
ރަޒީނައްތައާއި އުލްޔާ އަދި މާން ގެއިން ނުކުމެ މިސްރާބު ޖެހީ މަޖީދީމަގަށެވެ. ހިމަ ގޯޅިތަކުންލާފައި ގޮސް މަޖީދީމަގަށް ނުކުމެވުނީވެސް ގާތްގަނޑަކަށް ވިހި ތިރީސް މިނެޓުންހެން އުލްޔާއަށް ހީވިއެވެ. މާލޭގައި ހިނގާފައިވެސް، ދުއްވާ އެއްޗެއްގައިވެސް އުޅޭހިތެއް އޭނާ ނުވެއެވެ. އޭނާގެ ހިތް އޮތީ ރަށުގައެވެ. މާލޭގައި އެންމެ ދުވަހެއްވެސް ނުވަނީސް އޭނާ ފޫހިވާން ފަށައިފިއެވެ. މަންމައާއި ކޮއްކޮމެން ނުފެނި ހާދަ އިރެއް ވެއްޖެއެވެ. އޭނާއަށް މިހެން މި ދިރިއުޅުމަށް އާދަވެވި ދާނެބާވަ އެވެ.
'އަނހަ ތިހެދީ ކިހިނެއް؟' މާން ތަންކޮޅެއް ބާރަށް އެހެން ބުނެލީ އުލްޔާ ގާކޮޅެއްގައި އަޅައިގަނެފައި ވެއްޓެން ދިޔަ ބޮނޑީގައި ފާރުގައި ހިފެހެއްޓިތަން ފެނިފައެވެ. އުލްޔާ އެއްޗެކޭ ނުބުނެ ތަންކޮޅެއް ފަރުވާތެރިވެގެން ހިނގަން މަސައްކަތްކުރިއެވެ. މާން އެ ހުންނަނީ ރަޒީނައްތަ އާއި އުލްޔާގެ ފަހަތުގައެވެ. ވައްކަޅިއަކުން އުލްޔާ ބަލާލި އިރު މާން ދެފަރާތަށް ބޯ ހޫރަމުން ދެއަތް ހޫރަމުން ހިނގަމުން ދިޔައީ މޮޔަ ފާޑަކަށެވެ. އުލްޔާއަށް އަނގަމަތީ އަތް އެޅުނީ ހިނިގަނޑު މަތަނުވެގެނެވެ.
މިވީގޮތެއް ނޭނގިގެން ފަހަތަށް އެނބުރި ބަލާލި ރަޒީނައްތައަށްވެސް ބާރަކަށް ހީގަނެވުނެވެ.
'މާން. ސާބަހޭ. ރީތިކޮށް ހިނގަން ދަސްކުރޭ. އެހެންނޫނީ ދެން އަހަރެމެންނާ އެކީ ނުގެންނާނަން.' ރަޒީނައްތަ ދިނީ ވަރުގަދަ އިންޒާރެކެވެ. މާން ވަގުތުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން 'ނޯމަލް' ކޮށް ހިނގަން ފެށިއެވެ. އެކަމަކު ތަންކޮޅަކަށް ނުދެވެނީސް ކޮށިއަރައިގެން ކެއްސާ ގޮތަށް ކެއްސަން ފެށިއެވެ.
އެހިސާބުން ރަޒީނައްތަ ހިނގުން ހުއްޓާލާފައި ދެއުކުޅުގައި އަތްވިއްދާލައިގެން ހުރެ ފަހަތަށް އެނބުރުނެވެ.
'މަށަށް ހަމަ ޔަގީނޭ މިއަދު މި މާން މި ހުރިހާ ވައްތަރެއް މި ޖައްސަނީ އުލްޔާއަށް ފޮނި ދައްކަންވެގެން ކަން... ބުނާނަން ދޮންތަ ކައިރީގަވެސް...' ރަޒީނައްތައަށް އެހިސާބަށް ބުނެވުނު އިރަށް މާން ދެއަތް މައްޗަށް ނަގާ ނޫންނޫން އޭ ބުނެ ދެކަންފަތު ފޫޅުގައި އަމިއްލައަށް ހިފަމުން ސޮރީ ސޮރީއޭވެސް ބުނެފިއެވެ.
ދެން ފަހަރަކު ފިހާރައަކަށް ވަންނަމުން އުލްޔާއަށް ބޭނުންވާނެހެން ރަޒީނައްތައަށް ހީވާ ރީތިވާ ސާމާނާއި ހެދުން ފަހާނެ ފޮތިވެސް ގަތެވެ.
'މަގޭ ގުދާރުވެސް ބިނދިއްޖެ' ސްކޫޕަށް ގޮސް ވަދެ އިށީނދެލާފައި ބުރަކަށީގައި ފިރުމާލަމުން އެއްކަލަ މާން ބުނެފިއެވެ.
'އެންމެ ދުވަހަކު ތިމާއާ އެއްފުރައިގެ އަންހެންކުއްޖަކާ އެކީ ބާޒާރު ކުރަން ނުކުމެވުނީމަ ގުދާރު ބިނދިފަ.... ކުރިއަށް އޮތްތާ ތި ގުދާރު ގޭގަ ބާއްވާފަ ދޯ އަންނާނީ.' ރަޒީނައްތަ މާންއަށް ޖެއްސުން ކޮށްލުމުން މާން ވަރަށް ވިސްނާކަމަށް ހެދިގެން ބޯއަރިކޮށްލައިގެން ހުރެއްޖެއެވެ.
ވެއިޓަރު އައިސް މެނޫ ދިނުމުން 3 މީހުންނަށްވެސް ރަޒީނައްތަ އޯޑަރ ދިނީ 3 ބަތޫތާއަށެވެ. އެއީ ކޯޗެއްބާވައޭ ހިތަށް އަރާފައިވެސް އަހާލަން ނުކެރިފައި އުލްޔާ މަޑުން ހުރީއެވެ. 3 ތައްޓަށް ފެން އެޅީ މާންއެވެ. ކަރުހިއްކައިގެންފައި ހުރި ވަރުން އުލްޔާ އެއް ނޭވާއިން ފެންތަށި ދަމާލިއެވެ.
'ސުއްބޫހުން... މި ކުއްޖާއަށް މިއަދު އަދި ފެންފޮދެއްވެސް ނުލިބިތަ މިހިރީ؟' ހިމޭނުން ނުހުރެވިގެން މާން އަނގަ ގަދަކޮށްލި އެވެ.
'އާނ. ރަޒީނައްތަމެންގެއިން ފެން ހުސްވެފައޭ ހުރީ.. ދޯ އުލްޔާ' ރަޒީނައްތަވެސް ދޫކުރާކަށް ނޫޅުނެވެ. އުލްޔާވެސް ކުޑަކޮށް ނިތް އަރުވާލީ ރަޒީނައްތައާ އެއްބައިވާން ވެގެނެވެ.
'އެހެންތަ. ދެރަކަމެއްނު. މިތަނުން ފެން ހަމެއް ހިފައިގެން ދޯ ދާނީ' މާން ބުނެލީ އަދި މާ މޮޅު އެއްޗެކެވެ.
'ރަނގަޅު ހިޔާލެއް ތިވެސް.' ރަޒީނައްތަ ބުނެލިއެވެ.
އެކަހަލަ ތާކުންތާކު ނުޖެހޭ އަނގަ ތަޅަން ތިއްބާ ބަތޫތާތައްވެސް ގެނެސްފިއެވެ. ކާންފަށާފައި ފޮނިގަދަކަމުންނާއި ފިނިގަދަކަމުން އުލްޔާއަކަށް އެ ބަތޫތާ ހުސް ކުރެވޭ ވަރެއް ނުވިއެވެ. އުލްޔާ ބަލާލިއިރު މާންގެ ތަށި ހީވަނީ ދޫލާފައި އޮމާންކޮށްފައި ހުރިހެނެވެ. ރަޒީނައްތަގެ ތަށިވެސް ހުސްވަނީއެވެ. އެކަމަކު ދެން އުލްޔާއަކަށް އެ ނުބޮވޭނެ އެވެ. ފިނިއެއްޗެހި ބޮއެގެން ރޯގާޖެހި ބަލިވާކަށް އޭނާ ބޭނުމެއްނޫނެވެ.
'އުލްޔާއަށް މާ ފިނިވީ ދޯ.. މިތަންވެސް އެހާ ފިނިގަދަވިއްޔަ ދޯ... ދެން ފެން ބޮއިގެން ބިލު ދައްކާފަ ހިނގާ އަވަހަށް ނުކުންނަމާ... އޭރު ވެއިޓަރު ގެނައި ބިލަށް ވާ ފައިސާ ރަޒީނައްތަ ހުރީ ހަމަކޮށްފައެވެ. އިޝާރާތްކޮށްލުމުން ވެއިޓަރު އައިސް ބިލާއި ފައިސާ ގެންދިއުމުން ތިން މީހުން ނުކުންނަން ހިނގައިގަތީ ގެނައި ކޮތަޅުތައް ހިފައިގެންނެވެ.
އުލްޔާމެނަށް ގެއާ ހިސާބަށް އާދެވުނުއިރު ހައެއް ޖަހަން ހުރީ އެންމެ ދިހަ މިނިޓެވެ. މާލޭ މަގުމަތީ އެކި ހިސާބުގައި ހުރި ހޮޅިދަނޑިތަކުގައިވާ ހޮޅިބުރިތައް ދިއްލަމުން ބައިސްކަލެއްގައި އަންނަ މީހެއް އޭރު އެގޭ ގޯޅިގަނޑުގައި ހުރި ހޮޅިދަނޑި ކައިރީގައި އެ ހޮޅިބުރި ދިއްލަން ހުއްޓެވެ. އުލްޔާއަށް އަލަށް ފެނުނު އެ މަންޒަރު އޭނާއަށް ވަރަށް ކަމުދިޔައެވެ. ޔުސްކޮއްކޮއަށް ފޮނުވާ ސިޓީގައި އޭނާ ލިޔާނެ އެއް ވާހަކައަކަށްވާނީ ހޮޅިބުރިތައް ދިއްލާމީހާގެ ވާހަކަކަން ޔަގީނެވެ.
(ނުނިމޭ)




