
އުލްޔާއަށް ލިބުނު ސިހުމުގައި 'ބައްޕަ މިތަނަށް އައީ ކޮންއިރަކު' ހޭ އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
'ދަރިފުޅު ލަވަކިޔާ އަޑު އިވިގެން ދޮރު ހުޅުވާލިތާ އިރުކޮޅެއް ވެއްޖެ... ބައްޕައަށްވެސް ތި ލަވަ ވަރަށް ރީތި. މަންމައާއެކީ އެފިލްމްވެސް ބެލީމޭ.. ދެން ބައްޕަ މިދަނީ ކުޑަކޮށް އޮށޯވެލަން ' ބައްޕަ އެހެން ބުނިއިރުވެސް ހުރީ ވަރަށް ހިނިއައިސްފައެވެ.
އުލްޔާވެސް ބައްޕަ ބުނި ބަހަށް ބޯޖަހާލީ އެލަވަ ހިމެނޭ ފިލްމު ބަލަން މަންމައާއި ބައްޕަ އޮލިމްޕަހުގެ ސިނަމާއަށް ދިޔަ ރޭ ކަންތައްވިގޮތް މަންމަ ކިޔާދީފަ އޮތްގޮތްވެސް އޭނަ ހަނދާން ހުރީމައެވެ. މަންމަ ބުނި ގޮތުން އެރޭ ފިލްމު ބަލަން އިށީން ގޮތަށް ބައްޕަ ހުރީ ފިލްމަށް ގެއްލި ނިމިފައެވެ. އިންޓަވަލް ގަޑިއަށް ފިލްމް މެދުކަނޑާލި ވަގުތު 'ކޮބާ ސަމީ ދަޅެއް ބޯލަން ދަމާ' ހޭ އަހާލިއިރަށް މަންމަ ތެދުވެ އެތަނުން ނުކުމެގެން ދާން ހިފާލީ ތުންދަމާފައި ހުރެ ޔޯލައެވެ. ރުޅިގަދަވެފަ މަންމަ ހުރީ ކީއްވެކަން އެނގުމުން ބައްޕަ ހޭންފެށީމަ މަންމަ ބުނިކަމަށްވަނީ 'މިހިސާބުން ދެން ދެމީހުން އެކީގަ ފިލްމް ބަލަން އައުން ނިމުނީ. އަނގައިން ނުބުނެ ފިލްމަށް ގެއްލިފަ ހުރެ ފިލްމު ބަލާ މީހެއްވިއްޔަ.' އެހެންނޯލައެވެ.
ދެމީހުން އެކަމާ ސުލްހަވެފަ އެފަހުންވެސް މާލެ އަންނަ ފަހަރުތަކުގައި އަޅުވާ ކޮންމެ ފިލްމަކަށް ދާ ވާހަކަ މަންމަ ބުނެއެވެ.
އެހާ ލޯބިން އެކީ އުޅުނު އޭނާގެ މައިންބަފައިން މިއަދު އެ އުޅެނީ މުޅިން އާގޮތަކަށެވެ. ދެމަފިރިން ވަރިނުވެ އެތިބީ 3 ދަރިން ތިބީމަ ހެއްޔޭ އުލްޔާ ހިތާހިތާ ސުވާލުކޮށްލި އެވެ. އަނެއްކާވެސް ޖަވާބު ނުލިބޭ ހުސް ސުވާލެކެވެ.
ފޮށީގައި ހުރި ހުރިހާ ސާމާނެއް އެއްކޮށް ނަގާ ހުސްކޮށްލާފައި އުލްޔާ ގޮސް ވާހަކަ ފޮތް ނެގިއެވެ. ލިޔާމޭޒު ކައިރީގައި ހުރި އަރާމު ގޮނޑީގައި އިށީނދެ ފޮތުގެ ބޭރުގަނޑުވެސް ދިރާސާކޮށްލިއެވެ. ކަޅާއިހުދުން ބޮޑުކޮށް ތާނައިން 'ފޮނިކަރުނަ' ޖަހާފައިވާ އެފޮތުގެ ބޭރު ބަނޑޭރިގަނޑަކީ އިހުގެ ފޮތެއް ކަމުން ހަލާކުވެގެން އަލުން ރަޒީނައްތަ ލާފައިވާ ގަނޑެކޭ ހީވިއެވެ. އެތެރެ ހުޅުވާލާފައި ވާހަކަ ކިޔަމުންގޮސް ދެތިން ސަފުހާ ކިޔާލާފައި ފޮތްބޭއްވިއެވެ. ގަޑި ބަލާލިއިރު 2:30 ވަނީއެވެ. އަސުރުކޮށްގެން ރަޒީނައްތައާ އެކީ ބޭރަށް ދާން އޭނާވެސް ބޭނުމެވެ. ގެއަށް ވަތް ގޮތަށް ނުނުކުމެ ހުރުމަކީ ފޫހި ކަމެކެވެ. ރަށުގައި ނަމަ ހެނދުނުއްސުރެ މެންދުރުވާންދެން އޭނާ ގޭގައި އެހެން ހުރުމަކީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫނެވެ. ދުވެފައި ގޮސް މަގުމަތީގެ ދެކޮޅު ބަލަ ބަލާ ހުރުމީވެސް އޭނާ ނުލާހިކު ކުރާ ހިތްވާ ކަމެއްވިއްޔާއެވެ. އެހެނަސް މާލެ އައުމުން އެގޮތަކަށް އުޅެވޭކަށް ނޯންނާނެއެވެ.
އުލްޔާ ފެންވަރައިގެން ނުކުމެ ރީތިވެލިއެވެ. ކޮނޑުގައި އަޅުވާފައި ހުރި ހެދުންތަކުގެ ތެރެއިން އިސްތިރި ނުކޮށްލެވޭ ފާޑު ފޮއްޗަކުން އޭނާގެ މަންމަ ފަހާދީފައިވާ ފެހިކުލައިގެ ރީތި ހެދުމެއް ލިއެވެ. ހެދުމުގެ ކަނާތްފަރާތު ކޮނޑުމަތީގައި ހުންނަނީ މަންމަ ހުދާއި ރީނދޫކުލައިގެ ރިބަނުން ހަދާފައިވާ ބޮޑު މަލެކެވެ. އަތްތެރި ކަވި މަސައްކަތް ކުރުމުން މަންމަ އެއީ އެއްވަނައެވެ. ފެހުމާއި މާޖެހުމާއި، ހެދުންތައް އަމިއްލައަށް ޑިޒައިންކޮށްލާފައި އަގަށް ފަހާދިނުމަކީ މަންމަ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެވެ. ދިވެހި މަސައްކަތްތެރިންގެ މައުރަޒަށް ކޮންމެ އަހަރަކު މަންމަ ތައްޔާރުކުރާ އެއްޗިހި ރީތިކަމުން އެހުރިހާ އެއްޗެއް ނުވިކިގެން އެނބުރި ރަށަށް އާދެތޯ ސިއްރު ސިއްރުން ކުޑައިރުވެސް އުލްޔާ ދުއާ ކުރެއެވެ. އަދި މަންމަ ކައިރީގައި މިވެނި ބާލީހު އުރައެއް ނުވިކުނިއްޔާ އޭތި އުލްޔާއަށް ދޭށޭ ބުނި ހަނދާންވެސް އޭނާ ހުރެއެވެ.
އެބާލީސް އުރަ ސެޓްގައި މަންމަ ބޭނުންވީ ބަގީޗާއެއްގެ ތެރޭގައި ވިނަ ކާން އިން ސާފު ހުދުކުލައިގެ ލޯބި ލޯބި މުސަޅެއް ކުރަހާށެވެ. މަންމަ ފަންސުރުން އެކުރެހުން ކުރެހީވެސް ބުރާސްފަތި ދުވަހެއްގައި އުލްޔާ ކައިރީގައި ހުއްޓައެވެ. އެކަހަލަ ވަގުތުތަކުގައި މަންމައަށް އަތްގާތްކޮށްދޭން އުލްޔާ ހުންނަނީ ތައްޔާރަށެވެ. އެދުވަހު އެކުރެހުން ނިމުނުއިރު ރީތިކަމުން ހަމަ ހަގީގަތުގައިވެސް އުލްޔާގެ ދެމިޔަކަނުން ހުރީ ސޮނިފައިބާފައެވެ. އެކަމާ މަންމަ ހީހީ ދެލޮލުން ފެން އައިސްފައި ހުރި މަންޒަރު އުލްޔާގެ ހަނދާނުން ނުފިލާވެއެވެ. އެމަސައްކަތް އެދުވަހު ނިންމާލެވުނީ ޔުސްކޮއްކޮ އައިސްތު ދައްތަ މެންގޭގައި ހުރީތީއެވެ. އެކަހަލަ ބޮޑު ކަމެއް ކުރާ ވަގުތު ގޭގައި ޔުސްކޮއްކޮ ހުރެއްޖެނަމަ ކޮންމެވެސް މޮޅު ކަމެއް ހިންގާލާނެކަން މަންމަމެންނަށް އެނގޭތީ ކުރީ ބައިގައި ކޮއްކޮ އެގެއަށް ފޮނުވާލީ ޖަންނަ ހެނދުނު އައިމައެވެ. އެގޭގެ ވަލު ތެރެއަށް ވަދެ އުޅޭ އަސްދޫނިތަކުގެ ތެރެއިން އަލަށް ވިހައިގެން ނުކުތް އަސްދޫނިތައް ދެކެން ދާން ބުނިއިރަށް އިތުރު އެންމެ މިނިޓަކަށްވެސް ޔުސްކޮއްކޮއަށް ކެތްނުވެގެން ޖަންނަ ދަމަމުން ގޭ އެންމެނަށް 'ބާއި' ގޮވަމުން ދިޔައީއެވެ.
މަންމަގެ ފެހުމުގެ މަސައްކަތުގައި އުޅޭއިރު ހެދުން ކަނޑާފައި ބާކީވާ ރީތި ފޮތިކޮޅުތައް އުލްޔާއަށް ލިބެއެވެ. އެފޮތިކޮޅުތައް ބޮޑު ފޮށިގަނޑަކަށް މަންމަ އަޅާފައި ހުންނައިރު އުލްޔާ އަތުން ފަހާ ތިނޯހަކުން އެކި ސައިޒުގެ ފޮތިކޮޅުތައް ނަގައިގެން އެ ގުޅުވާލައިގެން ކުދި ކުދި ހެދުން ފަހާލައެވެ. ނިމިގެން ދެއްކުމުން މަންމައަށް އޭނާގެ ހުނަރު ފެނި ވަރަށް އުފާކޮށް ހިތްވަރު ދެއެވެ. 'އިރާދަކުރެއްވިއްޔާ މަގޭ އުލްޔާ ބޮޑުވެގެން މަންމައަށްވުރެ މޮޅަށް ފަހާނެ' އޭ ބުނެ ބުރަކަށީގައި ފިރުމާލާ ބައްދާލާނެއެވެ.
އުލްޔާ އިސްތަށިގަނޑުގައި ފުނާއަޅަމުން ރީތި ހަނދާންތައް އާކުރަމުން ދަނިކޮށް އަސުރަށް ގޮވާ އަޑުއިވުމުން އަވަހަށް މުސައްލަ ނަގައިގެން ނަމާދުކުރިއެވެ. މައިންބަފައިންނާއި އާއިލާއަދި ލޯބިވާ އެކުވެރިންނަށް ހެޔޮ ދުއާކޮށް ނިމުނިއިރަށް މަޑުމަޑުން އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ރަޒީނައްތަ ތައްޔާރުވެގެން އައީއޭ ހިތަށް އެރުމުން ދޮޅި ނުބާލާ ހުރެ އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. އެކަމަކު އުލްޔާ ސިއްސުވާލީ އަދި އެހާތަނަށް ދެކެފައިނުވާ މޫނެކެވެ. ހިނިތުންވެގެން އެހެރީ އޭނާއާ ދާދި އެއް އުމުރެއްގެ ފިރިހެން ކުއްޖެކެވެ.
(ނުނިމޭ)




