދުހިގެންގޮސްފައި އަލުން އެނބުރި އަންނަ މަންޒަރެވެ. ކުޑަ ބޭބީ ދޮންދީންޏަކަށް އޭތީގެ މަންމައާއި ބައްޕަ ތުނބުން ހިފައިގެން އައި މަސް ދެމުންދާ މަންޒަރު ސާފުކޮށް ފެނެއެވެ.
(ނުނިމޭ)




