
އެންމެން އެކީގައިގޮސް ފެރީއަށް އެރީ މާލެ ދިއުމަށެވެ. މޫސުން ރީތި ނަލަ ދުވަހެކެވެ. ކަނޑުވެސް އެހާމަޑެވެ. ތެޔޮފެންލާފައިވާފަދައެވެ. ރާޅެއްގެ ހިލަމެއްވެސް ނެތެވެ. އެންމެ ދެކުނުގެ އައްޑުއަތޮޅާއި އުތުރުގައި އޮތް ކާފު އަތޮޅުގައިވެސް މޫސުން އެއޮތީ ދާދި އެއްގޮތަކަށްތާއޭ އުލްޔާގެ ހިތާހިތާ ކިޔާލެވުނެވެ. އޭރުވެސް ރަޒީނައްތަ އިނީ އުލްޔާގެ އަތްތިލާގައި ހިފަހައްޓާލައިގެންނެވެ. ބައްޕައާއި ސައީދުބޭ ކޮންމެވެސް ވާހަކައެއް ދައްކަން އިށީނދެ ތިބީ އުލްޔާމެންގެ ކުރިމަތީގައި ހުރި ސީޓުގައެވެ. ދޭތެރެއަކުން ބައްޕަ ހީލާފައި އުލްޔާއަށް ބަލާލައެވެ. އުލްޔާ އައުމުން ބައްޕަ އެހެރީ އުފާވެފަކަން ޔަގީނެވެ.
މާގިނައިރެއް ނުވެ މާލެއަށް އާދެވިއްޖެއެވެ. ގަދަނޫކުލައިގެ ރީތި ކާރެއް އައިސް މަޑުކޮށް އޭގެ ޑްރައިވަރު ކާރުން ފޭބިއެވެ. އެއީ ރަޒީނައްތަމެންގޭ ކާރުކަމަށް އުލްޔާގެ ކައިރީގައި ރަޒީނައްތަ ބުނެލިއެވެ. އެހިސާބުން އުލްޔާގެ ކައިރިއަށް ޖެހިލާފައި ސައީދުބެ އޭނާ ދަނީކަމަށް ބުނެލިއެވެ. ދެން ބައްޕައާއި ރަޒީނައްތައާއެކު އުލްޔާވެސް އެކާރަށް އެރީއެވެ.
ތޮއްޖެހިފައިވާ މާލެއެވެ. މީހުންތައް އެކިކޮޅަށް ހޭލަމޭލަވަމުން ދަނީއެވެ. އެންމެންވެސް އުޅެނީ ފާޑަކަށް އަވަސްއަރައިގެންނެވެ. މާރުކޭޓު ސަރަހައްދުގައި ބައިސްކަލަކާއި ކާރެއްޖެހި އެކްސިޑެންޓްވެގެން ކުޑަ އަރައިރުމެއް ހިނގަނީއެވެ. ފުލުހުންގެ ދެމީހަކު އެކަން ހައްލުކުރަން އުޅޭތަންވެސް ފެނެއެވެ. އިސްލާމީ މަރުކަޒު ސަރަހައްދުން ސަލާންޖަހާ މީހުންކޮޅެއްވެސް ފެނުނެވެ. ދަމާ ގާޑިޔަލެއް ދަމަމުން ފަތިވަރެއް ގޮވަމުން ދިޔަ މީހެއްވެސް ފެނުނެވެ. އޭނާގެ ގާޑިޔަލުގައި އަތުރާފައި ހުރި ފޮތްތައް ވިއްކަން އެފޮތްތަކުގެ ނަންތައް ގޮވަމުން އެދަނީ ރަށު މިސްކިތުގެ މުދިމު ބަންގި ގޮވާހާ ބާރަށޭ ހިތަށް އެރުމުން އުލްޔާއަށް ހިނގަނޑު މަތަނުކުރެވި ބާރަށް ހެވިއްޖެއެވެ.
އުލްޔާގެ ކުއްލި މަޖާ ހިނިގަނޑުގެ އަޑު އިވިގެން ބައްޕައާއި ރަޒީނައްތަ ކައިރިއަށްވެސް ވަރަށް ހިނިއައިސްފިއެވެ. އެދެމަފިރިން އެކުއެކީގައި އުލްޔާއަށް ބަލާލާފައި ވީކީއްތޯ އަހާލިއެވެ. އުލްޔާއަށް މަޖާވި ކަންތައް ކިޔާދޭކަށް އޭނާއަށް އެހާ ފަސޭހައެއްނުވިއެވެ. އެހެންކަމުން އިނގިލި ދިއްކޮށްލާފައި ގާޑިޔާ ދަމަމުން ދިޔަ ބޭބެ ދައްކާލިއެވެ.
'އާނ އެއީ ވަރަށް ހީވާގި މުރާލި މީހެއް... ރަޒީނައްތަމެން ކުޑައިރުވެސް އެބޭބެ އެމަސައްކަތް ކުރާތަން ފެނޭ ހަމަ ކޮންމެ ދުވަހަކުހެން.. އެބޭބެގެ އަޑު ނީވިއްޖެއްޔާ ރަޒީނައްތަ ގޭމީހުން ކައިރީވެސް އެދުވަހަކު ބުނެލެވޭ މިއަދު އެބޭބެގެ އަޑެއްވެސް ނީވެޔޭ... އަމީނިއްޔާގަ އުޅުނުއިރު ބޭބެގެ ގާޑިޔާއިން ގަތް ފޮތްތައް މިހާރުވެސް ރަޒީނައްތަގެ ފޮތްހަރުގަނޑުގައި ހުންނާނެ.... އުލްޔާ ފޮތް ކިޔާހިތްވާ ވާހަކަ ބައްޕަ ބުނި... އެއީ ރަޒީނައްތަވެސް އެންމެ ކުރާހިތްވާ ކަންތައް...' ވަރަށް އުފާވެފައި އިނދެ ރަޒީނައްތަ ދެއްކި ހުރިހާ ވާހަކައެއް އުލްޔާ ކަނުލާ އަޑުއެހިއެވެ. ރަޒީނައްތަ ބޭނުންވަނީ އުލްޔާއާ ރަހުމަތްތެރިވާން ކަން ނޭނގެއެވެ. ބަސްމަދު މަޑުމައިތިރި ކުއްޖަކަށްވިޔަސް އުލްޔާގެ ހިތް ހުޅުވާލެވިއްޖެނަމަ އޭނާގެ ވާހަކަތައްވެސް މަދެއްނުވާނެއެވެ. އެކަމަކު އެހާތަނަށް އޭނާއަކީ މާފަސޭހައިން މީހުންނާ ރައްޓެހިކަން އުފައްދަން އެނގުނު ކުއްޖެއް ނޫނެވެ. ބައްޕަގެ 3 ކުދިންގެ ތެރެއިން އެ ހުނަރު ލިބިފައި އެހެރީ ހަމަ ޔަގީނުންވެސް ޔުސްރާ ކޮއްކޮއަށެވެ.
އުލްޔާ މާލެ އަންނަން ފުރިއިރު ޔުސްރާ ކޮއްކޮ ދިން ގަނޑުކޮޅު އޭރުވެސް އޭނާގެ ކުޑަ ދަބަހުގައި އޮތެވެ. މަޑުމަޑުން ދެލޯ ފުސްވާން ފެށީ އުތުރި އަރައިގަތް އިހުސާސްތަކުންނެވެ. މަންމަ، މާމަ، ކާފަ، ކުޑަ ދެ ކޮއްކޮ، ޖަންނަ، އައިސްތު ދައްތަ އަދި ނުހާ މިހާރު ކުރާނީ ކީއްބާވައެވެ. ޓީވީތަކުން ދައްކާހެން އެ އެންމެންގެ ދުވަހީ ދިރިއުޅުން އޭނާއަށް ފެންނާނެ ނަމައެވެ. އެހެނަސް...
އުލްޔާ ސިއްސައިގެން ދިޔައީ ހަނި ގޯޅިއެއްގެ ކަންމައްޗަށް ކާރު މަޑުކޮށްލުމުންނެވެ. 'މިއާދެވުނީ އުލްޔާ... ހިނގާ ފައިބަން.' ރަޒީނައްތަ އެހެން ބުނެލާފައި ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ބައްޕަވެސް އަނެއް ފަރާތު ދޮރުފަތް ހުޅުވާލާފައި ނުކުންނަނީއެވެ. އުލްޔާ ފޭބީ ރަޒީނައްތަ ހުޅުވި ފަޅިންނެވެ. އެންމެ ރަނގަޅުވާނީ އެގޮތޭ އޭނާގެ ހިތަށް އެރުމުންނެވެ. ޑްރައިވަރު އޭރު ކާރުގެ ޑިކީއިން އުލްޔާގެ ފޮށްޓާއި އޭނާ ގެނައި ދެ ފޮށިގަނޑު ބާލަނީއެވެ. ބައްޕައާއި ޑްރައިވަރު އެތަކެތި ހިފައިގެން ގޯޅިތެރެއަށް ވަނެވެ. މުޅި އެހަނި ގޯޅީގައި ހުރީ އެންމެ 3 ގެއެވެ. އެދުވަސްވަރު މާލޭގެ މަގުތަކުގައި ގާ އަޅާފައި ނެތަސް، އެ ހަނި ގޯޅީގައި އޮތީ ގާ އަޅާފަ އެވެ. ގޯޅީގެ އެންމެ އެތެރޭގައި ހުރީ ހުދުކުލައިގެ އުސް އިމާރާތެކެވެ. އިމާރާތުގެ އެންމެ ތިރީގައި ބޮޑު ފިހާރައެއް ހުއްޓެވެ. ސިކުނޑީގެ ކަނަކުން އުލްޔާއަށް ބުނެދިނީ އެއީ ބައްޕަގެ ފިހާރަ ކަމުގައެވެ. އެދިމާލަށް ނަޒަރު ހުއްޓިފައި ހުރި އުލްޔާގެ އަތުގައި ހިފަމުން ރަޒީނައްތަވެސް ކުރިއަށް ހިނގައިގަތެވެ. އުލްޔާއެކޭ ޗާބީ ދީފައި ހުރި ބުދެކޭ އެއްގޮތެވެ. މަޑުމަޑުން އޭނާވެސް ދިޔައީ ކުރިއަށެވެ.
ބައްޕައާއި ޑްރައިވަރު އެއްކަލަ ހުދުކުލައިގެ ރީތި ގޭގެ ކައިރީ މަޑުކޮށްލިއެވެ. ރަޒީނައްތައާއި އުލްޔާ އަރާހަމަވުމުން ކުރިއަށް ޖެހިލާފައި ދޮރާށި ހުޅުވާލީ ރަޒީނައްތައެވެ. އުލްޔާއަށް ބަލާލެވުނީ ގޭގެ ނަންބޯޑަށެވެ. ރީތިކޮށް ހަދާފައިވާ ނަންބޯޑުގައި ހ.ހިޔާވަހި ޖަހާފައި އޮތީ ގަދަ ރަތްކުލައިންނެވެ. އާނއެކެވެ. އެއީ ހިޔާވައްސެވެ. އުލްޔާ މާލޭގައި ދިރިއުޅެން ހަމަޖެހިފައިވާ ހިޔާވައްސެވެ. އަމިއްލައަށް އަމިއްލަ ކަންތައް ކޮށްގެން އާ ކަންކަން ދަސްކޮށްގެން އޭނާ އެކަނި އުޅެން އޮތް ހިޔާވައްސެވެ.
(ނުނިމޭ)




