ރައީސް ޑރ.މުއިއްޒު އާއި ކުރީގެ ރައީސް ޑރ.ވަހީދު.-- ފޮޓޯ: ރައީސް އޮފީސް
ސްޕެޝަލް އެންވޯއިގެ މަގާމުން ޑރ.ވަހީދު އިސްތިއުފާ ދެއްވައިފި
ފިޔެސް 3 ފެބްރުއަރީ 2026 (އަންގާރަ)   15:17
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ދެންމެ ބުނެފައިވަނީ ޑރ.ވަހީދު އިސްތިއުފާ ދެއްވާ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވާފައި ވާކަމަށެވެ. 

ޑރ.ވަހީދު ދައުލަތުގެ އިސްމަގާމުން އިސްތިއުފާ އެ ދެއްވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު، ގާތް ގުޅުމެއް ބޭއްވިކަން ކަށަވަރުވެ، އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށެވެ. 

ޑރ.ވަހީދު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާ ގުޅޭ އެތައް ކަމެއް އެޕްސްޓީންއާ ހިއްސާކޮށް، އޭނާގެ ލަފާ ހޯއްދަވާފައިވާކަން ވަނީ ފަޅާއަރާފައެވެ. އަދި އެޕްސްޓީންގެ އަތުން ބައެއް ކަންކަމަށް ފަންޑު ހޯދުމަށް ވެސް ވަހީދު މަސައްކަތް ކުރެއްވި އެވެ.

ޑރ.ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެޕްސްޓީންއާއެކު ބޭއްވެވީ ރަސްމީ ގުޅުމެއް ކަމަށެވެ.

ކޮމެންޓް