
މާމަ ބުނާހެން ކަނާތު ފައި އިސްކޮށްފައި އޭނާ އެގެއަށް ވަނެވެ. ބިސްމި ކިޔާފަ އެވެ. ހިނގަން އޮތް ޖާގަ އޮތީ ކަށިވެލި ލާފައެވެ. ދެފަރާތުގައި މާގަސް އިންދާފައި ހުރީ ވަރަށް ތަރުތީބުން ރީތިކޮށެވެ. އުލްޔާގެ ލޮލުގައި އަޅައިގަތީ ހުދާއި ރަތުގެ ސައިމާގަހެވެ. ގަސްގަހުގައި ސައިމާ ފޮޅިފައި ހުންނައިރު އުލްޔާއަށް ވަރަށް ރީއްޗެވެ. އޭނާއަށް ހުދުކުލައިގެ ސައިމާ އެ ފެނުނީ އަލަށެވެ. ރަށުގައި ގޭގައި މަންމައާއެކު އޭނާ އިންދާފައިވެސް ރަތްކުލައިގެ ސައިމާގަސް ހުރެއެވެ. ހަމަޔަގީނުންވެސް އޭނާގެ ރަށުގެ އެއްވެސް ގެއެއްގައި ހުދު ސައިމާގަހެއް ނުހުރެއެވެ.
ބައްޕަ ގޮސް ގޭގެ ސިޓިންރޫމަށް ވަނެވެ. ހުދު މުށިޖަހާފައިވާ ސިޓިން ރޫމެކެވެ. އެންމެންވެސް ފައިވާން ބެހެއްޓީ ބޭރުގައި ކަމުން އުލްޔާވެސް ގުދުވެލާފައި އޭނާ އަރައިގެން ހުރި މަޑުނޫކުލައިގެ ބޫޓު ބާލާފައި ރަޒީނައްތަގެ ފަހަތުން ގޭތެރެއަށް ވަނެވެ.
އެގޭތެރެ އޮތީ ފަޅަށެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ސިޓީންރޫމްގެ ކަނާތްފަރާތުގައި ޓީވީ ރެކެއްގެ މަތީގައި ފޮށިގަނޑު ޓީވީއެއް ހުއްޓެވެ. ޓީވީ ބަލަން އިށީނދެ ތިބެން ބިލަމަގު މާ ކުލައިގެ ވަރަށް ބޮޑު ސޯފާސެޓެއް ހުއްޓެވެ. ދެން އުލްޔާއަށް އެންމެ އަޅައިގަތީ ރަޒީނައްތަ ކުރިން ބުނި ފޮތްހަރެވެ. ރަށު ސްކޫލް ލައިބްރަރީގައިވެސް އެހާގިނަ ފޮތް ނުހުންނާނެޔޭ ހިތަށް އަރައި އުލްޔާގެ ދެއަތުންވެސް ހީބިހި ނަގައިގެންދިޔައެވެ. ފޮތްކިޔަން އެހާވަރު ހުންނަ ކުއްޖަކަށް ވާނީ ހަމަ އެކަހަލަ ގޮތެއްތާއެވެ. މުޅި ފެންޑާގެ ވާތްފަރާތުގައި ހުރީ ބޮޑު ސިންގާ ރީތި އުނދޯއްޔެކެވެ. އޭނާގެ ރަށުގައި އެކަހަލަ އުނދޯއްޔެއް ހުންނަނީ ރަށުގެ އެންމެ ގަދަރުވެރި 'ދީދީގެ' އޭ ކިޔާފައި މީހުން މަޝްހޫރުކޮށްފައި ހުންނަ ގޭގައެވެ. އެގޭ ބޮޑު އުނދޯލި ބަލަން ކަމާކަންފަށާ ޖަންނައާއެކީ އޭނާ ދިޔަ ދުވަހު އެގެއަށް ސިއްރުން ވަތް އިރަށް އުނދޯލި ދަށުން ވޫސްލާފައި ދުވެފައި އައި ކަޅު ބޮޑު ކެހެރި ދިގު ބުޅާ އެކުދިން ސިއްސުވާލި ގޮތް އުލްޔާއަށް ސިފަވިއެވެ. އެވެސް މަންމަމެންނަށް ސިއްރުން އުލްޔާއާއި ޖަންނަ ކޮށްލި މޮޅުކަމެކެވެ. އޭނާއަށް ހުރެވުނީ އުނދޯއްޔަށް ބަލަހައްޓައިގެން ހިޔާލީ ދުނިޔެއަކަށް ގެއްލިފައި ހިނިތުންވެވިފަ އެވެ.
'އުލްޔާ ބޭނުންތަ އުނދޯލި ހެއްލަން؟'.... އިވުނީ ރަޒީނައްތަގެ އަޑެވެ. 'ބޭނުން ކަމެއް އުލްޔާ ކުރަންވީ.. މިގޭގަ އުޅޭނީ ދައްތައާ އުލްޔާ... ބައްޕަ ރިސޯޓަށް ފުރާނެ މާދަމާ ދޯ' ބައްޕައަށް ދޯ ދެމުން ރަޒީނައްތަ އެހެން ބުނެލިގޮތް އުލްޔާއަށް ކަމަކު ނުދިޔައެވެ. އޭނާގެ މަންމަ އަހާ ގޮތަށް އެހެން މީހަކު ބައްޕަ ކައިރީ އެއްޗެއް އެހުމުން އެކަން ބަލައިގަންނަން އޭނާއަށް އުނދަގޫ ވީއެވެ. ދެން އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ. މިހާރު މިފެންނަ ކޮންމެ މަންޒަރަކަށް އުލްޔާ ޖެހޭނީ އާދަވާށެވެ. އާނއެކެވެ. އިތުރު ގޮތެއް އުލްޔާއަކަށް ނެތެވެ.
އެންމެނަށް ސައި ހަދާފައި ހުރި ކާކޮޓަރީގެ އެއްފަރާތުން ނުކުމެވެން އޮތީ އުޑު ފެންނަ ހުސްތަނެވެ. ދޮންވެލިލާފައި ދެފަރާތުގައި 'ބެޑްރޯސް' އިންދާފައިވާ ގަސްމުށި ބަހައްޓާފައި ހުރުމުން އެތަން ފެންނަނީ ވަރަށް ނަލަކޮށެވެ. ސައި ހަދާފައި ހުރިއިރު އެ މޭޒުމަތީގައި ހުރީ އުލްޔާއަށް ވަރަށް އާ އެއްޗިއްސެވެ. ޕާނާއި ބަޓަރާއި ޖޭމެވެ. ޕޭސްޓްރީ އާއި ކޭކެވެ. ދެން ހުރީ ވަށް ބަނޑިޔަލެއްހެން ހުރި ސައި ތަރުމޯޒެކެވެ. އެކިކަހަލަ މޭވާ ކޮށާފައި އަތުރާފައި ހުރި ބޮޑު ތަށްޓެކެވެ.
ބައްޕައާއި އުލްޔާއަށް ސައި ގިރައިދީ ތަށިތަކަށް އެއްޗެހި އަޅާދިނީ ރަޒީނައްތަ އެވެ. ފުރަތަމަ ދުވަސްކަމުން އެހުރިހާ ކަމެއް ދައްތަ ކުރަން އުލްޔާ ދޫކޮށްލިއެވެ. އޭނާއަކީ ހީވާގި ކުއްޖެއްކަމުން ދެން އެކަންކަން ކުރާނީ އޭނާ އަމިއްލައަށޭ ހިތަށް އެރިއެވެ.
އުލްޔާއަށް އެންމެ މީރުވީ ބަޓަރެވެ. އެއީ އެއް ދުވަހެއްގެ ހަވީރު ނުހާމެން ގެއިން ސައިބުއި ގަޑީގައި ޕާނުގައި ބަޓަރު ހާކައިގެން އޭނާ ކެއި ދުވަހަށްފަހު ބަޓަރު ދަޅެއް ފެނުނު ފުރަތަމަ ފަހަރެވެ. އެ ދަޅުވެސް އުލްޔާއަށް ވަރަށް ރީތިވި އެވެ. ކޮންމެ ކަމެއް އޭނާއަށް ގޮސް ގުޅުވާލެވެނީ ރަށުގެ ހަނދާންތަކާއެވެ. އެކަންވެސް އަދި މަޑުމަޑުން ހަމައަކަށް އެޅި އޭނާ މިހުރިހާ ކަމަކަށް އާދަވާނެއެވެ.
އުލްޔާމެން ސައިބޮއި ތަށިތައް ދޮވެ ނިމުމުން ރަޒީނައްތަ ދިޔައީ އޭނާ ގޮވައިގެން އެ ގޭގެ ދެވަނަ ބުރިއަށެވެ. ކާގެއިން އެރެން ހުރި ސިޑިއަކުންނެވެ. އެބައިގައި ހުރީ ކޮޓަރިތަކެވެ. މެރޫންކުލައިގެ ފަސްދޮރު ހުއްޓެވެ. އޭގެ ތެރެއިން ފުރަތަމައަށް ޖެހުނު ކޮޓަރީގެ ދޮރު ހުޅުވާލާފއި އެތެރެއަށް ވަންނަމުން 'މިއީ އުލްޔާގެ އަމިއްލަ ކޮޓަރި' ކަމަށް ރަޒީނައްތަ ބުނެލިއެވެ. އުލްޔާ ހުރީ ތަލިން ކުޅުހިކިފައެވެ. ހުރިހާ އެއްޗެއް ހުދުކުލައިން ހުރި އެކޮޓަރިއަކީ ހުވަފެނެއްގައިވެސް އޭނާއަށް ލިބިދާނެއޭ ހީކުރެވިފައި ނެތްހާ ރީތި އަރާމު ތަނެކެވެ. ސިންގަލް އެނދަކާއި، އަލަމާރިއަކާއި، ރީތިވާ މޭޒަކާއި، އެމޭޒުކައިރީ އިށީންނާނެ ތިރި ގޮނޑިއަކާއި، ލިޔާމޭޒަކާއި ގޮނޑިއެކެވެ. ދެމީހަކަށް އިށީނދެ ތިބެވޭ ވަރުގެ މަޑު އޮރެންޖްކުލައިގެ ސޯފާ ފެނުނީ ކޮޓަރި ތެރެއަށް ރަނގަޅަށް ބަލާލެވުމުންނެވެ. ހުދާއި އޮރެންޖްކުލައިގެ ކުޑަ ދެ ބާލީސް ވެސް އެ ސޯފާގައި އޮތުމުން އުލްޔާއަށް ސޯފާ ވަރަށް ރީތިވިއެވެ. ރަޒީނައްތަ ގޮސް ލިޔާ މޭޒުގެ ދިމާ ކުރިމަތީގައި ބޭރަށް ހުޅުވާލެވެން ހުރި ކުޑަދޮރު ހުޅުވާލުމުން ބޭރުން ފެންނަނީ އެގޭ ބަގީޗާގައި ހުރި ސައިމާ ގަސްތަކެވެ. ދެން ކުޑަދޮރު ލައްޕާލާފައި ފަންކާ ޖައްސާލަމުން 'އުލްޔާ ބޭނުމިއްޔާ މިގަޑީގައި ނިދާލަންވީ އިނގޭ' އޭ ބުނެފައި ރަޒީނައްތަ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލި އެވެ.
(ނުނިމޭ)




