ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު އަދި ޖެފްރީ އެފްސްޓީން.--
ބަގާވާތްކޮށް ވެރިކަމާ ހަވާލުވެފައި ދިޔައީ އެޕްސްޓީން ކައިރިއަށް!
މުޙައްމަދު އަބްދުالله ޝަފީޤް 16 ނޮވެމްބަރ 2025 (އާދީއްތަ)   08:45
ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން، ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ބަގާވާތަކުން ވައްޓާލުމުގެ އަޑީގައި ހުންނެވި އެއް ބޭފުޅަކީ އެ ސަރުކާރުގެ ނައިބްރައީސް ޑރ.މުޙައްމަދު ވަހީދު ހަސަންމަނިކެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރި މުޒާހަރާތަކުގައި ބޭނުންކުރި އާންމު ޖުމްލަތަކުގެ ތެރޭގައި "ދީނަށްޓަކާ" "ގައުމަށްޓަކާ" ހިމެނެއެވެ. އެކަމަކު ވެރިކަން ވައްޓާލައި ހިނގާދިޔަ އެތައް ކަމަކުން އެނގެނީ އެކަން އެގޮތަށް ކުރުމަށްފަހުގައި ދީނަށްޓަކާ ނުވަތަ ގައުމަށްޓަކާ އަކީ ނަމަކަށް ބޭނުންކުރި ބަސްތަކެއް ކަމެވެ.

ފުލުހުންނާއި ސިފައިން ކައްކުވައިގެން ދައުލަތުގެ އިދާރާތަކަށާއި މުދަލަށް ގެއްލުންދީ، އެތައް ބަޔަކަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިނުމުން 2012 ފެބްރުއަރީ 7 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއެކު، ވެރިކަމުގެ ހުވާ ކުރެއްވީ ސަރުކާރާ ދެކޮޅަށް އޭރު ހިންގި ހަރަކާތްތަކަށް ހިއްވަރު ދެއްވި ނައިބްރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކެވެ.

އެ ވެރިކަމާއެކު އިއާދަވެގެން ދިޔަ އަނިޔާވެރިކަމާއި ލޭއޮހޮރުވުންތަކާއި ވެރިކަމުގެ ނިޒާމު އޮޅުން ބޮޅުން ކޮއްލައި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް އޮޅާލިގޮތް އެއީ މި ޖީލުގެ ދިވެހީން ދުށްތަނެވެ.

އެ ދުވަސްތައް މާޒީވެގެން ދިޔަ ނަމަވެސް، ތޭރަވަރަކަށް އަހަރު ފާއިތުވި ނަމަވެސް، މިއަދުވެސް އުޅެންޖެހެނީ ބަގާވާތުން އަރައި ނުގަނެވިގެންނެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައި އާންމުވެފައި އޮތް ކޮރަޕްޝަނާއި ފަސާދައާއި ހަމައާއި ލަމަ ގެއްލިގެންދިޔައީ އެދުވަސްވަރުގެ ހާދިސާތަކަށްފަހު އެވެ. އޭރުން ފެށިގެން ހިނގާފައިވާ ބައެއް ހާދިސާތަކުން އެނގި ހާމަވަނީ ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ބަގާވާތުގެ ބައިވެރިންނަށް އެތައް މަންފާތަކެއް ހޯދައިދީފައިވާ ކަމެވެ.

ރައީސް ކަމުގެ މަގާމަކީ ޑރ.ވަހީދުގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. ވެރިކަން ލިބިވަޑައިގެންނެވުމާއެކު، ވަހީދު އަމަލުކުރެއްވި ގޮތްތަކާއި، ކުރެއްވި ދަތުރުތަކުން ހާމަވެފައިވަނީ ދެއްކެވި ވާހަކަ ތަކަކީ، ރައްޔިތުންގެ ތާއީދަށް އަދައި ހެއްދެވި ބުހުތާނުތަކެއް ކަމެވެ. "ދީނާއި ގައުމަށްޓަކާ" އޭ ވިދާޅުވީ "އަމިއްލަ ނަފުސަށްޓަކާ" ކަމެވެ.

މިހާރު އާންމުވެފައިވާ ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ޑރ.ވަހީދު ފުރަތަމަ ފަހަރަށް އދ.ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ދަތުރުގައި ޖެފްރީ އެޕްސްޓީން އާ ބައްދަލުކުރެއްވި އެވެ. އެއީ 2012 ސެޕްޓެމްބަރު ގައެވެ.

ޖެފްރީ އެޕްސްޓީން އަކީ އޭރުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ކަމުގެ ކުށް ސާބިތުވެފައި ހުރި މީހެކެވެ. އޭނާއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. 2008 ޖޫން ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެހެންކަމުން ޑރ.ވަހީދު އެޕްސްޓީން އާ ބައްދަލުވުން ބާއްވަވައި އޭނާއާ ގާތް ގުޅުން ބޭއްވެވީ އޭނާއަކީ ކާކުކަން ރަނގަޅަށް އެނގިވަޑައިގެން ހުންނަވާކަން ގަބޫލުކުރެވެ އެވެ.

އާންމުވެފައިވާ އީމެއިލްތަކުން އެނގޭގޮތުގައި ޑރ.ވަހީދު އާއި އެޕްސްޓީން އާ ދެމެދު ގާތް ގުޅުމެއް އޮތެވެ. 2013 ވަނަ އަހަރު ވަހީދު، އެޕްސްޓީން އަށް ފޮނުއްވި މެއިލްއެއްގައި "ތިޔައީ އަޅުގަނޑު ސަލާމަތްކޮށްދޭ މީހާ" ގެ ގޮތުގައި ވިދާޅުވެފައި އެވަނީ ހަމަޔަގީނުންވެސް ދީނާއި ގައުމަށްޓަކައެއް ނޫނެވެ.

"ދީނާއި ގައުމަށްޓަކާ" ބަގާވާތް ކޮށް ވެރިކަން ވައްޓާލައި މިފަދަ އެތައް މުޑުދާރު އަމަލުތަކެއް ބަގާވާތުގެ ވެރިން ހިންގިއެވެ. ފާޅުގައި ހިންގި ކަންކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި މުއައްސަސާތަކުގެ އަގު ވައްޓާލިއެވެ. ސިއްރިއްޔާތުގައި ހިންގާފައިވާ މިފަދަ މުއާމަލާތްތައް ހާމަވުމުން ބަގާވާތުގެ އަސްލު މަގުސަދު ސާފުވެއެވެ. ދީން ހިމާޔަތްކުރުމުގެ ނަމުގައި މެދުއިރުމަތީގެ އަމީރުންގެ އަތުން އަތަށް ހޯއްދެވި އެތައް މިލިޔަން ޑޮލަރުގެ ވާހަކަތައްވެސް ހުރީއެވެ.

ހަޑިމުޑުދާރު އެތައް އަމަލުތަކެއް ހިންގި ކަމަށް މުޅި ދުނިޔެއަށް މަޝްހޫރު އެޕްސްޓީންއާ އެކު ޑރ.ވަހީދު ބޭއްވެވި ގުޅުމުގެ ވާހަކަ އަކީ ވަރަށް ބޮޑު ވާހަކައެކެވެ. ހަނު ހުންނެވިނަމަވެސް ދިފާއުގައި ވާހަކަ ދެއްކެވި ނަމަވެސް އެވާހަކަ ދިވެހީން ދައްކާނެއެވެ. ބަގާވާތުގެ ވާހަކަ ދައްކާގޮތަށެވެ. އެކަމުން މަންފާވި މީހުންވެސް އެކަން އެދުވަހު އެކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު ގަބޫލުކުރާ ގޮތަށެވެ.

ކޮމެންޓް