
ވިޔަފާރި ބަނދަރުތައް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ ކުންފުނި، އެމްޕީއެލްއިން ލޮޖިސްޓިސްކްސް އަށް ހާއްސަ ކުންފުނި ލޯންޗުކޮށްފައި ވަނީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ.
އެ ކުންފުނީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އެއަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި ލޮޖިސްޓިކްސްގެ ހިދުމަތެއް ހަރުދަނާ ކަމާއެކު ދެވޭނެ ގޮތްތަކެއް ރާވަން ޖެހޭކަމަށާ، އެމްޕީއެލްއިން މި ފެށި ހިދުމަތާއެކު ވިޔަފާރިތަކަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި މި ހިދުމަތުގެ ސަބަބުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ހަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދޭނެ އެވެ.
މިއީ ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް "އެންކަރ" ހިންގަން 2025 ވަނަ އަހަރުގެ ޑިސެމްބަރުގައި ހަވާލުކުރި މަސައްކަތުގެ ދަށުން، ކުރިން އެ ކުންފުނިން ފޯރުކޮށްދެމުން ދިޔަ ލޮޖިސްޓިކްސް ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ކަނޑައަޅައިގެން އުފެއްދި ކުންފުންޏެއް ކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
ލޮޖިސްޓިކްސް ކުންފުނިން އަލަށް ތައާރަފުކުރާ ހިދުމަތަކީ، އެމްޕީއެލްއިން ބުނި ގޮތުގައި، ކޮމާޝަލް ވެއާހައުސިން އެވެ. ތިލަފުށީގައި ހުންނަ ގުދަންތަކެއްގައި ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ބަހައްޓައިދޭ މި ހިދުމަތަކީ، ހަ މަސް ކުރިން ފެށި "ޕްރޮޖެކްޓް ކާގޯ ހޭންޑްލިން" ކާމިޔާބީއަށް ބިނާކޮށް ދާއިމީކުރި ހިދުމަތެއް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އޭގެ އިތުރުން ލޮޖިސްޓިކްސް ސާވިސްގެ ތެރެއިން ބޭރުން އަންނަ އުޅަނދުފަހަރަށް ފޯރުކޮށްދޭ، "ސްޓީވަޑޯރިން" ހިދުމަތާއި ބޮންޑަޑް ވެއާހައުސް އަދި ސީ-ޓު-އެއާ ކާގޯގެ ހިދުމަތްތައް ވެސް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ލޮޖިސްޓިކްސް ކުންފުންޏެއް އުފެއްދިއިރު، މި ދާއިރާގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ވިޔަފާރިތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޕީއެލްއިން ލޮޖިސްޓިކްސް ހިދުމަތް ފެށިކަން ފާހަގަ ކުރައްވައި އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، "ލޮޖިސްޓިކްސް ވިޔަފާރިއަކީ ރާއްޖޭގެ އަމިއްލަ ކުންފުނިތައް ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމެއް. އެތައް އަމިއްލަ ކުންފުނިތަކެއް ހަރަކާތްތެރިވާ ސިނާއަތެއް. މި އަމިއްލަ ވިޔަފާރިތަކުގެ ވެސް ދުވަސް ދިޔައީ!" ކަމަށެވެ.




