
'ރަޒީނައްތަ ބުނީ ތިކުއްޖާ ގޮވައިގެން ތިރިއަށް އަންނާށޭ' ވަރަށް ހަމަޖެހިލާފައި އެ ފިރިހެންކުއްޖާ އެހެން ބުނެލާފައި ދޮރުމަތީ މަޑުކޮށްގެން ހުރީއެވެ. އޭނާގެ މޫނު މައްޗަށް ދޮރު ޖަހަން ނޫޅެ އުލްޔާ ބެލީ އަވަހަށް ދޮޅިއާއި އިސްޓާކީނު ބާލައި ފަތްޖެހުމަށްފަހު މުސައްލަ ތެރެއަށްލެވޭތޯއެވެ. ދެން ލޯގަނޑުން ބަލާލާފައި އަތުން އޭނާގެ ބުޅި އިސްތަށިގަނޑު ރީތިކޮށްލާފައި ރިހިކުލައިގެ ދަތްޗެއް ޖަހާލީ ކަނާތު އަރިމަތީގައެވެ. ލޯގަނޑުން ދޮރާ ދިމާލަށް ބަލާލެވުނުއިރު އެއްކަލަ ސޮރު އޭނާއަށް ބަލަން ހެވިފައި ހުރިތަން ފެނުމުން އުލްޔާ ކުޑަކޮށް ރުޅިގަދަވެއްޖެއެވެ.
ވަގުތުން މާޗްކޮށްފައިގޮސް އޭނާގެ މޫނު މައްޗަށް ދޮރު ޖަހަން އަނެއްކާ ހިތަށްއަރާފައިވެސް ފުންކޮށް ނޭވާއެއްލާފައި ރުޅި މައިތިރިކޮށްލައިފިއެވެ. އަދި އޭނާގެ އެނދުމަތީގައި އޮތް ކުޑަ ސައިޑްބޭގް ނަގައިގެން ކޮނޑުގައި އަޅުވާލާފައި ފައިވާން ހަރުން ހުދުކުލައިގެ ފައިވާނެއް އަތަށް ނަގައިގެން ގޮސް ކޮޓަރީގެ ފަންކާ ނިއްވާލައިފިއެވެ. ދެން ދޮރުން ނުކުންނަން ހިނގައިގަތީ އިސްޖަހާލައިގެން ހުރެއެވެ. އެވަގުތު ސަލާމަށް އަތްދިއްކޮށްގެން އެފިރިހެން ކުއްޖާ އެބަހުރިކަން އޭނާއަށް ރޭކާލުމުން އެއްވެސް ޖެހިލުމެއް ނެތި އެއަތުގައި ހިފިއެވެ. ' މީ ސަލްމާން.. މަންމައާ ތިއްތަމެން ލޯބިން ކިޔަނީ މާން... ތީ އުލްޔާ ދޯ... އުފާވެއްޖެ މަށާ އެއްވަރު ކުއްޖެއް މިގެއަށް އައިމަ...' އުލްޔާގެ އަތުން ދޫކޮށްނުލާ ހުރެ އެއްނޭވާއިން އެހުރިހާ ވާހަކައެއް އަމުނާލިއިރު އޭނަ އެތަނަށް އައީ އުލްޔާ ގޮވައިގެން ތިރިއަށް ދާންހެން ހީވެސްނުވެއެވެ.
'އާނ ދެން އޯކޭ އޭ.. މާން މިތަނަށް އައީ ރަޒީނައްތަ ބުނެގެން މަ ބަލައެއްނު... ދެން އަޅެ ސިޑިން ފައިބަން ވެއްޖެނު'... ކެތްކޮށްގެން ހުރެފަ އުލްޔާއަށް އެހެން ބުނެވުނީ ހަމަ އެއްވެސް އިހުތިޔާރަކާނުލައެވެ.
ދެން އިތުރު ބަހެއް ބުނުމަކާނުލާ އުލްޔާގެ އަތުން އޭނާ ދޫކޮށްލިއެވެ. އަދި ސިޑިއާ ދިމާލަށް ހިނގައިގަތީ ހެވިފައިހުރެއެވެ. އުލްޔާ ތުން އަނބުރަމުން އޭނާގެ ފަހަތުން ހިނގައިގަތެވެ. ހަނދާންވީ ރަށުގައި އުޅުނުއިރު ސްކޫލް ފިރިހެންކުދިންގެ ތެރެއިން އޭނާގެ އެންމެ ރަހުމަތްތެރި ޔާސީން މަތިންނެވެ. ސަމާސާ ކުރުމާއި ހުނުމުގައި އުލްޔާއާއި ޔާސީން އުޅުނު އުފާވެރި ދުވަސްތަކެވެ. ކުއްލިއަކަށް ޔާސީން ހަނދާން މިވީ މާންގެ މިޒާޖު ކޮންމެވެސް ވަރަކަށް ޔާސީންއާ އެއްގޮތްވީމަކަން ނޭނގެއެވެ. ދިމާވާ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ސަކާރާތެއް ޖަހާލުމަކީ ޔާސީންގެ ގޮތެވެ. ދެކެފަރިތަ ދަންނަ މީހަކާ ވާހަކަ ދައްކާގޮތަށް މާންއާ ވާހަކަދެއްކުން އެހާ ފަސޭހަވީ ޔާސީން ހަނދާންވެފަކަން ނޭނގެއެވެ.
ސިޑީގެ މެދަކާ ހަމައިން އެނބުރި އުލްޔާއަށް ބަލާލާފައި މާން ހިނިގަނޑެއް ޖަހާލި ގޮތުން އުލްޔާއަށްވެސް ހެވުނެވެ. އެކަމަކު އޭރު ސިޑީގެ އެންމެ ތިރީ ފައްތަރު ކައިރީ ރަޒީނައްތައާއި އުލްޔާގެ ބައްޕަ އެކުދިންނަށް ބަލަން ތިބި ތަން ފެނުމުން އުލްޔާ ވަގުތުން ސީރިއަސްވިއެވެ.
'މާންގެ ސަކާރާތް ޖެހުން އުލްޔާއަށްވެސް ދައްކާލީ ދޯ..' ރަޒީނައްތަ ބުނެލިއެވެ.
'ތިއްތަ ބުނީމަ މަ ދިޔައީ.. ނުލާހިކު ބަސްއަހައިގެން މަ ހުރީ. ދޯ އުލްޔާ' އުލްޔާއަށް ބަލާލާފައި މާން އެހެން ބުނެލުމުން އުލްޔާވެސް ބޯޖަހާލިއެވެ.
'މާން މީ ރަޒީނައްތަގެ ދޮންތަގެ ހުރި ހަމައެކަނި ދަރިފުޅު.. ޖެހިގެން އެހެރީ ދޮންތަމެންގެ...މާން ވަރަށް ގިނައިން އަންނާނެ މިގެއަށް.. މިހާރު އުލްޔާއާ ރަހުމަތްތެރިވެވުނީމަ ދެން ވަކިން ގިނައިން އަންނާނެ..' މާންގެ ކޮނޑުގައި ޖަހާލާފައި ރަޒީނައްތަ އެހެން އެބުނީ މާން ލަދުގަންނަވާށެވެ.
'ޔާރައްބީ! ތިއްތާ.. ޒަރީރުބެ ހުރީމަ މިއަދު މިވަދެލީވެސް... ހޫނ' ވަރަށް ހިތްހަމަނުޖެހިއްޖެކަން ދައްކަން މާން މަސައްކަތްކުރިއެވެ. 'ދެން އެކަމަކު ގޮސްދާނަން ތިކުދިންނާއެކީ ބާޒާރަށްވެސް' އެންމެނަށް އެކީ ހީގަނެވުނީ މާންގެ ރާގު ހުރި ގޮތުންނެވެ.
' ދަރިފުޅު ކޯޗެއް ގަންނަން ތިދަނީ؟' ބައްޕަވެސް ކޮންމެވެސް އެއްޗެއް ބުނެލަން ވެގެން އުލްޔާ ކައިރިއަށް ޖެހިލާފައި އަހާލިއެވެ.
'ނޭނގެ' އުލްޔާގެ ޖަވާބު ކުރެވެ. އޭނާއަކީ އަމިއްލައަށް ބާޒާރުކޮށް އުޅުނު ކުއްޖެއްނޫނެވެ. އޭނާއަށް ބޭނުންވާ އެއްޗެހި ހޯދާދެނީ އޭނާގެ މަންމައާއި ބައްޕައެވެ. އަދި މިހާތަނަށް މަންމައާއި ބައްޕަ ނޫން މީހަކާއެކު އޭނާ މާލޭގައި ބާޒާރުކުރަން ނުވެސް ދެއެވެ. މާލެ ބަދަލުވުމާއެކު އޭނާއަށް މިކުރަން ޖެހެނީ ހުސް އާކަންތަކެވެ. އަދި އެއިން އެއްވެސް ކަމަކާ އޭނަ ދެކޮޅު ހަދަން ޖެހޭ ކަމެއް ކުރިމައްޗެއް ނުވެސްވެޔޭ އޭނާގެ ހިތަށް އެރިއެވެ.
ރަޒީނައްތައާއެކީ ދާއިރު މާން ދިޔަޔަސް އޭނާއަށް ހެވެވެ. އޭނާއަށްވުރެ ރަޒީނައްތައާ ހުރިހާ ގޮތަކުންވެސް ގާތް ކުއްޖަކީ މާންއެވެ. މާލެއިން އަލަށް ލިބޭ ރަހުމަތްތެރިއަކަށް މާން ކަހަލަ ކުއްޖެއް ވެދާނެޔޭ އޭނަގެ ހިތަށްވެސް ގެނެވިފަ ނެތެވެ. އެކަމަކު މިއީ އޭނާއަށް މާން ފެނުނު ފުރަތަމަ ފަހަރުކަމަށްވިޔަސް މާންއަކީ ރަހުމަތްތެރިއަކަށް ހަދަން ރަނގަޅު ކުއްޖެއް ކަމަށް އުލްޔާ ނިންމިއެވެ.
'އަހަރެމެން އަންނާނީ ސްކޫޕަށްވެސް ވަދެލާފަ އިނގޭ.. ދެން ދަނީ' ރަޒީނައްތަ އެހެން ބުނެލީ ބައްޕައަށެވެ. ސްކޫޕަކީ އުލްޔާ ދުވަހަކުވެސް ދިޔަ ތަނެއް ނޫނެވެ. އެއީ އައިސްކްރީމް ބޯން ދާތަނެކޭ އޭނާގެ ކައިރީ ކޮންމެވެސް މީހަކު ބުނި ހަނދާންވެއެވެ.
(ނުނިމޭ)




