ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ - 20
މ ޝ 1 ފެބްރުއަރީ 2026 (އާދީއްތަ)   07:13
...އުލްޔާ ގޮސް ރަޒީނައްތަގެ ކައިރީގައި ހުރި ގޮނޑީގައި އިށީނީ ސިންކު އިސްކުރުން އަތްދޮވެގެންނެވެ. އުލާ ސަމުސަލުން އޭނާއަކަށް ކާކަށް ނޭނގޭނެއެވެ. ކޮންމެ އެއްޗެއްވެސް އޭނާ ކާން ބޭނުންވަނީ އަތުންނެވެ.

(ކުރީ ހަފްތާއާ ގުޅޭ)

ބައްޕަ އޭނާގެ ތައްޓަށް ބަތް އަޅާފައި ދިނުމުން އެހެން ސާމާނު އެޅީ އުލްޔާ އަމިއްލައަށެވެ. ބަނޑުހައިކަމުގެ އިހުސާސް އޭނާއަށް އެ ކުރެވުނީ އަދި ކިރިޔާ އެވެ. ތެލުލިފަތާއެކު ލުނބޯ ފެލައިގެން ބަތް މޮޑެގެން ކާން ފެށިއިރު އޭނާ ވަކިން ބޮޑަށް ރަށުގެ އޭނާގެ އާއިލާ ހަނދާންވާން ފެށިއެވެ. ކަރުގައި އަޅައިގަންނަ ގޮތްވެ، ހިންދިރުވާން އުނދަގޫވާން ފެށިއެވެ. 

އުލްޔާއަށް ވަމުން ދިޔަގޮތް ފެނި ރަޒީނައްތަ އޭނާއާއި ފެންތަށި ކައިރިކޮށްލަދިނެވެ. އުލްޔާ ކުޑަ ފެންކޯވަރެއް ބޯލާ ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭރު ބައްޕަ ހުރީ އުލްޔާއަށް ބަލާށެވެ. ބަސްމޮށުމެއް ބަސް ބުނުމެއް ނެތަސް ދެބަފައިންގެ ހިތާއި ސިކުނޑީގައި ހިނގަމުންދިޔައީ ކުޑަވަރެއްގެ ހައިޖާނެކެވެ. އުލްޔާގެ ލޮލުގައިވި ތެތްކަމާއެކު ބައްޕައާމެދު ހިތުގައިވި ޝަކުވާ ހަމަ ރަނގަޅަށްވެސް ބައްޕައާ ހަމައަށް ފޯރައިފިއެވެ. ލޯބިވާ ދަރިއެއްގެ ހިތުގެ ޝަކުވާއެވެ. އެތައްހާސް ކަމެއް ބަދަލުވެއްޖެކަމާއި އައިކޮޅަށް އެނބުރި ދެވެން ނެތްކަމުގެ ޝަކުވާއެވެ.

ރަޒީނައްތަ އެތާ އިނުމުން އުލްޔާ ދެން ބެލީ އަވަހަށް ކައިގެން ތަށިތައް ނެގުމާއި ހުރިހާ ކަމެއްގައި ދައްތައަށް އެހީތެރިވުމަށެވެ. ބޭކާރު ހިޔާލުތަކާ ދުރުވެގެން ނޫނީ ކުރިއަށް ހުރި ދުވަސްތަކުގައި އޭނާއަށް ދިރިއުޅެވޭނެ ގޮތެއް ނޯންނާނެއެވެ. މަންމަގެ ބަދަލުގައި އޭނާގެ ބެލެނިވެރިއަކަށްވެސް ދެން ވާނީ ރަޒީނައްތަ ތޯއްޗެކެވެ. ބައްޕަ ފުރުމަށްފަހު އެގޭގައި އިތުރު އިންސާނެއް ނޫޅެންޔާވެސް ރަޒީނައްތައާ އޭނާ ގުޅިގެން އުޅެން މަޖުބޫރުވާނެއެވެ. ބައްޕަގެ ބަސްއަހާ ކިޔަމަންތެރި އުލްޔާއަށް ހެޔޮގޮތްވުން އެދިގެން ބައްޕަވެސް އެހެރީ އޭނާ މޮޅުކުއްޖަކަށް ހަދަން މާލެ ގެނެސްފައިވިއްޔާއެވެ.

ކައި ނިމިގެން ބައްޕަ ސިޑިން އަރައިގެން މައްޗަށް ދަމުން ބުނެލީ ކުޑަކޮށް އޮށޯވެލަން ދަނީ ކަމުގައެވެ. ރަޒީނައްތަ ބުނީ އުލްޔާ ބޭނުމިއްޔާ ފޮތްހަރުން ބޭނުން ފޮތެއް ކިޔަން ކޮޓަރިއަށް ގެންދިއުމަށެވެ. ފޫހިވާ ވަގުތު ފޮތްކިޔުމަކީ ހުރިހާ ގޮތަކުންވެސް ފައިދާ ކުރަނިވި ކަމެއް ކަމަށްވެސް ބުނެލިއެވެ. ރަޒީނައްތަގެ ބަހަށް ބޯޖަހާލުމަށްފަހު އުލްޔާ ގޮސް ފޮތްހަރުގައި ހުރި ދިވެހި ވާހަކަފޮތްތަކަށް ބަލަން ފެށިއެވެ. އެތަނުން އޭނާގެ ލޮލުގައި އަޅައިގަތީ 'ފޮނިކަރުނަ' އެވެ. ރޭޑިއޯއިން އަންނަ ހަފުތާގެ ވާހަކައިން އެއްރޭ އެ ވާހަކައިގެ ކުރު ބައެއް އޭނާއަށް ވަނީ އަޑުއިވިފައެވެ. މަންމަ ބުނެފައިވާ ގޮތުން އެއީ ވަރަށް އަސަރުގަދަ ވާހަކައެވެ.

ފޮތް ހިފައިގެން ސިޑިން އަރަން ދަނިކޮށް ރަޒީނައްތަ އުލްޔާއަށް ގޮވާލިއެވެ.

'ހިނގާ ހަވީރު އަސުރުކޮށްގެން ފިނިޖެހުނީމަ ހިނގާލަން ދާން... އުލްޔާއަށް ބޭނުންވާ އެއްޗިހިވެސް ގަނެލަންވާނެ ދޯ' ރަޒީނައްތަ އެހެން ބުނެލީ ހިނިތުންވެލާފައެވެ.

'އާނ ރަނގަޅުވާނެ.. އުލްޔާ ފެންވަރައިގެން އަސުރުކޮށްގެން އަންނާނަން އިނގޭ ތިރިއަށް' .. އެހިސާބަށް ބުނެވުމާއެކު މާ ގިނަ ވާހަކަ ދެކެވިއްޖެކަމަށް އުލްޔާގެ ޒަމީރު ވިސްނައިދީގެން އޭނާ ހުއްޓާލިއެވެ. އެއީ އަދި އެހާތަނަށް އޭނާ މާލެ އައި ފަހުން ތަންކޮޅެއް ދިގުކޮށް އެންމެ ޖުމްލައެއްވެސް ބުނެލެވުނު ފުރަތަމަ ފަހަރެވެ. ރަޒީނައްތަ އިތުރު ވާހަކައެއް ނުފަށަނީސް އޭނާ މަޑުމަޑުން ސިޑިން އަރައިގެންގޮސް ކޮޓަރިއަށް ވަނީއެވެ.

އޭރު އޭނާގެ ކޮޓަރީގެ ފާރުގައި ހުރި އޮރެންޖް ކުލައިގެ ބޮޑު ގަޑިން މެންދުރު 1:20 ވެއްޖެއެވެ. ފަންކާ ޖައްސާލުމަށްފަހު ލިޔާ މޭޒުމަތީގައި ވާހަކަފޮތް ބާއްވާލިއެވެ. ފޮތް ކިޔަން ފެށުމުގެ ކުރިން ފޮށީގައި ހުރި އަންނައުނާއި އޭނާގެ ކިޔެވުމާ ގުޅުންހުރި އެއްޗިހި އެކި ތަންތަނަށް ލާން ނިންމި އެވެ. ފޮތްކިޔަން ފަށައިފިއްޔާ އެކަންކަން ނުކުރެވިފައި ހުރެދާނެތީއެވެ. މާމަ ވަރަށް ގިނައިން ބުނާ، އުލްޔާއަށް ވަރަށް ކަމުދާ ޖުމްލައެއް ހަމަ އެވަގުތު ހަނދާންވިއެވެ. 'ފަހަށް ބަހައްޓާ ކަންކަން ވާނީ ހިރަފުހަށެވެ.' އެއީ ހަމަ އަސްލުވެސް ކަންތައްތައް ފަހުން ކުރަން ބެހެއްޓީމަ ވާނެގޮތެވެ. އެކަމެއްނުވެ ހުރެ ހަނދާންނެތި އެ ހިރަފުހަށްވެ ދަނީއެވެ.

ފޮށިން އަންނައުނުތައް ނަގާ ކޮނޑުގައި އަޅުވަމުން، ފަތްޖަހާފައި ބަހައްޓަން ބޭނުންވާ ސާމާނުތައް ވަތްގަނޑުތަކުގައި ރީތިކޮށް ބަހައްޓަމުން، ސްކޫލްގެ ކިޔެވުމަށް ބޭނުންކުރާނެ ފޮތްދަބަހާއި އޭނާގެ ޑައިރީވެސް ވަތްގަނޑަކަށްލިއެވެ. އެ މަސައްކަތުގައި އުޅެމުންދިޔައިރު އުލްޔާއަށް ހުރެވުނީ ލަވައެއް އަޅުވާލައިގެންނެވެ. އެއީ އޭނާގެ މަންމަ ގެންގުޅޭ ހިންދީ ލަވަ ރޯލުތަކުގެ ތެރެއިން މަންމައަށް ރީތިވެގެން ގިނައިން ޖަހާއުޅޭ ވަރަށް ރީތި ލަވައެކެވެ.

'ޖޯ މުސްކުރާހަތް މުޖޭ ދޭރަހީ ހޯ...' އެ ލަވައެވެ. މަންމައާއި އޭނާ އެއްދުވަހަކު މަޖާކަމެއް ކޮށްލަން ވެގެން އެ ލަވަ ރޭޑިއޯއިން އަހަމުން ލިޔުނީއެވެ. ލަވައިގައި ހިންދީބަހުން ކިޔާ ހުރިހާ އެއްޗެއް މަންމައަށް އެނގެއެވެ. އެހެންކަމުން ލަވަ ހުއްޓަމުން، ޖައްސަމުން މަންމައާއި އުލްޔާ އެ ލަވަ ލިޔެ ނިންމާލާފައި ދެމައިން އެކީގައި އެދުވަހު އެލަވަ ކިޔާ އުޅުނު އުފާވެރިގޮތް ހަނދާންވެފައި އުލްޔާ ހުރީ ހެވިފައެވެ. އޭގެފަހުގައިވެސް ކޮއްކޮމެން އެކިކަންކަމުގައި އުޅޭ ވަގުތު މަންމައާއެކު އެލަވަ ކިޔާތީ އުލްޔާއަށް އެލަވަ އެއްކޮށް ހިތުދަހެވެ. އުލްޔާ ހުރިހާ މަސައްކަތެއް ކޮށް ނިމިގެން އަލަމާރި ލައްޕާލާފައި އެނބުރިލިއިރު ދޮރު ހުޅުވާލައިގެން ހެވިފައި ހުރީ އޭނާގެ ބައްޕައެވެ.

(ނުނިމޭ)

ކޮމެންޓް