
އުލްޔާގެ ފޮށްޓާއެކު މާލެ ގެންދާ ހަދިޔާ ދެ ފޮށިގަނޑު ގޭގެ ފެންޑާއަށް ނެރެފައި ހުއްޓެވެ. ސައިބޮއިގެން އެންމެން އެކީ ގޭޓުން ނުކުތްއިރު އުލްޔާގެ އެންމެ ލޯބިވާ އެކުވެރިޔާ ނުހާ އާއި އޭނާގެ މަންމަ އަމީނާވެސް އައިސްތިއްބެވެ. އަދި އައިސްތުދައްތައާއެކީ ޖަންނަވެސް ހުއްޓެވެ. އެންމެ ކައިރީގައި ދިރިއުޅޭ ހުރިހާ އަވަށްޓެރިންވެސް ތިބީ އައިސް އެ ގޭދޮށުގައެވެ. އެކަކުވެސް އަނގަޔަކުން ނުބުނެއެވެ. ގޯޅިކަންމަތީގައި އަނބުގަހުގެ ހިޔަލުގައި ބައިސްކަލު މަތީގައި އެތިބީ އޭނާގެ ކްލާހުން އެންމެ ރަހުމަތްތެރި ދެ ފިރިހެންކުދިން ކަމަށްވާ ޝިޔާޒް އާއި ޔާސީނެވެ. އުލްޔާ ހުރީ އަލްވަދާއުކިޔާ ވަގުތަށް ވަރަށް ތައްޔާރުވެގެންނެވެ. އެހެންކަމުން ވަރަށް ހިތްވަރުގަދަ ހިނިތުންވުމެއް އެންމެނަށް ހަދިޔާކޮށްގެންހުރެ ފަހަރަކު މީހަކާ ސަލާމްކުރިއެވެ. އުފާވީ އޭނާ ރަށުން ފުރާއިރު އޭނާ ދެކެ ލޯބިވާ އެތައް ބަޔަކު އޭނާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބޭނެކަން ޔަގީންވާތީއެވެ. އެތަނުގައި އެހެން އެތިބީ ހެނދުނު ބޮޑުފަތިހާ ހޭލައިގެން އޭނާއާ ބައްދަލުކުރަން އައިހާ މީހުންވިއްޔާއެވެ.
ޖަންނަ ހުރީ ނުހާ ގޮވައިގެންގޮސް ތަންކޮޅެއް ދުރުގައެވެ. ޖަންނައެކޭ ޔުސްރާއެކޭ ތަފާތެއްނެތެވެ. ތުންދިގުކަމުން އެވަރެވެ. 'ކޮންމެހެން ނުގޮސްވެސް ވާނެ... ދެން އެކަމަކު ދޭ... ދޮގުނުލާ ތެދަށް ސިޓީ ފޮނުވާތި!' އުލްޔާގެ ކަންފަތް ދޮށުގައި ސިއްރުން ޖަންނަ ބުނެލީ މާނަފުން ބަސްކޮޅެކެވެ. މާލެގޮސް ކަންތައް ވާގޮތް އަލިފުން ޔާއަށް ލިޔެފައި ސިޓީ ފޮނުވަން އޭގެކުރިންވެސް ޖަންނައާއި ނުހާ އޮތީ އުލްޔާއަށް އަންގާފައެވެ. ކަންތައްތައް ރަނގަޅަށް ދާނެކަމަށް އުލްޔާގެ ހިތް ބުނާތީ އޭނާ ހުރީ ހަމަޖެހިލައިގެންނެވެ.
ގޭގެ އެންމެން އެކީ ހިނގައިގަތީ އުލްޔާ ފުރުވަން ދިއުމަށެވެ. މާމަ ހުރީ ހުމާކޮއްކޮ އުރައިގެންނެވެ. ފަތިހުގެ ފިނި ރޯޅިތަކުން އަރާމު ލިބިގެން ހުމާ ކޮއްކޮއަށް މާމަގެ ކޮނޑުމަތީގައި ބޯއަޅާލައިގެން އޮވެ އޮތީ ނިދިފައެވެ. ޝިޔާޒްއާއި ޔާސީނުއާ ސަލާމްކުރި ވަގުތު އެ ދެކުދިންވެސް ބުނީ ގްރޭޑް ހަތެއް ނިމިގެން އެ ކުދިންވެސް މާލެގޮސް އުލްޔާއާ ބައްދަލުކުރާނެ ކަމަށެވެ. ދެން އެ ކުދިން ދަނީއޭ ބުނެ ބައިސްކަލުގައި ގޮސް އޮބާލިތަން ބަލަން އުލްޔާ އާއި ޖަންނަ އަދި ނުހާ ތިއްބެވެ.
ރަށުގެ ފާލަމާ ކައިރިކޮށްފައި އޮތް 'ގަމަށް ދާ ބޮޑު ދޯނި' އެއީ އުލްޔާ އެންމެ އަރާހިތްވާ ދޯންޏެވެ. ކާފަ އެއޮތީ އުލްޔާ އުފާކޮށްދޭން އެ ދަތުރަށް ބޮޑުދޯނި ހަމަޖައްސާފައޭ މާމަ ބުނުމުން އުލްޔާ ގޮސް ކާފަގެ ގައިގައި ބައްދާލިއެވެ. ޔުސްކޮއްކޮވެސް ހަމަ އެގޮތަށް ކަންތައް ކުރިއެވެ. އަދި އުލްޔާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ގެންގޮސްފައި އުލްޔާގެ އަތަށް ދިނީ ކުޑަ ކަރުދާސްކޮޅެކެވެ. ފަތްޖަހާފައި އޮތް އެ ކަރުދާސްކޮޅު ހުޅުވާލަން އުޅުމުން ޔުސްކޮއްކޮ ބުންޏެވެ 'މާލެގޮސް ބަލާނީ އިނގޭ ދޮންތީ.. ވަރަށް ލޯބިން ދޮންކުކުޅުގެ ކުދި ފިޔޮއްކޮޅު ބަލާނަން އިނގޭ...'
އުލްޔާ އޭނާގެ މަންމައާއި މާމަ ކައިރިއަށްގޮސް ސަލާމްކޮށްލިއިރު ބެލީ ނުރޮއި ހިތްވަރުކުރެވޭތޯ އެވެ. އޭނާ އެކަން ކާމިޔާބުވެސް ކުރިއެވެ. ހުމާކޮއްކޮ އޭރު ހޭލައިގެން 'ހުސްނުވާ ވާހަކަ' ދައްކައެވެ. ކޮއްކޮމެންނާ ވަކިވެގެންގޮސް އޭނާ ރެޔާދުވާލު އެކުދިންގެ ހަނދާން އާކުރާއިރު ހުމާކޮއްކޮވެސް ދާނީ ވާހަކަދައްކަން ދަސްކުރަމުންތާއޭ އުލްޔާގެ ހިތަށް އެރިއެވެ. ދެން ކާފަ ގޮވާލުމުން އޭނާ ފުރާ ގަޑި ޖެހުނީކަން އުލްޔާއަށް އެނގުނެވެ. އޭރު އޭނާ ގޮވައިގެން މާލެ ދާނެ އޭނާގެ ބޮޑުބޭބެވެސް ހުރީ ދޯންޏަށް އަރަން ފާލަންމަތީގައެވެ. ކާފަގެ އަތުގައި ހިފައިގެން އުލްޔާ ދޯންޏަށް އަރާ އިށީނދެ އެންމެނަށް ހަނާއެޅިއެވެ. ރަށާ ދުރަށް ދެވުނުއިރުވެސް އޭނާގެ އާއިލާ ފާލަންމަތީގައި ތިބިތަން ނޫން ދިމާލަކަށް އުލްޔާ ނުބަލައެވެ. ކޯތާފަތް މައްޗަށް ހޫނުވިކަން އިހުސާސްވިއިރު ހޯސްލާފައި ދެލޮލުން ކަރުނަ އޮހެނީއެވެ. އެހުރިހާއިރު އޭނާ ދައްކައިގެން ހުރި ހިތްވަރު އެލިއްޖެއެވެ. އެމަންޒަރު ފެނިގެން ކާފަ އޭނާގެ ކައިރީގައި އިށީނދެ އުލްޔާގެ ބުރަކަށީގައި ފިރުމާލާފައި ވާހަކަދައްކަން ފެށިއެވެ.
'ދަރިފުޅާ. މިދުނިޔޭގަ އެއްވެސް މީހަކު ބޭނުންވާ ހުރިހާ ކަމެއް ނުވާނެ. ކޮންމެ ތާކު އުޅުނަސް ވަކި އަމާޒެއް އޮވެގެން މަސައްކަތްކުރީމަ އެވީ. ދަރިފުޅު ތިދަނީ ބައްޕަ އުޅޭ ފަސްގަނޑަށް. ބައްޕަ އުޅޭ ގެއަށް. ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވާކަން ކާފައަށް އެނގޭ. ސްކޫލް ބަންދުގަ ރަށަށް އަންނާނިއްޔޭ.' ކާފަގެ ވާހަކަކޮޅު ނިމުމުން އުލްޔާ ދެލޯ ފޮހެލާފައި ބޯޖަހާލިއެވެ. ދެން ނުރޯން އޭނާ އަޒުމްކަނޑައެޅިއެވެ.
އިރުކޮޅަކުން ދޯނި ގޮސް ގަމުގެ ކުޑަ ފާލަމާ ކައިރިކޮށްލުމުން އުލްޔާމެން ގަމަށް ފޭބިއެވެ. ދޯނީގެ ފަޅުވެރިން އުލްޔާއާއި އޭނާގެ ބޮޑުބޭބެގެ ފޮށްޓާއި ފޮށިގަނޑުތައް ބާލައިދިނެވެ. ކާފައާއި ބޮޑުބޭބެ ޓްރޮލީ ގެނެސް އެތަކެތި އަރުވާލިއެވެ. ދެން ގަމުގެ ބޮޑު ދަނބުގަސް ދޮށުގައި ހުންނަ ރީތި ގޮނޑިތަކުގައި އެންމެން އިށީނީ އަދި ފްލައިޓް ގަޑި ޖެހެން ކުރިއަށް ދެގަޑިއިރު އޮތީމައެވެ.
ގަމުގައި އިނގިރޭސީން ތިބިއިރު އިންދާފައި ހުރި ބޮޑެތި ނަންރީތި ގަސްތައް އެއީ އުލްޔާގެ ފޭވަރިޓެވެ. ސްކޫލް ބަންދުވުމުން މާމަފަރާތު ބޮޑުދައިތަގެ ގޭގައި ހުންނަން ފޭދުއަށް ދިއުމަކީ ކޮންމެ އަހަރަކުވެސް އުލްޔާ އާއި ޖަންނަ ކުރާ ކަމެކެވެ. އެ ދަތުރުތައް ނިމިގެން ރަށަށް ދާއިރު ގަމުން އުލްޔާ ރަށަށް ގެންދާ އެންމެ އަގުހުރި އެއްޗަކީ ނަންރީތި ގަހުގައި ހުންނަ އޭނާގެ އިސްކޮޅުހާ ދިގު ތޮޅިތަކެވެ. ތޮޅި ބޮޑަށް ހިކުމުން ފަޅައިގެންގޮސް އޭގައި ހުންނަ އޮށްތައް ނެގޭވަރު ވުމުން އުލްޔާ އެއޮށްތައް ގޭގެ ވަލުތެރޭގައި އިންދައެވެ. އެކަމަކު މިހާތަނަށް އެ އޮށްތަކުން ގަސްފަޅާފައި ހުންނަ ތަނެއް ނުފެނެއެވެ. އަސްލު ވާގޮތަކީ އޮށް އިނދުމަށްފަހު ގަސްފަޅާތޯ ބަލަން އުލްޔާ ހަނދާންވެސް ނުހުންނަނީ އެވެ.
(ނުނިމޭ)




