ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 19
މ ޝ 18 ޖެނުއަރީ 2026 (އާދީއްތަ)   08:35
...ދެން ކުޑަދޮރު ލައްޕާލާފައި ފަންކާ ޖައްސާލަމުން 'އުލްޔާ ބޭނުމިއްޔާ މިގަޑީގައި ނިދާލަންވީ އިނގޭ' އޭ ބުނެފައި ރަޒީނައްތަ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލި އެވެ.

(ކުރީ ހަފްތާއާ ގުޅޭ)

ރަށުން ފުރީއްސުރެ އުލްޔާއަށް އެކަނިވެލަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އޭނާ ގޮސް އޮރެންޖް މާތަކެއް ޖަހާފައިވާ ހުދު ބެޑްޝީޓް އެޅި އެނދުގައި އިށީނެވެ. އުލްޔާއަށް ވަރުބަލިކަން އިހުސާސްކުރެވުނީ އެވަގުތު އެވެ. ފަތިހު ނަމާދުކޮށްގެން އެނބުރެމުން ސެނބުރެމުން އައިސް މާލެ އޭ މިކިޔާ ދިވެހިރާއްޖޭގެ ވެރިރަށުގައި އޭނާ ދިރިއުޅޭނެ ތަނުގައި ހަމަހިމޭންކަމުގައި އޭނާއަށް ދެން ނިދިދާނެ ތޯއްޗެކެވެ. ދުރުން މާދުރުން ކޮވެއްޔެއް ގޮވާ އަޑާއި، ފަންކާގެ ވައިއަޑު ފިޔަވައި އޭނާގެ ވަށާލާފައި އޮތީ ހިމޭންކަމެވެ. އަލަމާރި ކައިރީގައި ހުރި އޭނާގެ ފޮށި ފެނުމުން ތެދުވެ ގޮސް ފޮށި ހުޅުވިއެވެ. ގޭގައި ލާ އުޅުނު ފިޔާތޮށިކުލައިގެ މަޑުމަޑު އަރާމު މިޑީއެއް ނަގައިގެން އޭނާ ބޭނުންވީ ދަތުރުމަތީގައި ލައިގެން އުޅުނު ހެދުން ބަދަލުކޮށްލާށެވެ. ކޮޓަރިތެރެއަށް ވަށައިގެން ބަލާލެވުނު ހިނދު ފާހާނާގެ ދޮރު ފެނުނެވެ. ދޮރުގެ ބޭރުގައި ފާހާނާއަށް ވަންނަމުން ކިޔާ ދުއާވެސް ލިޔެފައި އޮތެވެ.

އަރާމު ކޮށްލަން ޖައްސާލުމުގެ ކުރިން އޭނާއަށް އެހިނދަށް ބޭނުންވާނެ ބައެއް ސާމާނު ފޮށިން ނަގައި ރީތިވާ މޭޒާއި ފާހާނާ އަދި އަލަމާރީގައި ބެހެއްޓިއެވެ. މޫނުދޮވެލާ ދަތް އުނގުޅާލުމަށްފަހު އަރާ އޮށޯވެ ލޯމަރާލާފައި ޝަހާދަތް ކިޔުނުކަން އެނގެއެވެ. ދެން އޭނާއަށް ދެވުނީ ނިދީގެ އަރާމު އާލަމަކަށެވެ.

އުލްޔާއަށް ހުރެވުނީ މާ ބަގީޗާއެއްގެ މެދުގައެވެ. ބަގީޗާއާ ދުރުން ފެންގަނޑެއް ފެންނަން އޮތެވެ. ހޫނު ދުވަހެއްގެ މެންދުރު ފަހުގެ ވަގުތެވެ. އެކި މަލުގައި ފިރުމަމުން އުދުހޭ ބަޅިނދާއި ކޮކާތަކަށް ބަލަމުން އެންމެ ރީތި މާތައް ބިންނަމުން ދިޔައީތީ މިހާރު އޭނާގެ އަތުގައި ރީތި އެކިކުލައިގެ މާތަކުގެ މާބޮނޑިއެއް އެބައޮތެވެ. އެންމެ ފަހުން މާތަކުތެރޭ އުޅެ އުޅެ އޭނާ ވަރުބަލިވެއްޖެއެވެ. ކަރުހިއްކައިގަނެއްޖެއެވެ. ދުރުން އެ ފެންނަ ފެންގަނޑުން ފެންފޮދެއް ބޯން އޭނާ ހިނގަން ފެށީ އެ ދިމާލަށެވެ. އެހެނަސް އެ ފެންގަނޑަކީ އަވާމެންދުރެކެވެ. އެތާކު ފެންގަނޑެއް ނެތެވެ. ހޫނު ދުވަހެއްގައި ފެނުނު އަވާމެންދުރެއްގެ އަވައިގައި ޖެހި ހިނގަމުންދިޔަ އުލްޔާއަށް ހުވަފެނުން ހޭލެވުނީ މެންދުރު ނަމާދުގެ ބަންގީގެ އަޑަށެވެ. މަޑުމަޑުން ދެލޯ ހުޅުވާލެވުނުއިރު ހަގީގަތުގައިވެސް އޭނާ އޮތީ ވަރަށް ބޮޑަށް ފެންބޮވައިގެންފައެވެ.

އެހެންޏާ މުޅި އުމުރުގައިވެސް، ބަލިވެ ގަދަ ހުމެއް ޖެހުނަސް އެއީ އޭނާ ނިދާ އުޅުނު ވަގުތެއް ނޫނެވެ. ތަނާ މާހައުލުގެ ބަދަލުވުމުން އޭނާ މުޅިން ބަދަލުކޮށްލީބާވައޭ ހިތަށް އެރިއެވެ. އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި އޭނާގެ ފެންފުޅި ހުއްޓެވެ. އަވަހަށް ތެދުވެ ހިންދެމިލާފައި ފެންފުޅިން ކޯވަރެއް ބޯލިއެވެ. ދެން އޭނާއަށް އެ ފެނުނު އާދަޔާ ޚިލާފު ހުވަފެނާމެދު ވިސްނާލެވުނެވެ. 'އަވާމެންދުރު' އެއީ އޭނާ ރަށުގައި އުޅުނުއިރު ފޮތަކުން ކިޔާލި ވާހަކައެއްގެ ނަމެވެ. ފޮނި ހުވަފެން ދެކެމުން އައި ޒުވާން އަންހެންކުއްޖަކަށް ދިމާވި ހިތްދަތި ގޮތެއްގެ މައްޗަށް މޮޅު ލިޔުންތެރިއަކު ލިޔެފައި އޮތް އެ ވާހަކަ، އޭނާއަށް ކިޔުނު އަދަދެއްވެސް ނޭނގެއެވެ. ހަމަ ލޮލުން އަދި އޭނާއަށް އަވާމެންދުރެއް ފެނިފައި ނެތެވެ. މިފަހަރު ހުވަފެނުން ހަމަ އެފެނުނީ ހަގީގީ އަވާމެންދުރެކެވެ. އޭނާ ހިތާ ހިތުން ދުއާކޮށްލީ އެވާހަކައިގައި ވާހެން އޭނާގެ ހަޔާތާމެދު ކަންތައް ނުވުމަށެވެ.

ކޮޓަރިން ނުކުމެ ތިރިއަށް ފައިބަން ހުރި ސިޑިން އޭނާ ފޭބީ ނަމާދު ކުރަން ގިބުލަ ހުރި ދިމާ އަހާލަން ރަޒީނައްތަ ނޫނީ އޭނާގެ ބައްޕަ ފެނޭތޯއެވެ. އޭރު ޓިޝޫއަކުން އަތް ފެހެމުން އުނދުން ކައިރީގައި ހުރެފައި ރަޒީނައްތަ އެދިމާލަށް އެނބުރި ހުރީ ހިނިތުންވެފައެވެ.

"އުލްޔާއަށް ނިދާލެވުނު ދޯ... ހިތަށް އެރިއޭ ބަންގީގެ އަޑަށް ހޭލެވޭނެޔޭ... ޝަހީދުއަލީ މިސްކިތުން ގޮވާ އަޑު ވަރަށް ސާފުކޮށް އިވޭނެ މިގެއަށް... ރަނގަޅު ކަމެއްދޯ އެވެސް... ދައްތަ މެންދުރަށް ކައްކާ މި ނިމުނީ... އުލްޔާ ތިއައީ ކަމަކުތަ؟" ރަޒީނައްތަ ހުރިހާ ވާހަކައެއް ދެއްކިއިރު އުލްޔާ މަޑުމަޑުން ހުރުމުން އެންމެ ފަހުން ރަޒީނައްތަ އެ ސުވާލު ކުރިއެވެ.

"އުލްޔާއަށް ގިބުލަ ހުރި ދިމާ ނޭނގިގެން" އުލްޔާ ބެލީ ވީހާވެސް ކުރުކޮށް ބުނެވޭތޯ އެވެ.

"ދައްތަ މިހިރަ ގޮތަށް ކުޑަކޮށް އަރިއަކަށް މުސައްލަ ބާއްވާ" ރަޒީނައްތަ ބުނެދިނެވެ. އޯގާތެރިކޮށެވެ. ރަޒީނައްތަ ހީލުމުން ކަނާތްފަރާތު ކޯތާފަތުގައި ހުރި ޑިމްޕަލް އުލްޔާއަށް ފާހަގަވީ އަލަށެވެ. އޭނަގެ މަންމައާއި ކުޑަ ކުޑަ ހުމާކޮއްކޮގެ ވެސް ހަމަ ކަނާތު ކޯތާފަތުގައި އެގޮތަށް ޑިމްޕަލް ހުރެއެވެ. މީ ކޮންކަހަލަ އިއްތިފާގެއް ބާވައޭ އުލްޔާ ހިތަށް އެރިއެވެ.

"ޝުކުރިއްޔާ ދައްތާ" ބުނެފައި އޭނާ އެނބުރި ސިޑިން މައްޗަށް އެރިއެވެ.

ކޮޓަރިއަށް ވަދެފައި ފާހާނާއިން ވުޟޫކޮށްލައި ނަމާދުން ނިމިގެން ދަންނަހާ އެންމެންގެ މައްޗަށް ހެޔޮ ދުއާ ކުރިއެވެ. ވަކިން ހާއްސަކޮށް އޭނާގެ ލޮބުވެތި މަންމަ، މާމަ، ކާފަ އަދި ދެ ކޮއްކޮގެ މައްޗަށެވެ. އެންމެން ހެޔޮ ހާލުގައި ތިއްބާ ދުށުން އެދިވެސް އުލްޔާއަށް ދުއާ ކުރެވުނެވެ. ނަމާދު ދޮޅި ބާލައި މުސައްލަ ތެރޭގައި ރީތިކޮށް ފަތްޖަހާފައި ބެހެއްޓުމަށްފަހު މުސައްލަ އޮޅާލާފައި އަލަމާރި ތެރޭގައި ބޭއްވިއެވެ. ގަޑިން ވީވަރު ބެލި އިރު އެކެއް ޖަހަން ވިހި މިނެޓެވެ. މާމައާއެކު ގޭ އެންމެނަށް ކާން ހަދާ ގަޑިއެވެ. ރަޒީނައްތައަށް އެހީވާން އޭނާ ދާންވީއެވެ.

ތިރިއަށް ފޭބިއިރު މިފަހަރު ބައްޕަ އާއި ރަޒީނައްތަ ތިބީ ކާން ހަދައިގެން މޭޒު ކައިރީ އިށީނދެ އުލްޔާގެ އިންތިޒާރުގައެވެ. ފިހުނު މަހުގެ މީރުވަސް މުޅި ބަދިގޭގައި ވަނީ ފެތުރިފައެވެ. ކުޅިކޮށް ކެއުމަށް ލޯބިކުރާ އޭނާގެ ބައްޕައަށް ހާއްސަކޮށްގެން ކަންނޭނގެއެވެ. މޭޒުމަތިން އުލްޔާއަށް އެންމެ ފާހަގަވީ ރަތްކުލައިގެ ބޮޑު މިރުހާއި ލުނބޯ، ފިޔާ އަދި ފިހުނު ލޮނުމެދު ތައްޓެވެ. ދެން އާވި އަރަމުންދިޔަ ބޮޑު ބޯތައްޓެއްގައި ގަރުދިޔަ ހުއްޓެވެ. ވަކިން ނަގާފައި ގަރުދިޔަމަސް، އަދި އެހެން ބޮޑު ދިގު ތައްޓެއްގައި ފިހުނުމަސް ހުރިއިރު ގަރުދިޔައާއެކު ކެއްކި މަހުގެ ދެ ބޯވެސް އިތުރު ދޮލަނގެއް ފާޑު ތައްޓެއްގައި ހުއްޓެވެ. ރަޒީނައްތަގެ ކިބައިގައި ރީތިކަމާއެކު އުޅުންތެރިކަން ހުރިވަރު އުލްޔާއަށް އެވަގުތުވެސް ފާހަގަކުރެވުނެވެ. ބައްޕައަށް މި އަންހެންމީހާ ކަމުދިޔައީ މިކަހަލަ ސިފަތައް ހުރެގެންކަން ނޭނގެއެވެ.

"ދަރިފުޅު އާދޭ އެންމެން އެކީ ކާން" ބައްޕަ އުލްޔާއަށް ބުނެލިއެވެ. އުލްޔާ ގޮސް ރަޒީނައްތަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނީ ސިންކު އިސްކުރުން އަތްދޮވެގެންނެވެ. އުލާ ސަމުސަލުން އޭނާއަކަށް ކާކަށް ނޭނގޭނެއެވެ. ކޮންމެ އެއްޗެއްވެސް އޭނާ ކާން ބޭނުންވަނީ އަތުންނެވެ.

(ނުނިމޭ)

ކޮމެންޓް