ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 14
މ ޝ 14 ޑިސެމްބަރ 2025 (އާދީއްތަ)   07:21
...އެކަމަކު މިހާތަނަށް އެ އޮށްތަކުން ގަސްފަޅާފައި ހުންނަ ތަނެއް ނުފެނެއެވެ. އަސްލު ވާގޮތަކީ އޮށް އިނދުމަށްފަހު ގަސްފަޅާތޯ ބަލަން އުލްޔާ ހަނދާންވެސް ނުހުންނަނީ އެވެ.

(ކުރީ ހަފްތާއާ ގުޅޭ)

'ދަރިފުޅު ބޭނުންތަ ކުޑަކޮށް ތަންތަން ބަލާލަން ހިނގާލަންދާން؟' ކާފަ އަހާލި އަޑަށް އުލްޔާ ބަލައިލާފައި ބޯޖަހާލިއެވެ. އޭރު ސައީދުބޭ ކޮނޑުގައި ދަބަސް އަޅުވާލަމުން ނައްޓާލަނީއެވެ.

'ބްރިޖުންގޮސް ފޭދުއަށް ފައިބާތާ ހުންނަ ރައްޓެއްސެއްގެ ގެއަށް ވަދެލާފަ ބޭބެ މިއަންނަނީ އިނގޭ.. ފުރަން ވަންނަ ގަޑިއަށް އަންނާނަން.' ސައީދުބޭ އުލްޔާއަށް ބުނެލިއެވެ.

ސައީދުބެ މަގު ހުރިގޮތަށްގޮސް ބްރިޖާ ދިމާލަށް ނުކުތްތަން ބަލަން ތިބެފައި ކާފައާއި އުލްޔާ ހިނގާލަން ދާން ތެދުވިއެވެ. އުލްޔާގެ ކުޑަ ބެކްޕެކްއިން އޭނާގެ ފެންފުޅި ނަގާ ފެން ފޮދެއް ބޯލިއެވެ. ގަމުގައި މުއައްޒަފުން ތިބެން ހަދާފައިވާ ރަތާއި ކަޅު އަދި ހުދުކުލައިން ހުންނަ ކޮޓަރިބަރިތައް ކައިރިން ލާފައި ދަމުން '209 އެއީ ކާފަގެ ކޮޓަރި ދޯ' އޭ އުލްޔާ އަހާލިއެވެ. ކާފަ ހިނިތުންވެލާފައި ބޯޖަހާލިއެވެ. އެކޮޓަރީގެ ނަންބަރު އުލްޔާގެ ހަނދާނުގައި ހުންނަނީ އޭނާ އެތައް ފަހަރަކު އެކޮޓަރީގައި މަޑުކޮށްފައިވާތީއެވެ. މާމައާއެކީ ފޭދުއަށް ދާފަހަރުތަކުގައިވެސް ފުރަތަމަ އެކޮޓަރީގަ ތިބުމަށްފަހު ނޫނީ ފޭދުއަށް ނުދާތީއެވެ. ހިތަދޫ ހޮސްޕިޓަލަށް ދާން ގަމަށް ކުރާ ދަތުރުތަކުގައިވެސް ކާފަގެ އެކޮޓަރީގައި މަޑުކުރުމަކީ އުލްޔާމެންނަށް ލިބޭ ހާއްސަ އުފަލެކެވެ. ޔުސްކޮއްކޮ ބުނާގޮތުން އެކުދިންގެ ކާފައަކީ އަސްލު ގަމު މީހެކެވެ. އެހެންވެ ކާފަ ދިރިއުޅެނީ ގަމުގައި ހުންނަ ކާފަގެ އަމިއްލަ ގޭގައޭ ޔުސްކޮއްކޮ ކިޔާތީ އެކަމާ މާމަވެސް ހީހަދައެވެ.

އެއީ މޫސުން ވަރަށް ރީތި ހެނދުނެކެވެ. އުޑުމަތީގައި އެންމެ ވިލާކޮޅެއްވެސް ފެންނާކަށްނެތެވެ. ނޫކުލައިގެ ސާފު އުޑެކެވެ. ގަސްތަކުގެ ފަތްތަކުގައި މަޑުމަޑު ވައިރޯޅިއެއް ފިރުމާލުމުން ފަތްތައް ނަށާލައެވެ. މޯޅިވެފައިވާ ނަންރީތި މާތައް އެކަހަލަ ރޯޅިތަކާއެކު ގަހުން ވަކިވެ ބިންމައްޗަށް ފައިބައެވެ. ކިރުފޮދެއްހާ ސާފު ހުދުކުލައިގެ ރީތި ދޮންދީނިތައް ނަންރީތިގަސްތަކުގެ ގޮފިތަކުގައި ތިއްބާ ފެނެއެވެ. އެދޫނިތައް މުޅިންވެސް ފެންނަނީ ޖޯޑު ޖޯޑަށް ތިއްބައެވެ. އޭގެތެރޭގައި އުލްޔާއާއި ޖަންނަ ފަދަ ދެބެއިންގެ ދެދަރި ދޫންޏާއި، އުލްޔާއާއި ނުހާ ކަހަލަ ބެސްޓްފްރެންޑް ދޫނިތަކާއި އަދި އޭނާގެ މަންމައާއި ބައްޕަ ފަދަ ކައިވެނިކޮށްގެން އުޅޭ ދޫނިތައްވެސް ތިބޭނެޔޭ އުލްޔާގެ ހިތަށް އެރިއެވެ. ދައްކާނެ ވާހަކައެއް ނެތި ކާފަގެ ކުޑަވާ އިނގިލީގައި ހިފާލައިގެން އުލްޔާ ހިނގަމުން ދިޔައިރު ގަމުގެ ރީތި މަންޒަރުތަކާ އޭނާގެ ހިތް އޮތީ ގުޅިލާމެހިފައެވެ. ހިތާމައެއް މާޔޫސްކަމެއް ނެތް އުފާވެރި ކުޑަކުއްޖެކެވެ.

ހިނގަމުންގޮސް ފެންނަ ބައެއް ތަންތަނާއި، މަގުމަތިން ބައިސްކަލުތަކުގައި ދަނިކޮށް ދިމާވާ ކާފަގެ ބައެއް ރައްޓެހިންނާ ބެހޭގޮތުން ކާފަ ދިޔައީ ވާހަކަދައްކަމުންނެވެ. ވަކިހިސާބަކުން ފެނުނު ސައިހޮޓަލެއް ކައިރީ މަޑުކޮށްލުމަށްފަހު ކާފަ ބުންޏެވެ.

'މީ ކާފަމެން މަސައްކަތަށް ދިއުމުގެ ކުރިން ސައިބޯން އަންނަ ހޮޓާ.. ހިނގާ ދަރިފުޅުވެސް މިތަނުން މިއަދު ކާފައާއެކީ ސައިބޯން... ހުންނާނެ ތެލުލި ފޮޅިއާއި މުގުރިހަ އަދި ފިހުނު ކުކުޅު' ކާފަ އެކިޔާދިނީ ރަށުގައި މާމަ ކައްކާ ހާއްސަ ދުވަސް ދުވަހު ގޭގައި ހަދާ ސާމާނުތަކުން އުލްޔާ އެންމެ މީރުވެގެން އުޅޭ ކާނާގެ ވާހަކައެވެ. ވަގުތުން އުލްޔާގެ ކުޅުދިޔާވިއެވެ. ބަނޑުހައިވެއްޖެ ކަމުގެ އިހުސާސްވެސް ކުރެވިއްޖެއެވެ.

'ހިނގާ ކާފާ.. އުލްޔާ މިހާރު ކާހިތްވެއްޖެ' އުލްޔާ އުފާވެފައި ބުނެލިއެވެ.

ވަރަށް ރަނގަޅަށް ކައިގެން އަނެއްކާވެސް އައިކޮޅަށް ހިނގާލާފައިގޮސް އުލްޔާމެން އިށީނީ ހެނދުނު އެންމެ ކުރިން އައިސްތިބި ދަނބުގަހުގެ ދަށުގައި ހުންނަ ބެންޗްތަކުން ބެންޗެއްގައެވެ. އެތާނގައި ހުންނަނީ ރާނާފައި ހުންނަ ހުދުކުލައިގެ މޭޒުތަކާއި ބެންޗްތަކެވެ. ކޮންމެ މޭޒެއްގެ މަތީގައި ވިއްސާރަދުނީގެ ކުލަތައް އެކުލެވޭ ރީތި ކުޑައެއް ހުރެއެވެ. ފުރަންދާ މީހުންނާއި ދުއްވާއެއްޗެއް ހޯދަން މަޑުކޮށްލައިގެން ތިބޭ މީހުންތަކުން އެބެންޗްތައް ގިނަ ވަގުތު އޮންނަނީ ފުރާލާފައެވެ. އެތާނގައި އިށީނުމަށްފަހު އުލްޔާމެން ފުރާ ވަގުތު ޖެހެންދެން އެތާނގައި ތިބޭނީއޭ ކާފަ ބުނެލިއެވެ.

އެދުވަހު އުލްޔާގެ ކާފަ މަސައްކަތަށް ދާނީ ކާފައަށް އެންމެ ފުރަތަމަ ލިބުނު ކާފަ ދަރިފުޅު މާލެއަށް ފުރުވާލުމަށްފަހުއެވެ. ކާފަގެ ފަސްދަރިންގެ ތެރެއިން އުލްޔާގެ މަންމަ ފިޔަވައި ދެން ތިބެނީ ފިރިހެން ދަރިންނެވެ. އެއީ އުލްޔާގެ މަންމަގެ ކޮއްކޮމެންނެވެ. އުލްޔާގެ ބޮޑުބޭބެއިންނެވެ. އެހުރިހާ އެންމެންވެސް ދިރިއުޅެނީ މާލޭކޮޅުގައެވެ. އޭގެތެރެއިން އެންމެ ދޮށީ ދެބޭބެ ރިސޯޓްތަކުގެ ވަޒީފާގައެވެ. ތިންވަނަ ބޭބެ އޭރު އުޅެނީ މާލޭގެ އަމިއްލަ ސްކޫލެއްގެ ގްރޭޑް 10 ގައެވެ. އެންމެ ހަގު އަދި އުލްޔާމެންނާއެކު ރަށުގައި ވަރަށް ފަހަކާ ޖެހެންދެން އުޅުނު ބޭބެ އުޅެނީ ހަމަ އެ ސްކޫލްގެ ގްރޭޑް 8 ގައެވެ. މާމައަށް ބޭބެމެން ފޮނުވާ ސިޓީތަކުގައި އުލްޔާގެ ވާހަކަތައް ލިޔެފައި އޮތުމުގެ އިތުރަށް އުލްޔާއަށް ބޭބެމެން ހަދިޔާވެސް ފޮނުވައެވެ. ދެން އެކަމަކު މާލެ ދިއުމުން އެހުރިހާ ކަމެއް އެހެން ގޮތަކަށް ބަދަލުވާނީއެވެ. އުލްޔާއަށް އެކިދުވަހު ބޭބެމެންނާ ދިމާވުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

އިރުކޮޅަކުން ސައީދުބޭ އައިސް އެތާނގައި ކާފަ ކައިރީ އިށީނެވެ. ދެން އެއާޕޯޓް ތެރެއަށް ވަންނަން ދާން އޮތީ ދިހަ މިނިޓްކަމަށް ބުނިއަޑު އުލްޔާއަށް އިވުނެވެ. އެވަގުތު އުފަން ރަށާއި އަތޮޅާއި ލޯބިވާ އެންމެން ދޫކޮށް ފުރަންވެއްޖެކަމުގެ އިހުސާސް އުލްޔާ ވަށާލައިފިއެވެ. ލޯމަރާލެވުނީ އެއްފަހަރާ އެތައް އެއްޗެއް ހިތަށް އެރުމުންނެވެ. އެވަގުތު ބާރަށް ކާފަގެ އަތުގައި ހިފާލެވުނެވެ. ކާފައަށް އުލްޔާގެ ހިތާމަ އިހުސާސްވިއެވެ. އެހެންކަމުން ދޯނީގައި ކަންތައް ކުރިހެން އުލްޔާ ކާފައާއި ގާތްކޮށްލިއެވެ.

(ނުނިމޭ)

ކޮމެންޓް