
'ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ދަރިފުޅާ. ދަރިފުޅުގެ ބައްޕަ ހުންނާނީ ފްލައިޓް ޖައްސާއިރު ގޮސް ހުޅުލޭގަ. ނަމާދުކޮށް ގުރުއާން ކިޔަވާތި އަބަދުވެސް. ކާފަމެންގެ އުލްޔާ ކޮންމެ ޗުއްޓީއަކު އައިސް ހުންނާނީ ކާފަމެން ކައިރީގައޭ... ދުވަސްތައް ދާދި އަވަހަށް ގޮސްދާނެ.' ކާފަ ވަރަށް ލޯބިން އުލްޔާގެ އަތްތިލައިގައި ފިރުމަމުން ނަސޭހަތްދިނެވެ.
ދެން ދާން ހިނގާށޭ ބުނެ ކާފައާއި އުލްޔާ އަދި ސައީދުބޭ ހިނގައިގަތީ އެއާޕޯޓު ސަރަހައްދަށެވެ. އެއީ ދަނބުގަހާ ވަރަށް ކައިރިއެވެ. ފުރަންގޮސްތިބި މީހުންނާއި އެމީހުން ފުރުވަންގޮސް ތިބި މީހުން އޭރު އެތާނގައި ފުނިފުންޏަށް ތިއްބެވެ. މީގެކުރިންވެސް ހަތަރު ފަހަރު އުލްޔާ މާލެއަށް ދިޔައީ ފްލައިޓުންނެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އުލްޔާ މާލެ ދިޔައީ އޭނާގެ މަންމައާ އެކީގައެވެ. މިފަހަރު ބޮޑުބޭބެއަކާ އެކީގައި ދާން ޖެހުމުން އެވެސް އުލްޔާގެ ނުތަނަވަސްވެފައިވާ ހިތަށް ލިބުނު އިތުރު ނުތަނަވަސް ކަމަކަށްވިއެވެ. ދެން އޮތްގޮތަކީ ކާފަ ބުނިހެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ހިތަށް އެރުވުމެވެ.
ކާފައަކީ އެއާޕޯޓްގެ އެކި ސަރަހައްދަށް ވަނުމުގެ ހުއްދަ އޮންނަ ފާސް އޮތް މުއައްޒަފެއްކަމުން އެތެރެއަށްވެސް ކާފަ ވަނެވެ. ކާފަގެ ގައިގައި ބައްދާލުމަށްފަހު ސަލާމްކޮށްލާފައި ސައީދުބޭބެގެ އަތުގައި އުލްޔާ ހިފާލިއެވެ. ފްލައިޓަށް އެރުމުގެ ކުރިން ފަސް އެނބުރި ބަލާލަމުން ކާފައަށް ޓާޓާ ކިޔާލިއިރު ކާފަ ލޯ ފޮހޭތަން އުލްޔާއަށް ފެނުނެވެ. ކާފަގެ ކަރުނަތައް ފޮރުވަން ހިނިތުންވެލަމުން ކާފަވެސް އުލްޔާއަށް ޓާޓާ ކިޔެވެ. އުލްޔާއަށް ހިންދިރުވާލެވުނެވެ. ވަކިވުމުގެ ވަގުތަކީ ހާދަ ހިތްދަތި ވަގުތެކޭ ހިތަށް އެރިއެވެ. އެކަމަކު ދެން އޭނާ ނުރޮއި ހިތްވަރުގަދަ ކުއްޖަކަށްވާން އަޒުމް ކަނޑައެޅިއެވެ.
ބޭރު ފެންނަ ކުޑަދޮރު ކައިރީ ސީޓްގައި އުލްޔާ ބޭންދުމަށްފަހު ސައީދުބޭ ޖެހިގެން ހުރި ސީޓުގައި އިށީނެވެ. އޭރުވެސް ކާފަ ހަމަ އެތަނުގައި ހުރިތަން އުލްޔާއަށް ފެނުނެވެ. އުލްޔާގެ ހިތާހިތުން ކާފައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ކުރެވުނެވެ. އެއީ ކޮންމެ ކުއްޖަކުވެސް އެންމެ ބޭނުންވާނެ ކަހަލަ ހެޔޮ ކާފައެކެވެ. އެކަމަކު އުލްޔާހެން ހުރިހާ ކުދިންނަކަށް އެކަހަލަ ކާފައެއް ނުލިބޭނެއެވެ. އުލްޔާއަކީ ހަމަ ނަސީބު ރަނގަޅު ކުއްޖެކޭ ހިތަށް އެރުމުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ކަންތަކާމެދު ފިކުރު ބޮޑުނުކޮށް އޭނާގެ ބައްޕަ ދެއްކި މަގަކުން ހިނގުން ފިޔަވައި ދެން އެހެން ގޮތެއް ނެތެވެ. މަންމަގެ ފަރާތުންވެސް އުލްޔާ މާލޭގައި ހުންނާނޭ ތަނެއްގެ އެއްވެސް މައުލޫމާތެއް ލިބިފައިނެތެވެ. ރަށުން ފުރަން ދޯންޏަށް އެރި ވަގުތު އޭނާއަށް މަންމަ ދިން ނަސޭހަތަކީ ބައްޕަ ބުނާ ގޮތް ހަދައިގެން ބަސްއަހައިގެން މޮޅަށް ކިޔެވުމަށް ދިން ނަސޭހަތެވެ.
ދަތުރުމަތީގެ ދުއާ ކިޔަމުން، ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން އުލްޔާ ލޯމަރާލީ ފްލައިޓް މައްޗަށް އަރަންފެށި ހިސާބުންނެވެ. ގަޑިން ވީ ކިހާއިރެއްކަން ނޭނގި ނިދިފައި އޮތް އުލްޔާއަށް ހޭލެވުނީ ކޮއްކޯ ދެން ހޭލާށޭ ސައީދުބޭ ބުނާ އަޑަށެވެ. ލޯހުޅުވާލާފައި ވަށައިގެން ހޯދާލެވުމުން މިއިނދެވުނީ ފްލައިޓްގެ ގޮނޑީގައިކަން އުލްޔާއަށް ރޭކާލިއެވެ. ފްލައިޓް ޖައްސައިފިކަމަށާއި އިރުކޮޅަކުން ފައިބަންވީކަމަށް ސައީދުބޭ ބުންޏެވެ. އިށީނދެއިން ސީޓްގެ ތިރީގައި އޮތް އުލްޔާގެ ބެކްޕެކްއިން އޭނާގެ ފެންފުޅި ނަގާ ފެންބޯލިއެވެ. މީހުންތައް ތެދުވެ ފްލައިޓުން ފައިބާން އުޅޭތަން އޭރު ފެނެއެވެ. އުލްޔާގެ ހިތް އަވަސްވިއެވެ. އާދިރިއުޅުމަކަށް އޭނާ ތައްޔާރުވާންވީ ވަގުތު މިއޮތީ އައިސްޖެހިފައެވެ. އަބަދު އެންމެ ގާތުގައި އުޅުނު އެންމެނާ ވަކިވެގެން އެހިސާބަށް އާދެވުމުން ދެން އޭނާ ފަސްއެނބުރި ބަލާކަށް ބޭނުމެއްނޫނެވެ.
އުލްޔާގެ ފޮށްޓާއި މާމަ ތައްޔާރުކުރި ހަދިޔާފޮށިގަނޑާއެކު ސައީދުބެގެ ފޮށިވެސް ޓްރޮލީއަށް އަރުވައިގެން އޭތި ކޮއްޕަމުން ސައީދުބޭ ހިނގައިގަތީ 'އަންނަ މީހުން' ޖަހާފައި އޮތް ބޮޑު ދޮރުން ނުކުތުމަށެވެ. އެކިތަންތަނުން އެކި ދަތުރުކޮށްފައި އައި އެކި ގައުމުތަކުގެ މީހުން ފެނެއެވެ. ބޭރަށް ނުކުތުމާއެކު ގާތް މީހުން ބަލާއައިސް ތިބި މީހުންގެ ތެރެއަށް އުލްޔާގެ ލޯ ހިންގާލެވުނެވެ. މަޑު ފެހިކުލައިގެ ޓީޝާޓެއް ލައިގެން އެހެރީ އޭނާގެ ބައްޕައެވެ. ދޮންކޮށް ހުރި ވަށްމޫނެއްގެ ވެރި އަންހެނެއް ބައްޕަގެ ކައިރީގައި ހިނިތުންވެގެން ހުއްޓާ ފެނުމުން އުލްޔާގެ ހިނގުމަށް މަޑުޖެހުމެއް އައެވެ. ސިކުނޑީގެ ކަނަކުން އުފެއްދި ސުވާލުގެ ޖަވާބު އެންމެ ސިކުންތެއްގެ ތެރޭގައި ލިބިއްޖެއެވެ. އާނއެކެވެ. ލޮލުން ފެންނަން ހަމަ ދިމާ ކުރިމަތީގައި އެހެރީ އޭނާގެ ބައްޕަ ކައިވެނިކުރި ދެވަނަ އަނބިމީހާއެވެ. އުލްޔާގެ 'ދޮންމަންމަ' އެވެ. ދޮންމަންމަ އެލަފުޒު އޭނާއަށް ވަރަށް ބީރައްޓެއްސެވެ. ބައްޕައަށް ވުރެ ބޮޑަށް އޭނާއަށް ސަމާލުކަންދީގެން ބެލުނީ ދޮންމަންމަގެ މޫނަށެވެ. މަންމައާ މުޅިން ތަފާތު ސިފައެކެވެ. އުލްޔާ ގަޔާވިޔަސް ނުވިޔަސް ބައްޕަގެ ދެވަނަ އަނބިމީހާއަށް އޭނާ އިހުތިރާމްކުރާނެ އެވެ.
(ނުނިމޭ)




