ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 16
މ ޝ 28 ޑިސެމްބަރ 2025 (އާދީއްތަ)   07:39
...ދޮންމަންމަ އެލަފުޒު އޭނާއަށް ވަރަށް ބީރައްޓެއްސެވެ. ބައްޕައަށް ވުރެ ބޮޑަށް އޭނާއަށް ސަމާލުކަންދީގެން ބެލުނީ ދޮންމަންމަގެ މޫނަށެވެ. މަންމައާ މުޅިން ތަފާތު ސިފައެކެވެ. އުލްޔާ ގަޔާވިޔަސް ނުވިޔަސް ބައްޕަގެ ދެވަނަ އަނބިމީހާއަށް އޭނާ އިހުތިރާމްކުރާނެއެވެ.

(ކުރީ ހަފްތާއާ ގުޅޭ)

ބޮޑުބޭބެއާއެކު ބައްޕަމެންގެ ގާތަށް ދެވުމުން ބައްޕަ އައިސް އުލްޔާގެ ގައިގައި ބައްދާލިއެވެ. ދެން އެނބުރިލާފައި 'މިހިރީ ރަޒީނައްތަ. ދަރިފުޅު ދެން ހުންނާނީ ރަޒީނައްތަގެ ގޭގައި އިނގޭ.' ބައްޕަ ބުނެލިއެވެ.

ސަލާމަށް އަތްދިއްކޮށްލައިގެން ރަޒީނައްތަ ހުރީ ހިނިތުންވެފައެވެ. ފިޔާތޮށިކުލަ ޖައްސާފައިވާ ތުންފަތެކެވެ. އަތުގެ ނިޔަފަތީގައި ހުރީ ރަތްކުލަޖައްސާފައެވެ. ލާފައި ހުރީ ގަދަނޫކުލައިގެ ކުރުތާއަކާއި ހުދު ޖިންސެކެވެ. އަރާފައިހުރީ މުށިކުލައިގެ އުސްފައިވާނަކަށެވެ. އިސްތަށިގަނޑުގެ ބައެއް ހިސާބުގައި ރަންކުލަ ޖައްސާފައެވެ. ހުރިހާ ދިމާލަކަށް ރަނގަޅަށް ބަލާލުމަށްފަހު އުލްޔާ ކުރިއަށްޖެހިލާފައި 'ދޮންމަންމަ' ރަޒީނާއާ ސަލާމްކޮށްލިއެވެ. ހަމަޔަގީނުންވެސް އޭނާގެ މަންމަ މާރީއްޗޭ ހިތަށްއެރިއެވެ. ބައްޕަގެ ދެވަނަ އަނބިމީހާ ހުތުރީކީނޫނެވެ. އެކަމަކު އެއީ ޒަމާނީ ފެޝަނަށް ލޯބިކުރާ މީހެއްކަން އުލްޔާއަށް އެހިނދުކޮޅުގައިވެސް ޔަގީންވެއްޖެއެވެ.

ސައީދުބެވެސް ރަޒީނައްތަ ދަންނަކަން ބޭބެ ހިނިތުންވެލާ ގޮވާލާ ހެދިގޮތުން އުލްޔާއަށް އެނގުނެވެ. ބައްޕަގެ އެއްބަނޑު ތިމާގެ އެންމެނަށްވެސް ބައްޕަގެ ހޮވުން ކަމުދާނެކަން އުލްޔާއަށް އެނގެއެވެ. އެމީހުންނަށް އޭނާގެ މަންމަ ކަމުނުދާކަން އުލްޔާ ވަރަށް ކުޑައިރު އޭނާ ދަނެއެވެ. މާލެ އަންނަ ފަހަރުތަކުގައިވެސް މާލޭގައި ދިރިއުޅޭ ބައްޕަ ފަރާތު މީހުންގެ ގޭގެއަށް އޭނާ ގޮވައިގެން ދާނީ ބައްޕައެވެ. މަންމަ އެގޭގެއަށް ގޮސް ނޫޅެއެވެ. އެކަންކަމާ އުލްޔާ ސުވާލެއް ނުކުރެއެވެ. ބޮޑުވަމުން އައި ވަރަކަށް އެކަންތަކުގެ އަޑި އޭނާއަށްވެސް އައީ އެނގެމުންނެވެ.

އެއްދުވަހަކު މާމައާއި އައިސްތުދައްތަ އަދި މަންމަ ބަދިގެފަރާތުގައި ހަވާދު ހަނާކުރަން ތިބެ ދެއްކި އޮލަ ވާހަކައެއްގައި މާމަމެން ދެއްކީ އުލްޔާގެ ބައްޕަގެ އެއްބަނޑު އެއްބަފާ މީހުންގެ ވާހަކައެވެ. އެމީހުންގެ ކެރިފޯރުންތެރި ކަމާއެކުވެސް ދަހި ސާދާގަރުކަމުގެ ވާހަކައެވެ. ދުނިޔޭގެ އެދުން ބޮޑުކަމުގެ ވާހަކައެވެ. ރަށުގެ ބޮޑެތި ބޮޑެތިހެން ހީވާ މުއްސަނދި އާއިލާތަކުގެ މީހުންނާ އެއެންމެން ކައިވެނިކުރި ވާހަކައެވެ. އާދައިގެ އާއިލާއަކާ ގުޅުނީ އުލްޔާގެ ބައްޕަ އެކަނިކަމަށްވެސް އެދުވަހު މާމަ ކިޔާލިއެވެ. މާފުންކޮށް ވާހަކަތައް ދާން ފެށުމުން އުލްޔާ އެތަނުން ދުރަށް ދިޔައީއެވެ. އެކަމަކު އެއީ އެދުވަހުގެ ޑައިރީގައި ނޯޓުކޮށްލެވުނު މުހިންމު އެއް ވާހަކައަށްވިއެވެ.

މައިންބަފައިންގެ ގުޅުން އޭރު އޮތް ހިސާބެއްވެސް އުލްޔާއަކަށް ނޭނގެއެވެ. ބައްޕަ އެފަހަރު ރަށުގައި 3 ދުވަސް ހޭދަކުރުމަށްފަހު އެނބުރި މާލެއައީއެވެ. އުލްޔާގެ ކައިރީގައި ބައްޕަ ބުނީ ގްރޭޑް 6 ގެ ފުރަތަމަ ޓާރމްގެ އިމްތިހާނުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އޭރުން މާލޭގެ ރަނގަޅު ސްކޫލަކުން ޖާގަ ލިބުން ފަސޭހަވާނެ ކަމަށާއި، ޓާރމްގެ ބަންދުގައި އުލްޔާ މާލެ ބަދަލުވާނީ ކަމުގައެވެ. އޭރު އެވާހަކަތައް އެކި ސިފައިގައި އެގޭތެރޭގައި ދެކެވެމުން ދިޔައީތީ އުލްޔާ ހުރީ ހަމައަކަށް އެޅިފައެވެ.

ބައްޕަގެ ނަސޭހަތާއި، މަންމަމެންގެ ހެޔޮދުއާއާއެކު އެފަހަރު އޭނާ ދިޔައީ ކްލާހުން އެއްވަނައަށެވެ. މުޅި ގްރޭޑުން އެންމެ މޮޅު ދަރިވަރަކަށްވެސް ހޮވުނީ އުލްޔާއެވެ. އެފަހުރުވެރި މަގާމާއެކު އޭނާ ދެވަނަ ޓާރމްގައި ރަށު ސްކޫލުގައި ހުރި ނަމަ އޭނާ ވީހީ ޖޫނިއަރ ޕްރިފެކްޓަކަށެވެ. އެކަމަކު ދެކެމުން އައި އެހުވަފެން ވީ ހަމަ ހުވަފެނަކަށެވެ.

ސްކޫލް ބަންދުވީތަނާ ނުހާގެ ފަރާތުން އޭނާއަށް އާ ވާހަކައެއްވެސް އިވުނެވެ. އެއީ ހަމަ ކުރީ ފަހަރުހެން އުލްޔާގެ މަންމަގެ ގާތުގައި ނުހާގެ މަންމަ ދެއްކި ވާހަކައެކެވެ. އެފަހަރު ނުހާވެސް ސައިބޯން ކާގޭގައި އިންދާ އެދެކުދިންގެ މަންމަމެން އެވާހަކަ ދެއްކީ ފޮރޮވުމެއް ނެތިއެވެ. އުލްޔާގެ މަންމަ ދެއްކީ އުލްޔާގެ ބައްޕަ އުލްޔާ މާލެ ގެންގޮސް ކަންތައް ކުރާ ގޮތަކުން ފަހަރުގައި ބައްޕައާ ވަކިނުވެ ކައިވެނި މަތީ ދެމިހުންނަން ގަސްތުކުރާ ވާހަކައެވެ. އުލްޔާއަށް ދެރަ ގޮތެއް ހަދައިފިއްޔާ ހަމަ އެންމެ ފުރުސަތެއްވެސް ނުދޭނެކަމަށް ބުނެ ވަރަށް ފޯރީގައި އެވާހަކަ ދެއްކި ކަމަށެވެ.

އޭގެ ފަހުގައި އުލްޔާ ހުރީ ކުރިއަށްވުރެ އުފަލުންނެވެ. ކުށެއް ކުރެވޭ ހަމަ ކޮންމެ ފަހަރަކު މައާފު ދިނުމަކީ ރަނގަޅު ކަމެއްބާވައޭ އުލްޔާގެ ހިތަށް އަރައެވެ. ނޫނީ ކުށެއް ކުރާއިރަށް ވަކިވުމަކީ ދެވޭނެ އެންމެ ރަނގަޅު އަދަބު ބާވައޭވެސް އޭނާގެ ހިތަށް އަރައެވެ. އެކަހަލަ ހިޔާލުތައް ހިނގަނީ އޭނާގެ ހިތާއި ސިކުނޑީގައެވެ. ދެން ޑައިރީއަށް އޮއްސާލަނީއެވެ. މައިންބަފައިންގެ ދިރިއުޅުމުގެ އެފަދަ ކަންތަކަށް ގޮތްފާޑު ކިޔަން އޭނާއަކަށް ހައްގެއް ނެތޭ ހިތަށް އަރާތީއެވެ. އޭނާއަށްވުރެ ބޮޑެތި މީހުންގެ ވިސްނުން ތޫނު ވާނެތީ އެވެ. 3 ދަރިން ތިއްބާ ބައްޕަ އިތުރު ކައިވެންޏެއް ކުރި މަގުސަދު ކޮންމެވެސް ދުވަހަކުން އޭނާ އޮޅުން ފިލުވާނީ ހަމަ ބައްޕަގެ ގާތުން ކަމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.

ސަލާމްކުރަން ހިފި ގޮތަށް ރަޒީނައްތަ ހުރީ އުލްޔާގެ އަތުގައި ހިފައިގެންނެވެ. ދެން އެ އަތުން ދޫކޮށް ނުލާނަމޭ ބުނާ ފަދައަކުންނެވެ. އުނދަގޫވެފައި އެހެނަސް ކުރާނެ ކަމެއް ނެތިފައި އުލްޔާ ހުރިއިރު އޭނާގެ ބައްޕަގެ އުފާވެރި ހިނިތުންވުމާއި ވާހަދެއްކުމުގައި ހުރި ތަފާތުކަންވެސް އުލްޔާ ދިޔައީ ފާހަގަކުރަމުންނެވެ.

އާނއެކެވެ. ހަޔާތުގައި މިފެށުނު އާ ބާބުގައި ދެން ފެންނާނީވެސް އާ މަންޒަރުތަކެވެ. އިވޭނީ އާ އަޑުތަކެވެ. ހަޔާތުގެ ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއި ކުލަރީތި ގުދުރަތީ މަންޒަރުތަކާއި، އަވަށްޓެރިންނާއި ދެކެފަރިތަ މީހުންތަކާ ވަކިވެގެން އައިސް އޭނާ އެހެރީ ވަރަށް ދުރުގައެވެ.

(ނުނިމޭ)

ކޮމެންޓް